ޢިބްރަތްތެރި ވާހަކަ: ނިކަމެތި އަންހަނަކާ ކައިވެނިކޮށް ރަށަށް ގެންގޮސް 5 ދަރިން ލިބުމުން އަޅުވެތިކޮށް އަނިޔާވެރިވި ފިރިއަކަށް ޖެހުނު ނިކަމެތި ޙާލު- ވަރުގަދަ ޢިބްރަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޢިބްރަތްތެރި ވާހަކަ: ނިކަމެތި އަންހަނަކާ ކައިވެނިކޮށް ރަށަށް ގެންގޮސް 5 ދަރިން ލިބުމުން އަޅުވެތިކޮށް އަނިޔާވެރިވި ފިރިއަކަށް ޖެހުނު ނިކަމެތި ޙާލު- ވަރުގަދަ ޢިބްރަތެއް!

އަޅުގަނޑު ނިޞްބަތްވަނީ ވަރަށް ނިކަމެތި ޢާއިލާއަކަށެވެ. ރައްޓެއްސެއްގެ އެހީތެރިކަމުގައި ބޭސްފަރުވާއަކަށް މާލެ އައިސް ހުރިހުރުމުގައި ބައްދަލުވި މީހަކު އަޅުގަނޑު ދެކެ ލޯބިވާކަމަށްބުނެ ވީ ވަޢުދުތަކާއި ގުޅިގެން އޭނާ އާއި ކައިވެނިކޮށްގެން އޭނާގެ ރަށަށް ބަދަލުވީމެވެ. 

އެކުގައި ދިރިއުޅެމުން ގޮސް ކައިވެންޏަށް 14 އަހަރު ފުރުނެވެ. އެއިރު 5 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާ އަޅުގަނޑު ބާކީކުރަން ފެށިއެވެ. މަޑުމަޑުން ބާކީކުރަމުން ގޮސް އެކުގައި ރޭނުކޮށް އެތައް ދުވަހެއް ހޭދަކުރަން ފެށިއެވެ. އޭނާ ހުންނަނީ އޭނާގެ ލޯބިވެރިޔާގެ ކިބައިން ބޭނުންތައް ފުއްދައިގެންކަންވެސް އެނގެއެވެ. އެކަމަކު އޭނާއާއި އެފަދަ އެއްވެސް ވާހަކައެއް ދެއްކުންވެސް އޮންނަނީ މަނާކޮށްފައެވެ. 

އަޅުގަނޑަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ މައަކީމެވެ. ދަރިން ދޫކޮށްލާފައި ރަށަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އަޅުގަނޑަށް ޞީރައްޓެހި ރަށަކަށްވުމުން ދަރިން ގޮވައިގެންގޮސް ވަންނާނެ ތަނެއް ނެތެވެ. ފިރިމީހާ ނާޖާއިޒު ފައިދާ ނެގީ އެކަންކަމުންނެވެ. 

އެހިތްދަތިކަމުގައި އިންނަތާ 2 އަހަރުފަހުން އަޅުގަނޑު ވަރިކޮށްލާފައި ލޯބިވެރިޔާ އާއި ކައިވެނިކުރިއެވެ. އުޅެން ގެނައީ އަޅުގަނޑުވެސް ބައިންދާފައި އިންނަ ގެއަށެވެ. ދެމީހުން ލޯބިން އުޅޭކަން ދައްކައި އަޅުގަނޑުގެ ހިތުގައި ޖައްސުވަން ކުރެވެން އޮތްހައި ކަމެއް ކުރަންފެށިއެވެ. 

އަނގައިން ބުނުމުގެ ޙައްޤުވެސް އޮތްކަމަށް ނުހެދުމުން ގިސްލާ ރުއިން ނޫން ކަމެއް ކުރެވޭކަށް ނެތެވެ. އެޙާލުގައި އަހަރުދުވަސްވީތަނާ އަވަށްޓެރިޔާގެ އަނބިމީހާ ނިޔާވެއްޖެއެވެ. އެއީ ތަނަވަސް މީހެކެވެ. ރަށުގެ ހުއްސަރިބައި ހުރިހާ އަންހެނުންހެން ތިބީ އޭނާއާއި ކުރަން ބޭނުންވެގެންނެވެ.

އެކަމަކު އެފުރުޞަތު އޭނާ ހުށަހެޅީ އަޅުގަނޑަށެވެ. އެއީ އަޅުގަނޑުގެ އަޚްލާޤް އޭނާއަށް އެނގޭތީއެވެ. ކިޔަމަމންތެރިކަންވެސް އެނގޭތީއެވެ. އަދި އަޅުގަނޑަށް ޖެހިފައިވާ ޙާލަށް ހަމްދަރުދީވެސް އުފެދުނީއެވެ. 

ފުރުޞަތުގެ ބޭނުންކުރީމެވެ. ކައިވެންޏަށް މިހާރު 15 އަހަރެވެ. ދިރިއުޅެމުން މިއަންނަޏީ ހަމަ ވަރަށް އުފަލުގައެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. 

ނިންމާލަމުން އެއަނިޔާވެރި ފިރިމީހާގެ ވާހަކަވެސް ބުނެލާނަމެވެ. ދެވަނަ ކައިވެންޏަށް 3 ވަނަ ސްޓްރޯކެއް ޖެހުނެވެ. ވާގި ނެތިއްޖެއެވެ. ރަށުތެރޭގައި ކިޔައި އުޅޭއަޑުއިވުނީ އިތުރަށް ވަރުގަަދވާން ބޭނުްނކުރި ބޭހަކުން ޖެހުނު ކަމެއް ކަމަށެވެ. 

ކޮންމެއަކަސް ބަލިވާއިރަށް އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ. ދަރިންގެ ބައްޕަ ވީމާ ފިރިމީހާގެ އިޛުނަ އާއިއެކު އޭނާ ބަލަހައްޓަމުން ގެންދާތާވެސް 11 އަހަރުވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ނިކަމެތި އަންހެނުންނާއި ކައިވެނިކޮށް، އަޅުވެތިކޮށް، ހިތުގައި ޖައްސުވާ ފިރިންނަށް މިވާހަކަ ޢިބްރަތަކަށް ފުދޭނެއެވެ. އަޅުގަނޑާއިމެދު ކުރީގެ ފުރިމީހާ ކަްނކަްނ އެކުރީ އަޅުންގެ ގޮތުގައި އަނހެނުން ގެންގުޅުނު ޒަމާނުގައިވެސް ކަންކަން ކުރާނެ ގޮތަށެވެ. އެހުރިހާ އަނިޔާތަކެއް އެދިނީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރިއެއް ވީމައެވެ. ހިތްދަތިކޮށްފައި ބައިންދައިގެން މަރާލަން ކަމަށްވެސް ވެދާނެއެވެ. އެފަދަ މީހުންނަށް ނުވިސްނެނީ ކިތަންމެ ނިކަމެތި ނަމަވެސް އެމީހަކު ﷲ ތަޢާލާ އާއި އެކުގައި ވުމަށް މަސައްކަތްކުރާނަމަ އެމީހަކާއިއެކުގައި އެކަލާނގެ ވޮޑިގެންވާނެ ކަމެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން