ޒަކަރިއްޔާގެފާނުގެ ވާހަކަ 7: ޝަހީދުގެ ދަރިކަލުން ޝަހީދަށް ފާފައެއް ކުރެވިދާނެތީ ތުރުކުރެއްވީ ކެހެރީގެ ފޭރާން! ފަރީއްކުޅުއްވީ، ގަސްގަހުގެ ފަތް!: ޙަދީޘް

ކިޔުމަށް ހޭދަވާނީ 5މ 45ސ
ޒަކަރިއްޔާގެފާނުގެ ވާހަކަ 7: ޝަހީދުގެ ދަރިކަލުން ޝަހީދަށް ފާފައެއް ކުރެވިދާނެތީ ތުރުކުރެއްވީ ކެހެރީގެ ފޭރާން! ފަރީއްކުޅުއްވީ، ގަސްގަހުގެ ފަތް!: ޙަދީޘް

ޢަލީ އިޙްޞާން ފިރާޤް  

 

ޝަހީދުކޮށްލުން: 

އަލްބިދާޔަތު ވައްނިހާޔަތުގައިވާގޮތުން، ބަނީއިސްރާއީލުބާގައިގެ މީހުން ވަނީ زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ޤަތުލު ކޮށްފައެވެ. ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ބަނީއިސްރާއީލުބާގައިގެ މީސްތަކުން ނަބީބޭކަލުން ޤަތުލު ކުރިކަމަށް އައިސްފައިހުރެއެވެ. އެގޮތުން ސޫރަތުލް މާއިދާ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ ﴿٧٠

މާނައީ: [ހަމަކަށަވަރުން، އިސްރާއީލު ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ.] 

މިދެންނެވި އާޔަތުގެ ތަފްސީރުގައި އިމާމު ޤުރުޠަބީ ލިޔުއްވައިފައިވެއެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ޤަތުލުކުރި ނަބީބޭކަލުންގެ ތެރޭގައި زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ހިމެނެއެވެ. އަދި މިނޫންވެސް އެތައް ނަބީބޭކަލުންނެއް އެބައިމީހުން ޤަތުލުކޮށްފައިވެއެވެ. އެބައިމީހުން ދޮގުކުރި ރަސޫލުބޭކަލުންގެ ތެރޭގައި عيسى عليه السّلام  ހިމެނެއެވެ.

{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، މާއިދާ ސޫރަތުގެ 70 ވަނަ އާޔަތުގެ ތަފްސީރު} 

يحيى عليه السّلام ޝަހީދުކޮށްލެވުނު ޙާދިޘާއާމެދު ތަފާތު ރިވާޔަތްތައް ބަޔާންވެގެންވެއެވެ. އެގޮތުން އެންމެ މަޝްހޫރު ރިވާޔަތެއްކަމުގައި އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވަނީ މިދަންނަވާ ރިވާޔަތެވެ. އޭރު ދިމިޝްޤުގެ ވެރިއަކަށް ހުރި ރަސްގެފާނު އޭނާ ކައިވެނި ކުރުން ޙަރާމް އަންހެނަކާ ކާވެނި ކުރަން ޤަޞްދުކުރިއެވެ. އެކަން އެނގިވަޑައިގެންނެވުމުން يحيى عليه السّلام  އެކަން ވަރުގަދަޔަށް މަނާކުރެއްވިއެވެ. އެންމެފަހުން އެ އަންހެނާގެ ބަހަށް އެކަލޭގެފާނު ޤަތުލުކުރެވުނެވެ. 

އަނެއް ރިވާޔަތެއްގައިވަނީ އެ ރަސްގެފާނުގެ އަނބިކަނބަލުން يحيى عليه السّلام  ދެކެ އެކަލޭގެފާނު ދެކެލޯބިފުޅުވިއެވެ. އެކަން يحيى عليه السّلام  ދެންނެވުމުން އެކަލޭގެފާނު އެކަމަނާގެ އަރިހަށް ދިއުމަށް އިންކާރުކުރެއްވިއެވެ. އެކަމާ އޭނާ ރުޅިއައިސްގެން ރަސްގެފާނުގެ އަރިހުގައި ތަފާތު ބަހަނާދައްކައިގެން އެކަލޭގެފާނު ޤަތުލުކޮށްލިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 411} 

އަދިވެސް އަލްބިދާޔާ ވައްނިހާޔާ މި ފޮތުގައިވެއެވެ.  شمر بن عطية ވިދާޅުވެފައިވެއެވެ. [يحيى عليه السّلام  ޝަހީދުކުރެވުނީ ބައިތުލް މަޤުދިސުގެ صخرة ގެ ކައިރީގައެވެ. އެތަނުގައި ހަތްދިހަ ނަބީބޭކަލުން ޤަތުލުކުރެވިފައިވެއެވެ.] އަދި އެކަލޭގެފާނު ޝަހީދުކުރެވުނީ ދިމިޝްޤުގައި ކަމަށްވެސް ރިވާވެގެން އައިސްފައިވެއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414-413} 

އަދިވެސް ރިވާވެގެންވާ ތާރީޚީ ރިވާޔަތެއްގައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު، ވަލީދު ބުނު މުސްލިމުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ޒައިދު ބުނު ވާޤިދީ ވިދާޅުވެފައިވެއެވެ. ދިމިޝްޤުގެ މިސްކިތް ބިނާ ކުރަމުން ގެންދަނިކޮށް يحيى عليه السّلام ގެ އިސްތަށިފުޅުފެނުނެވެ. ޚުދު އަހަރެންވެސް އެކަލޭގެފާނު ގެ އިސްތަށިފުޅު ދުށީމެވެ. އެ އިސްތަށިފުޅު ވަޅުލެވިފައިވަނީ މިސްކިތުގެ މިޙްރާބުގެއާ ދާދި ކައިރީގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ ހަންކޮޅަކަށްވެސް އިސްތަށްޓަކަށްވެސް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

(އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414}

އިބްނު ޝިހާބު ވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްދުވަހަކު އެކަލޭގެފާނުގެ ޞަޙާބީބޭކަލުންގެ އަރިހަށް ނުކުމެވަޑައިގެންނެވިއެވެ. އެވަގުތު ޞަޙާބީބޭކަލުން އެކިއެކި ނަބީބޭކަލުންގެ މާތްކަމުގެ ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެތަނުން އެއްބޭކަލަކު ވިދާޅުވިއެވެ. [މުސާގެފާނަކީ كليم الله އެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. ޢީސާގެފާނަކީ روح الله އެވެ.] އަނެއް ބޭކަލަކު ވިދާޅުވިއެވެ. [އިބްރާހީމުގެފާނަކީ، خليل الله އެވެ.] މިބޭކަލުންގެ މިވާހަކަތައް އަޑު އައްސަވައި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. [ޝަހީދުގެ ދަރިކަލުން ޝަހީދު ވާހަކަ ބަޔާން ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ފާފައެއް ކުރެވިދާނެތީ ތުރުކުރެއްވީ ކެހެރީގެ ފޭރާމެވެ. ފަރީއްކުޅުއްވީ، ގަސްގަހުގެ ފަތެވެ.] އިބްނު ވަހަބު ވިދާޅުވަނީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ އިޝާރާތް ކުރެއްވީ يحيى عليه السّلام އަށް ކަމަށެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު، ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 403-404}

 

މިއަދު އޮންލައިން