އެދުވަހަކަށް އިރުއަރާނެ އެންމެ މާތްދުވަސް- ޢަރަފާތު ދުވަހަށް އެބަ ތައްޔާރުވަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 21ސ
އެދުވަހަކަށް އިރުއަރާނެ އެންމެ މާތްދުވަސް- ޢަރަފާތު ދުވަހަށް އެބަ ތައްޔާރުވަމުތަ؟

އަހަރުގެ ހުރިހާ ދުވަސްތަކެއްގެ ތެރެއިން ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި ދުވަސްތައް މިއަހރުވެސް އަހުރެމެންނާއި ބައްދަލުކޮށް ހިނގަމުންދަނީއެވެ. ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތުން ވީހާގިނަ ޘަވާބާއި ދަރުމަ ހޯދަން އެދޭ މީހުން ޙައްޖުމަސް ފެށުމާއިއެކު ސުންނަތްވެގެންވާ ރޯދަ ހިފަން ފަށައިފިއެވެ. ﷲ ތަޢާލާ އެއެންމެންނަށް ހެޔޮ ރަޙްމަތް ލައްވަވައި ހިތްވަރު ދެއްވަވާނދޭވެ! އާމީން

ދެން ބައްދަލުކުރާނެ އެންމެ މަތިވެރި ދުވަހަކީ މިއަހަރުގެ ޢަރަފާތު ދުވަހެވެ. އެދުވަސް ވެގެންދާނީ ޖޫން މަހުގެ 27 ވަނަ ދުވަހަށެވެ. އެހެންކަމުން މިގެނެސްދެނީ ޢަރަފާތް ދުވަހުގެ މަތިވެރިކަން ބަޔާންކޮށްދޭ ލިޔުމެކެވެ. 

އަޅުގަނޑުމެން ގުނަމުން މިގެންދަނީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރެއްވި މައްސަރުތަކުގެ ތެރިން މައްސަރެކެވެ. ޛުލްޙިއްޖާ މަސް ނުވަތަ ޙައްޖުމަހެވެ. މިއީ ދުނިޔެ ގުނަމުންދާ ދުވަސްތަކުގެ ތެރެއިން އަންނަ އެންމެ މާތް އެންމެ މަތިވެރި ދުވަސްތަކެވެ. މިދުވަސްތަކުގެ ޤަދަރު އުފުލިގެންވާ ބައެއް ސަބަބުތައް މިތާ ޒިކުރު ކޮށްލާނަމެވެ. 

1. އެއީ އިސްލާމް ދީން ފުރިހަމަ ކުރެވުނު އަދި ﷲގެ ނިޢްމަތް ފުރިހަމަ ކުރެވުނު ދުވަސް:

ޞަޙީޙް މުސްލިމް އާއި ޞަޙީޙުލް ބުޚާރީގައި ޢުމަރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. 

ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ މުއުމިނުތަކުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތަކީ ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވާލެއްވުނު އާޔަތެއް ކަމުގައި ވަނީނަމަ އެދުވަހަކީ އެއީ އަހުރެމެންގެ ޢީދު ދުވަސްކަމުގައި ހެދީމުކަން ކަށަވަރެވެ. (ޢުމަރުގެފާނު) ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ އޭނާ ބުންޏެވެ. 

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

(މިއާޔަތުގެ މާނައީ: މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީންތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)

ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގެއެވެ. އެއީ އެކަލޭގެފާނު (صلى الله عليه وسلم) ޢަރަފާތްބިމުގައި ހުންނަވަނިކޮށް (އެބަހީ ޢަރަފާތް ދުވަހު) ބާވައިލެވުނު އާޔަތެކެވެ. އެއީ ހުކުރު ދުވަހެކެވެ.” 

2. އެއީ ޢަރަފާތުގެ އަހުލުވެރީންގެ (ޙައްޖުވެރިންގެ) ޢީދުދުވަސް: 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

"يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام ، وهي أيام أكل وشرب"

މާނައީ: "ޢަރަފާތް ދުވަހާއި ނަޙްރުގެ ދުވަހާއި (ޢީދު ދުވަހާއި) އައްޔާމުއް ތަޝްރީޤްގެ ތިން ދުވަހަކީ އިސްލާމްކަމުގެ އަހުލުވެރިންގެ ޢީދެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެވެ." 

ޢުމަރުގެފާނު ވިދާޅުވިއެވެ. "މިއާޔަތް (އެބަހީ: ﴿الْيَوْمَ أَكْمَلْت﴾) ބާވާލެއްވުނީ، ޢަރަފާތްދުވަހުއެވެ. އެއީ ހުކުރު ދުވަހެކެވެ. މިދެދުވަހަކީވެސް އަހުރެމެންނަށްވާ ޢީދެވެ. ﷲ އަށް ޙަމްދު ހުއްޓެވެ."

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

يوم عرفة يوم عيد لأهل عرفة، ولذلك كُره لمن بعرفه صومه

މާނައީ: "ޢަރަފާތް ދުވަހަކީ، ޢަރަފާތުގެ އަހުލުވެރިންގެ (ޙައްޖުވެރިގެ) ޢީދު ދުވަހެކެވެ. އެހެންކަމުން ޢަރަފާތުގައި ތިބި މީހުންނަށް އެދުވަހު ރޯދަ ހިފުން މަކްރޫހަ ކަމެއް ކަމުގައި ލެއްވުނެވެ." 

3. ﷲ ތަޢާލާ ވަނީ އެދުވަސް ގަންދީ ހުވާ ވަޙީކުރައްވަވާފަ:

ތަޢާލާއީ އެންމެ މާތް އަދި އެންމެ މަތިވެރި ރަސްކަލާނގެއެވެ. މާތްކަމެއް ނުވަތަ މާތް އެއްޗެއް ގަންދީ މެނުވީ އެކަލާނގެ ހުވައި ވަޙީ ނުކުރައްވައެވެ. ފަހެ އެއީ ހެކިދެވޭ ދުވަހެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

﴿وَشَاهِدٍ وَمَشْهُود﴾ (البروج :3)

މާނައީ: "އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ." 

މިއާޔަތާބެހޭގޮތުން އައިސްފައި ވެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

"اليوم الموعود يوم القيامة ، واليوم المشهود يوم عرفة ، والشاهد يوم الجمعة .."

މާނައީ: "اليوم الموعود (ވަޢުދު ކުރައްވާފައިވާ ދުވަސް) އެއީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود (ހެކިދެވޭ ދުވަސް) އެއީ ޢަރަފާތް ދުވަހެވެ. الشاهد (ހެކިދޭ ދުވަސް) އެއީ ހުކުރު ދުވަހެވެ."

އަދި އެހެން އާޔަތެއްގައި ﷲ ތަޢާލާ އެދުވަސް ގަންދީ ހުވާ ވަޙީ ކުރައްވާފައިވަނީ އޮނަހިރި ކަމުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. 

﴿وَالشَّفْعِ وَالْوَتْرِ﴾ (البروج :3)

މާނައީ: "އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ."

މިއާޔަތުގެ ތަފްސީރާ ބެހޭ ގޮތުން ޢަބްދުﷲ ބްން ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

"الشفع يوم الأضحى ، والوتر يوم عرفة"

މާނައީ: "الشفع (ހިރި) އެއީ އުޟްޙިޔާގެ (އެބަހީ: އަޟްޙާ ޢީދު) ދުވަހެވެ. އަދި الوتر (އޮނަހިރި) އެއީ ޢަރަފާތް ދުވަހެވެ." 

4. އެދުވަހުގެ ރޯދަ 2 އަހަރު ދުވަހުގެ ފާފައިގެ ކައްފާރާއަށް ފުދޭ:

ޢަރަފާތް ދުވަހުގެ ރޯދައަކީ ޙައްޖުވެރިން ފިޔަވައި އެންމެހާ މުސްލިމުންގެ މައްޗަށްވާ ސުންނަތެކެވެ. ޙައްޖުވެރިން އެދުވަހު ރޯދައަށް ތިބުމީ ސުންނަތެއް ނޫނެވެ. އެހެނީ ރަސޫލު ﷲ صلى الله عليه وسلمއެދުވަހު ރޯދަފުޅަކަށް ނުހުންނަވައެވެ.

އަދި އެކަލޭގެފާނު -صلى الله عليه وسلم- ޢަރަފާތު ބިމުގައި ތިބި މީހުން (ޙައްޖުވެރީން) ރޯދަ ހިފުން މަނާ ކުރެއްވެވިއެވެ. 

ދެންފަހެ ޢަރަފާތް ދުވަހުގެ ރޯދައިގެ މާތްކަން ދަންނައެވެ!

އަބޫ ޤަތާދާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

يكفر السنة الماضية والسنة القابلة”[4]

މާނައީ: "(ޢަރަފާތް ދުވަހުގެ ރޯދައަކީ) އިސްވެ ދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ (ފާފައިގެ) ކައްފާރާއެވެ." 

5. އެއީ ﷲ ތަޢާލާ، އާދަމްގެ ދަރިންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަސް: 

އިބްނު ޢައްބާސް رضي الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ  ޙަދީޘްކުރެއްވިއެވެ.

"إن الله أخذ الميثاق من ظهر آدم بنعمانيعني عرفةوأخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذر ، ثم كلمهم قبلا ، قال : ﴿أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ * أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ﴾ (الأعراف : 172-173)" 

މާނައީ: "ﷲ ތަޢާލާ އާދަމް عليه السلامގެ ބުރަކަށިފުޅުން ޢަހުދުކަށަވަރު ހިއްޕެވިއެވެ. އެއީ ޢަރަފާތް ދުވަހު ‘ނަޢްމާން’ އެވެ ކިޔުނުތަނުގައެވެ. ފަހެ އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން، (ދުނިޔެ ނިމެއްޖައުމަށް ދާންދެން އުފަންވާނެހާ ބައެއް)، އެކަލޭގެފާނުގެ މައިބަދައިން ނެރުއްވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، ޒައްރުތަކެއް ފަދައިން އެބައިމީހުން ފަތުރާލެވުނެވެ. ދެން އެއަށްފަހު އެބައިމީހުންނާ ކުރިމަތިލައްވާވޮޑިގެން އެކަލާނގެ ބަސް ވަޙީ ކުރެއްވިއެވެ. ‘ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންއިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކުކޮށް އުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލްގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ؟"

 

6. އެއީ ފާފަފުއްސުވުމާއި ނަރަކައިން މިންޖު ކުރެއްވުމާއި ޢަރަފާތުގެ އަހުލުވެރިންނާމެދު މުބާހާތުވެވޮޑިގަންނަވާ ދުވަސް: 

ރުއްސުންލެއްވި ޢައިޝަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.

ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة ، وإنه ليدنو ثم يباهي بهم الملائكة فيقول : ما أراد هؤلاء ؟”

މާނައީ: "ޢަރަފާތް ދުވަހަކީ ﷲގެ އަޅުތަކުންގެ ތެރެއިން، އެދުވަހެއްގައި އެންމެ ގިނަ ބަޔަކު ނަރައިން މުއްތި ކުރައްވާ ދުވަހެވެ. އަދި ހަމަކަށަވަރުން(ﷲ ތަޢާލާ) އެބައިމީހުންނާ ކުއްތަންވެވޮޑިގެން، މުބާހާތު ކުރައްވާ، ފަހެ މަލާއިކަތުންނަށް ބަސްވަޙީ ކުރައްވާނެއެވެ. މިބައިމީހުން ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟"

އަދި  އިބްނު ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. 

"إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول : انظروا إلى عبادي أتوني شعثا غبرا"

މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ، ޢަރަފާތުގެ ވަޤުތު އެތަނުގެ އަހުލުވެރިންނާ (ޙައްޖުވެރިންނާ) މެދު، މަލާއިކަތުންނާ މުބާހާތު ކުރައްވާނެއެވެ. ފަހެ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ތިމަން ﷲ ގެ އަޅުތަކުންނަށް ބަލާބަލާށެވެ. އެބައިމީހުން އެވަނީ ބޯހޭވި، ހިރަފުސް ވެގެންވާ ޙާލު ތިމަން އިލާހުގެ ޙަޟްރަތަށް އައިހެވެ."

7. އެއީ ޙައްޖުގެ އަޅުކަމުގެ އެންމެބޮޑު ރުކުން އަދާކުރެވޭ ދުވަސް:

ޢަރަފާތް ދުވަހަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ ބޮޑު ރުކުން އަދާކުރެވޭ ދުވަހެވެ. އެއީ ޢަރަފާތުގައި މަޑުކުރުމެވެ. ރަސޫލުﷲ  ޙަދީޘްފުޅު ކުރެއްވިއެވެ.

"الحج عرفة"

މާނައީ: "ޙައްޖަކީ ޢަރަފާތެވެ." 

8. އެއީ ހުރިހާ ޢަމަލުތަކެއް ޖަމާވާ ހަމައެކަނި ދުވަސް:

ޢަރަފާތް ދުވަހަކީ އެންމެހާ އަޅުކަންތައް އެދުވަހެއްގައި ޖަމާކުރެވޭ ދުވަހެވެ. ނަމާދާއި، ރޯދައާއި، ޞަދަޤާތާއި ޙައްޖު އެދުވަހު ޖަމާވެއެވެ. އަހަރުގެ އެހެން ދުވަހެއްގައި މި ހުރިހާ އަޅުކަން އެއްތަން ނުވެއެވެ. 

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މިފަދަ މަތިވެރި ދުވަހަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު ފާފަތަކުން ތައުބާވެ، އެދުވަހުގެ މަތިވެރިކަން ލިބިގަތުމަށް ވަރުގަދަ ޢަޒުމަކާ އެކު ތިބުމީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިބަރަކާތްތެރި ދުވަހަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ހެޔޮގޮތުގައި ބައްޓަން ކުރުމުގެ ބިންގާ އެޅޭ ދުވަހެއް ކަމުގައި ﷲ ތަޢާލާ ލައްވާށިއެވެ. އަދި މިދުވަހުގެ ފުރިހަމަ ހެޔޮކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށިއެވެ. އާމީން. 

- އައްޝައިޚް އަޙްމަދު ނާޒިލް މުޙައްމަދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން