ސަފުގެ ހުސްތަންތަން ފުރާލައި ގާތްގާތުގައި ތިބެގެން ސަފުހަދަން އިމާމް ގޮވާލީމާ ފަސްޖެހޭ މީހުން ވިސްނާލަންވީ ބައެއް ޙަދީޘްފުޅުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ސަފުގެ ހުސްތަންތަން ފުރާލައި ގާތްގާތުގައި ތިބެގެން ސަފުހަދަން އިމާމް ގޮވާލީމާ ފަސްޖެހޭ މީހުން ވިސްނާލަންވީ ބައެއް ޙަދީޘްފުޅުތައް-

ބައެއް މިސްކިތްތަކުގައި މިހާރުވެސް ސަފުހަދަނީ އެއްވެސް ބިރެއް ނެތި ދެމީހުންގެ ދޭތެރެއަށް ބޮޑެތި ޖާގަތައް ދޫކޮށް ސަފުބުރިބުރިކުރަމުންނެވެ. ގިނަ މިސްކިތްތަކުގައި ފުރަތަމަ 2،3 ސަފެއް ގާތްގާތުގައި ތިބެގެން ސަފު ހެދި ނަމަވެސް ފަހަތަށްދާވަރަކަށް ދެމީހުންގެ ދޭތެރޭގައި އޮންނަ ހުސްޖާގަ ބޮޑުވެގެންދެއެވެ. 

ނަމާދުގައި ސަފުހަދަންޖެހޭނީ އެކިސަފު އެކި ގޮތަކަށް ނޫނެވެ. ހުރިހާ ސަފުތަކެއްވެސް ހަދަންޖެހޭނީ ހަމަ އެއްގޮތަކަށެވެ. 

ހިތާމައަކީ ސަފުތައް ރަނގަޅަށް ތަރުތީބުކޮށްފާނެތީ ބިރުން ޖެހިލުންވާ އިމާމުންވެސް އުޅޭކަމެވެ. ބިރުގަންނަ އިމާމުން ތިބޭކަން ޔަޤީންކުރެވޭ ސަބަބަކީ އެންމެ ފަހަރަކުވެސް ދިވެހިބަހުން މީހުންނަށް އެނގޭގޮތަށް ސަފަށް ގޮވައިނުލާކަމެވެ. 

މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު ޢުމަރު ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ.

من وصل صفاّ وصله الله ومن قطع صفاّ قطعه الله عزّ وجل (رواه احمد, وابوداود…..)

މާނައީ: ސަފެއް ގުޅުވައި ފުރިހަމަކޮށްފިމީހާ ﷲ އެކަލާންގެ ރަޙުމަތުން އޭނާ ގުޅުވާލައްވާނެއެވެ. އަދި ސަފެއް ކަނޑައިލައިފި މީހާ (އެބަހީ ސަފަކުން ބައެއް އުނިވުމުން އެތަން ފުރިހަމަ ނުކޮށްފިމީހާ) ﷲ އެކަލާންގެ ރަޙުމަތުން އޭނާ މަހުރޫމް ކުރައްވާނެއެވެ.

އަދި މާތްﷲ ރުއްސުންލެއްވި ޖާބިރު ބުނު ސަމުރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. އެއްދުވަހަކު (އަހުރެމެން ނަމާދަށް ސަފު ހަދައިގެން ތިއްބައި) رسول الله صلّي الله عليه وسلّم ވަޑައިގެން ހަދީޘް ފުޅު ކުރެއްވިއެވެ.

ألا تصفّون كما تصفّ الملاءكة عند ربّها މާނައީ: މަލާއިކަތުން ﷲ ގެ ހަޟުރަތުގައި ސަފު ހައްދަވާ ގޮތަށް ތިޔަބައި މީހުން ސަފެއް ނުހައްދަވާނަން ހެއްޔެވެ.؟ އަހުރެމެން ދަންނަވައިފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ ހަޟްރަތުގައި މަލާއިކަތުން ސަފުހައްދަވަނީ ކިހިނެއްތޯއެވެ.؟

އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. ”އެބޭކަލުން ފުރަތަމަ ސަފުތައް (އެބަހީ ސަފަކާޖެހި ސަފެއް) ފުރިހަމަ ކުރައްވަތެވެ. އަދި ސަފުގައި އެއްބޭކަލަކު އަނެއް ބޭކަލެއްގެ ގައިކޮޅުގައި ޖެހިވަޑައިގެން ގުޅިލައްވަތެވެ“ (رواه احمد ومسلم وابوداود والنّسا ءي وابن ماجه)

މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން