މައިމީހާއަށް ލޯބިކުރުމުން ނުލިބޭނެ ނިޢްމަތެއް ނެތްކަން!: ކުރާ ކޮންމެ ދުޢާއެއް ޢިޖާބަކުރައްވަވާނެކަން 7 އުޑުމަތިން އެންގެވި ތާބިޢީ ބޭކަލެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
މައިމީހާއަށް ލޯބިކުރުމުން ނުލިބޭނެ ނިޢްމަތެއް ނެތްކަން!: ކުރާ ކޮންމެ ދުޢާއެއް ޢިޖާބަކުރައްވަވާނެކަން 7 އުޑުމަތިން އެންގެވި ތާބިޢީ ބޭކަލެއްގެ ވާހަކަ-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކަމެއް ކުރުން ގިނަކުރުމުން އެމީހަކު ބޭނުންވާހައި ނިޢްމަތްތަކެއް ދެއްވަވާނެ ކަމަކަށް އޮތީ އަސްތަޣްފާރުކުރުމެވެ. އެކަމަށް އެއްބަސްވާ ޙާލު މިކިޔައިދޭ ވާހަކަވެސް އަޑުއަހާށެވެ! މިކިޔައިދެނީ މައިންބަފައިންނަށް ލޯބިދީ، އަޅާލައި، އެހީތެރިވުމުން އޭނާ އެދިވަޑައިގެންނެވި ކޮންމެ ކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވެވި މަތިވެރި ބޭކަލެއްގެ ވާހަކައެވެ. 

ފެށުމުގެ ކުރިން ކުޑަ ވާހަކައެއް ބުނެލާނަމެވެ. މިއަދަކު 7 އުޑުމަތިން ވަޙީ ނުއަންނާނެ ކަމަށް ބުނެވިދާނެއެވެ. ބަލަންވީ މިއަދު ވަޙީ އައުދޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ބަލަންވީ ތިމާ އެދޭ އެދުންތައް ފުއްދަވައިދެއްވަވާތޯއެވެ! ތެދުވެރިކަމާއިއެކު ދިރާސާކުރާށެވެ. އެބައެއްގެ ބޭނުންތައް ފުދި، އެންމެ އުފަލުގައި ދިރިއުޅޭތަން ފެންނާނީ މައިންބަފައިންނަށް ލޯބިދީ، އަޅާލައި، އެހީތެރިވާ ދަރިންނެވެ. ކަނުލައި ރަނގަޅަށް އަޑުއަހާށެވެ! 

އަހަރެމެން ކޮންމެ މީހެއްގެ ގާތުގައިވެސް އެމީހާ އެންމެ ބޭނުންވަނީ ކޮންކަމަކަށް ކަމާއިމެދު ސުވާލުކޮށްފިނަމަ ޖަވާބުގަި ބުނެވޭނީ ކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަކުރެއްވެވުން ކަމަށެވެ. އެހެނީ އެއިރުން އެމީހަކަށް ޙާޞިލުނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެތީއެވެ. އެދުނު ކޮންމެ ކަމެއް ޙާޞިލުވަމުންދާނެތީއެވެ. 

އުވައިސް އަލްޤަރްނީއަކީ ތާބިޢީ ބޭކަލެކެވެ. ޞަޙާބީއެއް ނޫނެވެ. ނަމަވެސް އުވައިސް އަލްޤަރްނީ ޢާއި ބައްދަލުވެވަޑައިގަތުމުން ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކޮށްދެއްވުމަށް ވިދާޅުވުމަށް މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނަށް ރަސޫލް ޙަދިޘްފުޅު ކުރެއްވެވިއެވެ. އަދި އޭނާގެ ސިފަތައް ޢުމަރުގެފާނަށް ބަޔާންކޮށް ދެއްވެވިއެވެ. 

ސުވާލަކީ ދުވަހަކު ރަސޫލް އާއި ބައްދަލުވެފައިނުވާ، ޔަމަނުގައި އުޅުއްވި ބޭކަލެއްގެ ސިފަފުޅު ރަސޫލް އަށް އެނގިވަޑައިގެންނެވި ގޮތެކެވެ. އަދި އޭނާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެ ކަމަށް ވިދާޅުވާން އެނގިވަޑައިގެންނެވި ސަބަބާއިމެދުގައެވެ. ހަޤީޤަތަކީ ﷲ ތަޢާލާ އެކަންކަން ބަޔާން ކުރެއްވެވުމުން ޖިބްރީލްގެފާނު އެވާހަކަފުޅުތައް ރަސޫލް އަށް އަންގަވައިދެއްވަވާފައިވާ ކަމެވެ. 

ނިކަން ވިސްނައިބަލާށެވެ! ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހުރިހާ ބޭކަލުންނަކީ އެބޭކަލުންގެ ހުރިހާ ދުޢާތަކެއް އިޖާބަ ކުރެއްވެވިގެންވާ ބޭކަލުންކަން އެނގޭކަށް ނެތެވެ. އުވައިސް އަށް ޞަޙާބީއަކަށްވެވަޑައި ނުގެންނެވުނު ނަމަވެސް، ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ނަމަވެސް އުވައިސް އަށް ލިބިވަޑައިގަތީ އެންމެ މަތީ ދަރަޖައެވެ. ކުރައްވަވާ ކޮންމެ ދުޢާއެއް ﷲ ތަޢާލާ އިޖާބަ ކުރެއްވެވުމަށްވުރެ މަތިވެރި ދަރަޖައަކީ ކޮބައިހެއްޔެވެ؟ 

އުވައިސް އަލްޤަރްނީއަށް މިފަދަ ދަރަޖައެއް ލިބިވަޑައިގެންނެވި ސަބަބުކަމަށް އަހަރެންނަށް އެނގިފައި އޮތް ގޮތް ކިޔައިދޭނަމެވެ. 

އުވައިސްގެ ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަގެ ހުރިހާ ކަމެއް ވަރަށް ޒިންމާދާރުކަމާއިއެކު ބަލަހައްޓަވަމުން ގެންދެވީ އުވައިސްއެވެ. އެހެންކަމާއިއެކުވެސް މަދީނާއަށް ވަޑައިގެން ރަސޫލް ފައިންޕުޅު ދެކެލައްވަން އުވައިސް ވަރަށް ބޮޑަށް ބޭނުންވެ ލެއްވެވިއެވެ. މަންމަ އަށް ވަރަށް އާދޭސް ކުރެއްވުމުން މަންމަ ހުއްދަ ދިނީ އެންމެ 2 ދުވަހު މަދީނާގައި ހުންނެވުމަށެވެ. 2 ދުވަސްވުމުން އެނބުރި ވަޑައިގަތުމަށެވެ. އެއީ އުވައިސް ނެތުމުން މަންމައަށް ވަރަށް ދަތިވާނެތީއެވެ. 

ކަން ދިމާވިގޮތުން އުވައިސްއަށް މަދީނާއަށް ވަޑައިގެންނެވުނުއިރު ރަސޫލް މަދީނާއަކު ނެތެވެ. އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 2 ހަފްތާވަރު ފަހުންނެވެ. އެހެންކަމުން އުވައިސްއަށް އޮތީ 2 ގޮތެކެވެ. އެއްގޮތަކީ ރަސޫލް އެނބުރިވަޑައިގަންނަވަންދެން މަދީނާގައި މަޑު ކުރެއްވެވުމެވެ. ނަމަވެސް އެއިރުން މަންމަ ދިން ހުއްދަ އާއި ޚިލާފް ވެވަޑައިގެންނެވޭނެއެވެ. ދެވަނަ ގޮތަކީ މަންމަ ބޭނުންވި ގޮތަށް އަމަލުކުރެއްވެވުމެވެ. އެއިރުން ރަސޫލް އާއި ބައްދަލުވެވަޑައެއް ނުގަންނަވާނެއެވެ. ޞަހާބީއެއްގެ ދަރަޖަ ލިބިވަޑައެއް ނުގަންނަވާނެއެވެ. 

ޔަމަނުން މަދީނާއަށް ދަތުރެއް ކުރުމަކީ 1 މަސް ދުވަހުން ކުރެވޭ ކަމަކަށްވެފައި އުފުލަން ޖެހޭ ތަކްލީފް ބޮޑުކަމުން މިދެގޮތުން ކުރެ ގޮތެއް ނިންމަވަން އުވައިސްއަށް ވަރަށް އުނދަގޫފުޅުވިއެވެ. ނަމަވެސް ނިންމެވީ މަންމަ ބުނެފައިވާ ގޮތަށް އަމަލުކުރެއްވުމަށެވެ. އެއީ ކިތަންމެ ބޭނުންފުޅުވި ނަމަވެސް ޞަޙާބީއަކަށްވުމަކީ މަޖުބޫރު ކަމަކަށް ނުވެފައި މަންމަގެ އަމުރަށް ކިޔަމަންވުމަކީ ﷲ ތަޢާލާ ވާޖިބު ކުރައްވަވާފައިވާ ކަމަކަށްވާތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރެއްވުމަށްޓަކައެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި އުވައިސްގެ ޤަދަރު އުފުލިގެން ދިއައީ މައިމީހާގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. އެމިންވަރަށް މަންމައަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމުންނެވެ. އެ ސަބަބަށްޓަކައި އުވައިސްގެ ވާހަކަ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ރަސޫލް (ޞޢވ) އަށް ބަޔާންކޮށްދެއްވެވީއެވެ. 

މީސްތަކުންނޭވެ! އަހަރެމެންނަކީ ދުޢާ އިޖާބަ ކުރެވޭ ބައަކަށް ވުމަށް އެދޭނަމަ މައިންބަފައިންނަށް ކަމޭ ހިތައި އޯގާތެރިވެ ކިޔަމަންތެރިވާންޖެހޭ މިންވަރު އުވައިސްގެ ހާދިސާއިން އެނގިގެންދެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން