ޖިމާޢުވާއިރު އަންހެންމީހާގެ ފަރުޖުގެ ތެރެއަށް މަނި ބޭރެއް ނުކުރެއެވެ. ސަބަބަކީ ފިރިމީހާ ދަރިޔަކު ބޭނުން ނުވާތީ އަދި ފިރިމީހާ އެއްވެސް ހުރަހެއް ބޭނުން ކުރަން ބޭނުން ނުވާތީއެވެ. މިހާރު ކައިވެންޏަށް 10 މަސްވަނީއެވެ. މިއީ ދީނީގޮތުން ކޮންކަހަލަ ކަމެއް؟ 2. ނަމާދު ވަގުތުގައިވެސް ފިރިމީހާ އެދެފިނަމަ އަނބިފިރިކަމުގެ ގުޅުން ހިންގުން ހުއްދަތަ؟
ޢަޒުލް ކުރުން ނުވަތަ މަނި ބޭރަށް އެޅުމަކީ ދީނުގައި ހުއްދަ ކަމެކެވެ. ޖާބިރު ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. (كنا نعزل والقرآن ينزل) މާނައަކީ: "ގުރްއާން ބާވާލައްވަމުން ދިޔަ އިރުގައިވެސް ތިމަންމެން ޢަޒުލް ކުރަމުން ގެންދިޔައީމެވެ". މިއިން ދޭހަވަނީ އެއީ ޙަރާމް ކަމެއް ނަމަ ނުވަތަ ކުރުން ރަގަޅު ނޫން ކަމެއްނަމަ ގުރްއާނުގައި އެކަން މަނާ ކުރެއްވީހެވެ. ނޫންނަމަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން މަނާ ކުރެއްވީހެވެ. ނަމަވެސް، އެފަދަ ކަމެއް ނެތުމުން ދޭހަވަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ ޢަޒުލް ކުރިނަމަވެސް ﷲ ތަޢާލާ، ދަރިޔަކު ދެއްވުމަށް އިރާދަ ކުރައްވާފައިވާނަމަ އަންހެން މީހާ ބަލިވެ އިންނާނެއެވެ.
ދެވަނަ ސުވާލުގެ ޖަވާބުގައި ބުނަމެވެ. އާދޭހެވެ. ނަމާދު ވަގުތުގައިވެސް ފިރިމީޙާ އޭނާގެ އެދުން ފުއްދުމަށް ގޮވާލައިފިނަމަ އެކަމަށް އިޖާބަ ދޭން ޖެހޭނެއެވެ. ނަމަވެސް އެއީ ނަމާދު އޭގެ ވަގުތުގައި އަދާ ނުކުރެވިދާނެކަމުގެ ބިރެއް ނެތްނަމައެވެ. والله أعلم.
އިތުރު ސުވާލާ ޖަވާބު:
އެއްރަކްއަތް ނިމުނުފަހުން ފަތިސްނަމާދަތް ދެވުނުމީހަކު އައްތަހިޔާތު ކިޔަންޖެހޭނީ ކޮން ރަކްއަތެއްގަ ؟
ޖަމާޢަތް ގެއްލިގެން މިސްކިތަށް ދެވިއްޖެމީހާ އިމާމާ އާއި އެކުގައި އައްތަޙިއްޔާތުގައި އިށީންނަންވާނެއެވެ. އަދި އައްތަޙިއްޔާތުން އެމީހަކަށް ކިޔުނު ހިސާބަކަށް ކިޔަން ވާނެއެވެ. والله أعلم.
އަޅުގަޑަކީ މަހަކު 20000 ރުފިޔާ ލިބޭ މީހެކެވެ. އަޅުގަޑުގެ ހުންނަނީ އެންމެ ދަރިއެކެވެ. އެދަރިފުޅުގެ ޚަރަދުވެސް ބަލަހައްޓަނީދަރިފުޅުގެ ބައްޕައެވެ.ބަލަންޖެހޭ އެހެންމީހަކުވެސް ނެތެވެ. ވީމާ ދަރިފުޅަށް މީހަކު ދޭޞަދަޤާތެއްގައި ހިފުން އެއީ ކޮންކަހަލަ ކަމެއްތޯ؟
ޞަދަގާތް ދޭން ޖެހޭނީ ފަގީރުންނަށެވެ. ތަނަވަސްކަމުގެ އަހްލުވެރިންނަކަށް ނޫނެވެ. ނަމަވެސް ތަނަވަސްކަމުގެ އަހްލުވެރިޔަކަށް މީހަކު ހަދިޔާ އެއްގެ ގޮތުގައި އެއްޗެއް ދީފިނަމަ ގަބޫލު ކުރުމަކީ ހުއްދަ ކަމެކެވެ. ޞަދަގާތެއް ނޫނެވެ. ޞަދަގާތަކީ ފަގީރަކަށްވީތީވެ އެމީހާއަށް އެހީތެރިވެދިނުމުގެ ގޮތުން ދެވޭ އެއްޗެކެވެ. ހަދިޔާ އަކީ ރަޙްމަތްތެރިން ނުވަތަ އެނޫންވެސް މީހުން އެކުވެރިކަން ނުވަތަ ގާތް ކަން ބަދަހި ކުރުމުގެ ގޮތުން ދެވޭ އެއްޗެކެވެ. والله أعلم.
ނިދާކޮޓަރީގައިދިރޭތަކެތި (މަސް،ދޫނި...) ފަދަތަކެތިގެންގުޅުމަކީހުއްދަކަމެއްތޯއެވެ؟
ނިދާކޮޓަރީގައިދިރޭތަކެތި (މަސް،ދޫނި...) ފަދަތަކެތިގެންގުޅުމަކީހުއްދަ ކަމެކެވެ. والله أعلم.
ސުވާލަކީ އިނގެރޭސި ނުވަތަ ދިވެހިވިޔަސް ލޯބީގެ ވަހަކަ ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟
ގިނަފަހަރަށް ލޯބީގެ ވާހަކަ ތަކުގައި ހުންނަނީ ހުސްފުލޯކު ދޮގެވެ. އޭގެ ބަދަލުގައި އެވަގުތުކޮޅުގައި ނަބީބޭކަލެއްގެ ވާހަކަ ނުވަތަ އެނޫންވެސް ޢިބްރަތްތެރި ވާހަކަ އެއް ކިޔާލުމަކީ މާބޮޑަށްވެސް ފައިދާ ކުރާނެކަމެކެވެ. والله أعلم.
އަޅުގަނޑަކީ ވިޔަފާރި ކުރާ ފަރާތަކީ މެވެ. އަޅުގަނޑު ވިޔަފާރި ކުރުމަށްޓަކައި ފައިސާގެ މުޢާމަލާތު ކުރަނީ ބޭންކް މެދުވެރިކޮށެވެ. ނަމަވެސް މިރަށަށް އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތެއް ނުލިބެއެވެ. މިޙާލަތުގައި އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ހޯދިދާނެތޯއެވެ؟
މި ޙާލަތުގައި ރިބަވީ މުޢާމަލާތް ފިޔަވާ އެހެން ޚިދުމަތެއް ބެންކޮ އޮފް މޯލްޑިވްސްގެ ޛަރީޢާ އިން ލިބިގަނެވިދާނެއެވެ. والله أعلم.
އަންހެނުން ބޮލުގައި ހުޅި ޖަހައިގެން ނަމާދު ކުރެވިދާނެތޯ؟
ޢިލްމުވެރިން ވިދާޅުވާ ގޮތުން ބޮލުގައި ހުޅިޖަހައިގެން ނަމާދު ކުރުން މަނާ ކުރެވިފައިވަނީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނަކަށް ނޫނެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް