ކުރިއަށް މިއޮތް ބޮޑުބަންދާ ޢީދު ޗުއްޓީއަކީ އިހްމާލްވެފައިވާ ބެލެނިވެރިން ފާފައިން ސަލާމަތްވާން މަސައްކަތްކުރާ ދުވަސްތަކަކަށް ހަދަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކުރިއަށް މިއޮތް ބޮޑުބަންދާ ޢީދު ޗުއްޓީއަކީ އިހްމާލްވެފައިވާ ބެލެނިވެރިން ފާފައިން ސަލާމަތްވާން މަސައްކަތްކުރާ ދުވަސްތަކަކަށް ހަދަމާ!

ކުރިއަށް މިއޮތީ މިއަހަރުގެ ބޮޑުޢީދުގެ ޗުއްޓީގެ ދުވަސްތަކާއި އަދި އަހަރުގެ ދިރާސީ ބޮޑުބަންދުގެ ދުވަސްތަކެވެ. މިދުވަސްތަކުގައި ބެލެނިވެރިން ޗުއްޓީއަށް ދަތުރުތައްވެސް ކުރާނެއެވެ. އަދި ރަށުގައިވެސް ދަރިންނާއިއެކު ހޭދަކުރާ ވަޤުތު ގިނަވާނެއެވެ. 

ދިރާސީ އަހަރުގައި ސްކޫލުން ބުނެފިނަމަ ކިތަންމެ ފަތިހަކާ ނަމަވެސް ސްކޫލުން ރާވާ ހަރަކާތްތަކަށް ދަރިން ހޭލެއްވީމުއެވެ. ނުހޭލަން އުޅެފިނަމަ ފެންޖަހައިގެންވެސް ހޭލައްވައިގެން ސްކޫލުން ބުނިހާ ތަނަކަށް ކުދިން ގެންދިއައިމެއެވެ. 

އަޅެ ނިކަން ވިދާޅުވެބައްލަވާށެވެ! ޢާއިލާއަށް ރިޒުޤު ދެއްވަވާ، ދަރިންނަށް ޢިލްމް މިންވަރުކުރައްވަވާ އަދި އެހެންވެސް ނިޢުމަތްތައް ދެއްވަވާ ﷲ ތަޢާލާގެ އަމުރުފުޅަށް ފަތިހު ތިމާ ހޭލައި ދަރިން ޙޭލައްވައިގެން ކިތައް ރޭ ދަރިން ފަތިސް ނަމާދަށް ގެންދިއައިން ހެއްޔެވެ؟ ގޭގައި ނަމަވެސް ފަތިސްނަމާދުކުރުވިންހެއްޔެވެ؟ ބެލެނިވެރިޔާ ކިތައް ރޭ ފަތިސް ނަމާދު ކުރިން ހެއްޔެވެ؟ 

ފާއިތުވެ ދިއަ ދުވަސްތަކަކީ މާޒީއެވެ. މާޒީގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަނބުރައެއް ނުގެނެވޭނެއެވެ. އަހުރެމެންނަށް އޮތީ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. 

ޗުއްޓީތަކާއި ގުޅިގެން ކުރަން އޮތް އެންމެ ފައިދާހުރިކަމަކީ މިލިބޭ އަގުހުރި ފުރުޞަތުގައި ކޮންމެ ރެއެއްގެ ފަތިސް ނަމާދުކުރަން އަމުރު ކުރެއްވެވި ﷲ ތަޢާލާގެ އަމުރުފުޅު ތަންފީޒުކުރެވޭތޯ ބެލުންކަން ޤަބޫލުކުރަމާ ހިނގާށެވެ! މިހާރު ފަތިސްނަމާދަށް އިހްމާލްވެވޭ މައިން ބަފައިންނާއި ބެލެނިވެރިންވެސް ފަތިސް ނަމާދުކުރަން ފަށަމާ ހިނގާށެވެ. 

ބާލިޣްވެ ނަމާދުކުރުވަން ޖެހޭ އުމުރުގެ ކުދިންލައްވައި ފަތިސް ނަމާދު ކުރުވޭތޯ މަސައްކަތް ކުރާށެވެ! އެކަމަށް ޢަޒުމް ކަނޑައަޅައި ސަމާލުކަންދީފިނަމަ އެއީ ކުރަން އުނދަގޫކަމަކަށް ނުވާނެއެވެ. އަދި އެކަން ނުކުރުމަކީ މައިންބަފައިން މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާން  ޖެހޭނެވެސް ކަމެކެވެ. 

ދަރިވަރުން ކިތަންމެ ރަނގަޅު ނަތީޖާ ހޯދަމުން ދިއަ ނަމަވެސް އެކަމުގެ ފައިދާ މުޖުތަމައުން ނުފެންނަ ނުވަތަ ފެނުން މަދުވެފައިވާ ސަބަބާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަމުގެ ނަތީޖާ ފެންނަން ފަށާނެއެވެ. 

- އަލަފް

 

 

 

މިއަދު އޮންލައިން