އުޟްޙިޔާ ކަތިލުމާއި އެކަންކުރެވޭނެ ގޮތާއިބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢްލޫމާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ
އުޟްޙިޔާ ކަތިލުމާއި އެކަންކުރެވޭނެ ގޮތާއިބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢްލޫމާތު-

ފުރަތަމައީ:

ޖުމްހޫރު ފިޤުހުވެރިންގެ ބަސްފުޅަކީ އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް އެއީ ވާޖިބެކެވެ. މިއީ ޙަނަފީ މަޛްހަބާއި އިމާމު އަޙްމަދުގެ އެއް ރިވާޔަތުގައިވާ ގޮތެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރުކުރައްވާފައިވަނީވެސް މިބަސްފުޅެވެ.

ޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ.

"ވާޖިބު ނޫންކަމަށް އޮތް ބަސްފުޅަށް ވުރެ ވާޖިބުކަމަށް އޮތް ބަސްފުޅު ވަރުގަދަވެގެންވެއެވެ. ނަމަވެސް އެއީ ކުޅަދާނަކަން ލިބިގެންވުމުގެ ޝަރުޠާއެކުގައެވެ." [الشرح الممتع (7/422)] 

ދެވަނައީ:

މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އުޟްޙިޔާ ކަތިލުން ހުއްދަވެގެންވެއެވެ. އެއީ ތިރްމިޛީ އާއި އިބްނު މާޖާ، ޢަޠާއު ބުން ޔަސާރުގެ އަރިހުން ރިވާކުރައްވާފައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

سَأَلْتُ أَبَا أَيُّوبَ الأَنْصَارِيَّ: كَيْفَ كَانَتِ الضَّحَايَا عَلَى عَهْدِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟ فَقَالَ: كَانَ الرَّجُلُ يُضَحِّي بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ، فَيَأْكُلُونَ وَيُطْعِمُونَ. [رواه الترمذي (1505) وابن ماجه (3147) وصححه الألباني في إرواء الغليل (1142)]

މާނައީ: އަބޫ އައްޔޫބު އަލްއަންޞާރީގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. "ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި އުޟްޙިޔާ ކަތިލާއުޅުނީ ކިހިނެތް ހެއްޔެވެ؟" ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. "މީހަކު، އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލާ އުޅުނެވެ. ފަހެ، އެއިން އެބައިމީހުން ކައި، އެހެން މީހުންނަށް ކާންދީ ހެދިއެވެ." 

تحفة الأحوذي ގައި ވެއެވެ.

"މިޙަދީޘަކީ މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލުން ހުއްދަކަމަށް އޮތް ޞަރީޙަ ނައްޞެކެވެ. އެއީ އޭނާގެ އަހުލުންގެ ޢަދަދު ގިނަކަމުގައި ވިޔަސްމެއެވެ. އަދި މިއީ މިކަމުގެ ޙައްޤު ބަސްފުޅެވެ". 

زَاد الْمَعَاد ގައި އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

"ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދެއްކެވި މަގަކީ މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލުމުން ފުދޭނެކަމެވެ. އެއީ އެބައިމީހުންގެ ޢަދަދު ގިނަވިކަމުގައި ވިޔަސްމެއެވެ." 

نيْل الأوطار ގައި ޝައުކާނީ ވިދާލުވިއެވެ.

"ޙައްޤު ބަސްފުޅަކީ މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލުމުން ފުދޭނެކަމެވެ. އެއީ ސަތޭކަ މީހުން ނުވަތަ އެއަށް ވުރެ ގިނަވި ކަމުގައި ވިޔަސްމެއެވެ. އެއީ ސުންނަތުގައި އައިސްފައިވާ ފަދައިންނެވެ." 

ތިންވަނައީ: 

ގޭގެ އަހުލުންގެ ތެރޭގައި ހިމެނެނީ އަނބިމީހާއާއި ދަރިންނެވެ. އަދި އެއް ގެއެއްގައި ދިރިއުޅޭކަމުގައިވާނަމަ، ގާތްތިމާގެ މީހުންވެސް މެއެވެ. އެއީ ގޭގެ ވެރި ފަރާތުން އެބައިމީހުންނަށް ޚަރަދުކުރާ މީހުންނެވެ. ނުވަތަ ކެއިން ބުއިމުގެ ޚަރަދުތަކުގައި ބައިވެރިވާ މީހުންނެވެ. 

ވަކި ގެއެއްގައި ދިރިއުޅޭ ނުވަތަ ވަކިން ޚަރަދުތައް ބަލަހައްޓާ މީހަކު ދަންނައެވެ. ފަހެ، އޭނާ އެހެން މީހަކާ އެކު، އުޟްޙިޔާގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. އޭނާއަށް ޝަރުޢުވެގެންވަނީ ވަކިން އުޟްޙިޔާ ކަތިލުމެވެ. 

އުޟްޙިޔާގައި ބައިވެރިވެވޭނެ، ގޭގެ އަހުލުވެރިންނާ ބެހޭގޮތުން އިމާމް މާލިކު ވިދާޅުވިއެވެ. 

"އެބަހީ: އެމީހުންނަށް ޚަރަދުކުރާ މީހުންނެވެ. އެއީ ގިނަ ބައެއް ނުވަތަ މަދު ބައެއް ކަމުގައިވިޔަސްމެއެވެ".

މާލިކުގެ އަރިހުން މުޙައްމަދު އިތުރު ކުރައްވާފައިވެއެވެ. "އޭނާގެ ފަޤީރު ދަރިއާއި ފަޤީރު މައިންބަފައިންނެވެ." 

އަދި އިބްނު ޙަބީބު ވިދާޅުވިއެވެ. "އޭނާގެ މުއްސަނދި ދަރިއާއި، އޭނާގެ އަޚާއި އަޚުގެ ދަރިއާއި ގާތްތިމާގެ މީހުންވެސް އޭނާގެ އުޟްޙިޔާގައި ބައިވެރިކުރެވިދާނެއެވެ. އެއީ އެބައިމީހުންނަށް އޭނާ ޚަރަދުކުރާކަމުގައިވާނަމައެވެ. ފަހެ، އެކަން ހުއްދަވަނީ ތިން ސަބަބަކަށްޓަކައެވެ. އެއީ: ގާތްތިމާގެ ކަމާއި، އެއް ގެއެއްގައި ދިރިއުޅުމާއި، އެބައިމީހުންނަށް ޚަރަދުކުރުމެވެ."

މުޙައްމަދު ވިދާޅުވިއެވެ. "އޭނާގެ އަނބިމީހާ، އޭނާގެ އުޟްޙިޔާގައި ބައިވެރިކުރަން ވާނެއެވެ. އެހެނީ އޭނާއާ އެންމެ ވަރުގަދަ ގުޅުމެއް އޮތް މީހަކީ އެއީއެވެ".  

[التاج والإكليل شرح مختصر خليل (4/364)] 

ޝައިޚް އިބްނު ޢުޘައިމީން رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.

"އެއް ގެއެއްގައި، އެއްކޮން ކައިބޮއެ ހަދާ އެއްބަނޑު އެއްބަފާ ދެބެން، އެއް އުޟްޙިޔާއެއް ކަތިލުމުން ފުދޭނެ ހެއްޔެވެ؟" 

ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.

"އާއެކެވެ. އެކަން ހުއްދަވެގެންވެއެވެ. އެއް ގޭގެ އަހުލުވެރިންނަށް އެއް އުޟްޙިޔާއިން ފުއްދާލުން ހުއްދަވެގެންވެއެވެ. އެއީ ދެ ޢާއިލާއެއްކަމުގައި ވިޔަސްމެއެވެ. އެއް އުޟްޙިޔާއިން އެބައިމީހުންނަށް އުޟްޙިޔާގެ މަތިވެރި ދަރުމަ ލިބޭނެއެވެ.”  [فتاوى نور على الدرب] 

ޝައިޚް އިބްނު ބާޒް رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.

"އަޅުގަނޑަކީ ކައިވެނިކޮށްގެން އުޅޭ މީހަކީމެވެ. ދަރިންވެސް އެބަ ތިއްބެވެ. – ﷲ އަށް ޙަމްދު ހުއްޓެވެ. – އަޅުގަނޑު ދިރިއުޅެނީ އަޅުގަނޑުގެ އަހުލުން ދިރިއުޅޭ ރަށަކު ނޫނެވެ. ޗުއްޓީގައި އަޅުގަނޑުގެ އަހުލުން ދިރިއުޅޭ ރަށަށް ދަމެވެ. އަދި އަޟްޙާ ޢީދުގެ ފަސްދުވަސް ކުރިން އަޅުގަނޑާއި އަޅުގަނޑުގެ ދަރިން އެތަނަށް ދިޔައީމެވެ. އެހެނަސް އުޟްޙިޔާ ކަތިލުމުގެ ތަނަވަސްކަން އަޅުގަނޑަށް ލިބިފައިވުމާއެކުވެސް އަޅުގަނޑު އުޟްޙިޔާ ކަތިނުލަމެވެ. – ﷲ އަށް ޙަމްދު ހުއްޓެވެ. – 

ފަހެ، އުޟްޙިޔާ ކަތިލުން އަޅުގަނޑަށް ހުއްދަވެގެންވޭ ހެއްޔެވެ؟ އަޅުގަނޑުގެ ބައްޕަ ކަތިލި އުޟްޙިޔާ، އަޅުގަނޑާއި އަނބިމީހާ އަދި ދަރިންގެ ފަރާތުން ފުދޭނެ ހެއްޔެވެ؟ ކުޅަދާނަކަން ލިބިގެންވާމީހާ އުޟްޙިޔާ ކަތިލުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އަދި ކުޅަދާނަކަން ލިބިގެންނުވާ މީހާގެ މައްޗަށް އުޟްޙިޔާ ކަތިލުން ވާޖިބުވެގެންވޭ ހެއްޔެވެ؟ ދަރަންޏެއް ނަގައިގެން އުޟްޙިޔާ ކަތިލެވޭނެ ހެއްޔެވެ؟" 

ފަހެ، ޖަވާބުގައި ވިދާޅުވިއެވެ. 

"އުޟްޙިޔާ ކަތިލުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. މީހަކާއި އޭނާގެ ގޭގެ އަހުލުވެރިންގެ ފަރާތުން ކަންބަޅިއެއް ފުދޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ކޮންމެ އަހަރަކު ދަޅުފަޅާފައި ހުރި أملح (އެބަހީ: ކަޅުކުލައަށް ވުރެއް ހުދު ކުލަ ގިނަ) ދެ ކަންބަޅި ކަތިލައްވައެވެ. އެކަތި އެއީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލު ބައިތުންގެ ފަރާތްޕުޅުންނެވެ. އަނެކަތި އެއީ އެކަލޭގެފާނުގެ އުންމަތުން، ﷲ އެއްކައުވަންތަކުރާ މީހުންގެ ފަރާތުންނެވެ.

އޭ ސުވާލު ކުރި ފަރާތެވެ. ތިބާ ދިރިއުޅެނީ ވަކިން ކަމުގައިވާނަމަ ތިބާއަށް ޝަރުޢުވެގެންވަނީ ތިބާއާއި ތިބާގެ ގޭގެ އަހުލުންގެ ފަރާތުން އުޟްޙިޔާ ކަތިލުމެވެ. ތިބާގެ ބައްޕަ ކަތިލި އުޟްޙިޔާއިން ތިބާއާއި ތިބާގެ ގޭގެ އަހުލުންނަށް ނުފުދޭނެއެވެ. އެއީ ތިބާ އެބައިމީހުންގެ ގޭގައި އެބައިމީހުންނާއެކު ދިރިނޫޅޭތީއެވެ. އަދި ތިބާ ދިރިއުޅެނީ ވަކިންކަމުގައިވާތީއެވެ. ދަރަނި އަދާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު، ދަރަނި ނަގައިގެން އުޟްޙިޔާ ކަތިލުމުގައި މައްސަލައެއް ނެތެވެ.

وفق الله الجميع."

[مجموع فتاوى الشيخ ابن باز (18/37)] 

އުޟްޙިޔާގެ ގޮތުގައި ގެރިއެއް ކަތިލާއިރު އޭގައި 7 މީހުން ބައިވެރިވުން ހުއްދަވެގެންވެއެވެ. އެއް ގެރީގައި 7 މީހުންނަށް ބައިވެރިވެވޭއިރު، އެއަށްވުރެ މަދު މީހުން އޭގައި ބައިވެރިވުން ހުއްދަވުން މާ އައުލާވެގެންވެއެވެ. އަދި 7 / 1 އަށްވުރެ އިތުރުވާ ބައިން އަޖުރުވެސް އިތުރުވެގެންވެއެވެ. އެއީ އުޟްޙިޔާގެ ގޮތުގައި ބަކަރިއެއް ކަތިލުމުން އެކަކަށް ފުދުނުކަމުގައިވިޔަސް، އޭނާ ގެރިއެއް ކަތިލާ ފަދައިންނެވެ. 

الأم” (2 / 244) ގައި އިމާމު ޝާފިޢީ – رحمه اللهވިދާޅުވެފައިވެއެވެ.

"(އުޟްޙިޔާގެ ގޮތުގައި ގެރިއެއް ކަތިލާއިރު) ހަތަކަށްވުރެ މަދު މީހުން އޭގައި ބައިވެރިވުން ހުއްދަވެގެންވެއެވެ. އަދި އެ ވެގެންދާނީ تَطَوّع އަކަށެވެ. (އެބަހީ: އޭނާގެ މައްޗަށް ލާޒިމުވެގެންވާ މިންވަރަށް ވުރެ އިތުރަށް ކުރި ހެޔޮ ކަމަކަށެވެ.) އެއީ އެންމެ ބަކަރިއެއް ކަތިލުމުން ފުދޭ މީހަކު، ޖަމަލެއް ކަތިލާ ފަދައިންނެވެ. އަދި އޭރުން ބަކަރިއެއް ކަތިލުމުގެ ހެޔޮކަމަށް ވުރެ، ހެޔޮކަމުގެ ގޮތުން އިތުރުވެގެން ދާނެއެވެ." 

"بدائع الصنائع” (5 / 71) ގައި އަލްކަސާނީ – رحمه اللهވިދާޅުވެފައިވެއެވެ. 

"(އުޟްޙިޔާގެ ގޮތުގައި) ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމުގައި 7 މީހުންނަށް ވުރެ މަދުވިޔަސް ހުއްދަވާނެކަމާމެދު ޝައްކެއް ނެތެވެ. އެއީ ޖަމަލެއް ނުވަތަ ގެރިއެއް ކަތިލުމުގައި 2 މީހުން ނުވަތަ 3 މީހުން ނުވަތަ 4 މީހުން ނުވަތަ 5 މީހުން ނުވަތަ 6 މީހުން ބައިވެރިވިކަމުގައިވިޔަސްމެއެވެ. (މީހަކަށް) 7 / 1 ހުއްދަވެގެންވާއިރު، އެކަކަށް އެއަށް ވުރެ އިތުރު ބައިގައި ބައިވެރިވުން ހުއްދަވުން މާ އައުލާވެގެންވެއެވެ. އެއީ ބައިވެރިވާ އެންމެން އެއްވަރަށް ނުވަތަ އެކި މީހުން އެކި ވަރަށް ބަހާލިކަމުގައި ވިޔަސްމެއެވެ. އެކަކު 2 / 1 ، އެހެން މީހަކު 3 / 1 ، އަދި އެހެން މީހަކު 6 / 1 ގައި ބައިވެރިވުކަމުގައި ވިޔަސްމެއެވެ. އެއީ އެކަކަށް 7 / 1 އަށް ވުރެ މަދު ނުވާހާ ހިނދަކުއެވެ." 

ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވާ ގޮތުން މީހަކު އޭނާއާއި އޭނާގެ ގޭގެ އަހުލުންގެ ފަރާތުން އެއް ކަންބަޅި ކަތިލުމުން ފުދޭނެއެވެ. އެއީ އެބައިމީހުންގެ ޢަދަދު ގިނަވިކަމުގައި ވިޔަސްމެއެވެ. އަދި 7 މީހުންވެގެން އޭގެ އަގުގައި ބައިވެރިވެގެން ގެރިއެއް ނުވަތަ ޖަމަލެއް ކަތިލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް އެމީހަކާ އެމީހެއްގެ ޢާއިލާގެ ފަރާތުން އެ ފުދޭނެއެވެ. (ބައްލަވާ: زاد المعاد لابن القيم (2 / 295) وفتاوى نور على الدرب لابن باز (18 / 204)). 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން