އަޅުގަނޑަކީ މީގެ ދެތިން އަހަރެއް ކުރިން ސުންނަތަން ލޯބިކޮށް އުޅުނު އަންހެން ކުއްޖެއްނޫނެވެ. އޭރު އަޅުގަނޑު އުޅުނީ އާއިލާގެ މީހުން އުޅުނު ގޮތަށް މިއުޒިކާ ކުޅިވަރުގެ ތެރޭގައެވެ. އޭރު ރައްޓެހިވެވުނީވެސް އެއްވެސް އުޅުމެންނެތް، މަސްތުވާތަކެތި ބޭނުންކޮށް އުޅުނު ކުއްޖަކާއެވެ.
ނަމަވެސް ﷲގެ ހެޔޮ ރަހުމަށްފުޅުން އަޅުގަނޑަށް ތެދުމަގު ފެނުނުފަހުން، އެމަގުގައި ސާބިތުވެ ހުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންދަމެވެ. ނަމަވެސް އާއިލާއިން (މަންމައާއި އެއްބަނޑު މީހުންގެ ފަރާތުން) މަލާމާތާ ފުރަސްހާރަކުރުން ވަރަށްބޮޑުވިއެވެ .
ހާއްސަކޮން ނަމާދުކޮށް، ގުރުއާންކިޔަވާ ގަޑިތަކުގައި ބާރަށް ލަވަޖަހާ، ހޮޅިބުރި ނިންވާލުންފަދަ، ވަރަށް އުދަގުތައް ކުރަންފެށިއެވެ. މުއްސަދިންނާ، މުދާވެރިން ގެއަށް ގެނެސް އަޅުގަނޑުގެ ނަފްސުގެ ރައްކާތެރިކަން ގެއްލޭ ހިސާބައް ދިއައެވެ. ނަމަވެސް އޭރު ސުންނަތުގެ އަހުލުވެރި އަކު ހަޔާތުގެ ބައިވެރި އަކަށް ލިބުމަށް އެދި ދުޢާކުރަމެވެ.
އެއަށްފަހު އަޅުގަނޑާ ދިމާވީ ހެޔޮލަފާ، ދީންވެރި، ހުލްގު ހެޔޯ ފިރިހެނަކާއެވެ. ނަމަވެސް އެއީ މީހަކާ އިދެގެންއުޅޭ މީހެކެވެ. އަޅުގަނޑުމެން އިންނަން ބޭނުންވެގެން ބައްޕަކައިރީ އެހުމުން ޖަވާބަކަށްވީ "ތިމަން ނުގަބޫލޭ، ނަމަވެސް މަންމައާއި އާއިލާ މީހުން ނުގަބޫލް ވީމަ ވަލީ ދެވެންނެތޭ" ސަބަބަކީ މީހެއްގެ ފިރިއަކާ އިންނާތީ މަންމަ ނުގަބޫލްކަމަށެވެ. ހާބީއަކާދެވަށް މަންމަ ބޭނުން ނުވާކަމަށެވެ.
ދެން އަޅުގަނޑުމެން ސޭހެއް މެދުވެރިކޮށް ވެސް ބައްޕަ އަށް ވިސްނަދެވޭތޯ ވަރަށް މަސައްކަތް ކުރުމަށްފަހު، ގަބޫލް ނުވުމުން، ފިރިހެންމީހާ ދިރި އުޅެނީ އިންޑިޔާގައި ކަމަށްވާތީ، މިދެންނެވި ސޭހުގެވެސް މަސްވަރާގެމަތިން އިންޑިޔާއަށް ގޮސް ކައިވެނިކުރީމެވެ. ނަމަވެސް ކާވެނިކުރާއިރު ވަލީ ވެރިޔާގެ ވަލީ އެއީ، ކޮންމެހެން ބޭނުން އެއްޗަކަށްވާއިރު، މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑަށް އެމާހައުލުގައި އުޅެވެންނެތިގެން، އަދި އާއިލާއިންވެސް އެހީތެރިވާނެ މީހަކު ނެތިގެން، މާތްވެގެންވާ އިސްލާމް ދީނަށް ފުރިހަމަ ގޮތުގައިއުޅުމަށްޓަކާ މިކުރިކައިވެނި ސައްހަވާނެތޯ؟
ގިނަބަޔަކު މިކައިވެނި ސައްހަ ނުވާނެކަމަށް ބުނާތީ، މިވަގުތު މިތިބީ ދެމީހުންދުރުގައެވެ. އަޅުގަނޑުމެން ބޭނުންވަނީ، ސައްހަ ކައިވެންޏެއްކަ ދިރި އުޅުމަށެވެ. އަދި މިހާރު ވަނީ މިކައިވެނި ރާއްޖޭގެ އާއިލާއާއިބެހޭކޯޓްގައި ރަޖިސްޓްރީ ވެސް ކުރެވިފައެވެ. ވީމާ މިކަމުގައި ދެން ޢަމަލުކުރާނެ، (ދީނީ އުސޫލުން) ގޮތެއް ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ މިހާރު ބައްޕަ ގަބޫލް، ކޯޓުގަ ރަޖިސްޓްރީވީ ބައްޕަސިޓީ ދީ، އަދި ބަޔާން ވެސް ދިނުމުން.
މަގްބޫލު ޢުޛުރަކާއި ނުލައި ވަލީވެރިޔާ ވަލީދިނުމުން މަނާވެގެންފިނަމަ، ވަލީދިނުމުގެ ޙައްގު ގާޟީ އަށް ލިބިގެންވެއެވެ. އެހެންކަމުން، ސުވާލުގައި ތިވާ ޙާލަތުގައި ވަލީވެރިޔާ އެކަމުން މަނާވެގަތީ ދީންވެރިޔަކާ ކައިވެނި ކުރާތީވެ ކަމުން، ގާޟީ އަށް ކައިވެނީގެ ވަލީ ދިނުމުގެ ޙައްގު ލިބިގެންވެއެވެ. ވީމާ، ތިޔަ ކައިވެންޏަކީ އިންޝާﷲ- ޞައްޙަ ކައިވެންޏެކެވެ. والله أعلم.
އިތުރު ސުވާލާ ޖަވާބު:
އަހަރެން ހިޖާބު އެޅުމަށްފަހު ކުރިން އެއްކޮށް އުޅުނު ރައްޓެހިންނާ ދުރުވެއްޖައީމެވެ. ކުރިން އުޅޭ ގޮތަށް ބޭރަށް ގޮސް، އުފަންދުވަސްތައް ފާހަގަކޮށް ހެދުން ކަހަލަ ކަންތައް މުޅިން ހުއްޓާލައިފީމެވެ. އެހެންކަމުން އެ އެކުވެރިންގެ ފަރާތުން ޖެއްސުންކުރުމާއި އުނދަގޫތައް ކުރިމަތިވީއެވެ. ވިސްނައިދެވޭތޯ ވެސް މަސައްކަތްކުރީމެވެ.
މިކަންތަކާހުރެ އަހަރެން އެމީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން ހުއްޓާލައިފީމެވެ. ނަމަވެސް މަގުމަތިން ފެނިއްޖެއްޔާ ސަލާމް ގޮވާލަމެވެ. އެގޮތަށް ގުޅުން ކަނޑާލުން އެއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟
ކަންތައް ކުރައްވަމުން ތިޔަ ގެންދަވަނީ ތިޔަކަމުގައި އޮތް އެންމެ ރަގަޅު ގޮތަށެވެ. والله أعلم.
އަޅުގަޑުގެ ކައިވެނި ވާނީ އިސްލާމްދީނީ ގޮތުން ރުޖޫވެފައިއެވެ އެހެންނަމަވެސް ދެވަނަފަހަރަށް ފިރިމިހާ ކައިރިއަށް ދިޔުމަށް އާއިލާ މީހުން ބޭނުން ނުވާހިނދެގައި ކިހިނެތޯ ހަދަންޖެހޭނީ؟
ތިޔަކަމުގައި އޮތީ ޚުލްޢު ކުރުން ނުވަތަ ވަރިއަށް އެދުމެވެ. ނޫންނަމަ ރިވެތި ގޮތުގައި ފިރިމީހާ އާއި އެކުގައި ދުވަސްތައް ހޭދަކުރުމެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް