މިއަހަރުގެ ޙައްޖުމަސް ނުވަތަ ޖުލްޙައްޖާ މަސް ފެށުނީއެވެ. އެމަހަކީ ﷲ ތަޢަލާ ޙުރުމަތްތެރި ކުރެއްވެވި މައްސަރުތަކުގެ ތެރެއިންވާ މަހެކެވެ. އެމަހަކީވެސް މީސްތަކުންނަށް ރަޙްމަތް އޮއްސަވާނެ މައްސަރެކެވެ.
ޙައްޖަށް ދެވެނީ ވަރަށް މަދު މީހަކަށެވެ. ޙައްޖަސް ނުދެވުނު ކަމުގައިވީނަމަވެސް ޙައްޖު މަހު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެންމެ ޢަމަލެއްވެސް ނުކުރަން މަސައްކަތްކުރާށެވެ. އެއިރުން އެކަންވާނީ އެމީހަކު ޙައްޖުމަހަށް ޙުރުމަތްތެރިކޮށް ނުހިތުންކަމަށެވެ. ނޫންނަމަ ޙުރުމަތްތެރިވެގެންވާ މައްސަރުގެ ޙުރުމަތް ކެނޑުން ކަމަށެވެ.
ރަމަޟާން މަހާއި ގުޅިގެންވެސް ބުނާފަދައިން ބުނެލަން އޮތީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާއަޅުކަމަށް ޘަވާބު އިތުރުކޮށް ދެއްވަވާފަދައިން ކުރާ ފާފައިގެ ޢަޛާބުވެސް ބޮޑުކުރައްވަވާނެކަމަށް ވިސްނައި ބިރުވެތިވުމަށެވެ. އެންމެ ފާފައެއްވެސް ނުކުރަން އިލްތިމާސްކުރަމެވެ.
ޙައްޖަށް ގޮސްތިބޭއިރު ޙަރަމްފުޅު ފެނުވުމުން ބިރުވެތިކަން އިތުރުވެގެންދެއެވެ. އަހަރެމެން ބިރުގަންނަންވީ ޙަރަމްފުޅު ފެނުމަކުން ނޫނެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާތީއެވެ. އަހުރެމެންގެ ފަތުގައި ލިޔުއްވަވާނެތީއެވެ.
މައްކާގެ ޙަރަމްފުޅަކުވެސް މަދީނާގެ ޙަރަމްފުޅަކުވެސް ލޮލެއް ނުހުރެއެވެ. ވީމާ އެއްވެސް މީހަކުކުރާ އެއްވެސް ކަމެއް ނުފެންނާނެއެވެ. ހަރްމްފުޅު ކައިރީގައި ހުރެގެންވެސް ފާފައެއް ނުކުރަންވީ ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާތީއެވެ. އެނޫންތަނެއްގައި ހުރެގެންވެސް ފާފައެއް ނުކުރަންވީ ހަމަ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާތީއެވެ.
ވީމާ މިފެށުނު ޙައްޖުމަހަކީ ހަމަ އެންމެ ފާފައެއްވެސް ނުކުރާ، ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރާ މަހަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ވީހައި ގިނައިން ހެޔޮ ޢަމަލުކުރަން މަސައްކަތްކުރާށެވެ.
-އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން