ﷲ ތަޢާލާއަށް ނަޞްރުދޭ ވާހަކަބުނުމުން ބައެއް މީހުން ކަންބޮޑުވެއެވެ. އެއީ ﷲ ތަޢާލާއަށް ނަޞްރުދިނުމަކީ ކޮބައިކަން އެމީހުންނަށް އޮޅިފައިވާތީއެވެ.
ﷲ ތަޢާލާއަށް ނަޞްރު ދިނުމަކީ ކޮބައިކަން ގިނަބައަކަށް އޮންނަނީ އޮޅިފައިކަމަށް މިބުނަނީ އެއް މާނައަކަށް ބަލައިފިނަމަ ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ނަބަރަކަށް އަދި ކިތަންމެ ކުޑަކުޑަ ކަމަކަށްވެސް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ﷲ ތަޢާލާއީ ނަޞްރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ނަޞްރު ހޯދަންޖެހިގެން މިއުޅެނީ އަހަރެމެންނަށެވެ.
އެހެންކަމުން ﷲ ތައާލާއަށް ނަޞްރު ދިނުމަކީ އިސްލާމްދީންމަތީގައި ސާބިތުވުމެވެ. އެކަންކުރެވޭނީ ނަމާދު ޤާއިމުކުރާ މީހަކުކަމުގައިވެގެންނެވެ. ޚާއްޞަކޮށް ފަތިސްނަމާދުކުރާ މީހަކުކަމުގައިވެގެންނެވެ. އެހެނީ ފަތިސްނަމާދަކީ ދުވަހުގެ ފެށުމެވެ. ފަތިސްނަމާދު ނުކުރެވިއްޖެނަމަ ދުވަހުގެ ފެށުން އެއޮތީ ގޯސްވެފައެވެ.
އެންމެ އިސްކަމެއްގެ ގޮތުން ނަމާދު ޤާއިމުކޮށް ﷲ ތަޢާލާގެ ދީންމަތީގައި ސާބިތުވާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. ޤުރްއާނުން ޔަޤީންކަން ލިބިގެން ދަނީ ﷲ ތައާލާއަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނަޞްރު ދެއްވަވާނެކަމެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާނެކަމެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން