މިނިކަމެތި އަންހެނާގެ ދުޢާއިންވެސް ޔަޤީންވެގެންދަނީ އަނިޔާ ލިބޭ ޙާލުގަ ކުރާ ކޮންމެ ދުޢާއެއްވެސް ވަގުތުން ﷲ އައްސަވައިވޮޑިގެންވާކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
މިނިކަމެތި އަންހެނާގެ ދުޢާއިންވެސް ޔަޤީންވެގެންދަނީ އަނިޔާ ލިބޭ ޙާލުގަ ކުރާ ކޮންމެ ދުޢާއެއްވެސް ވަގުތުން ﷲ އައްސަވައިވޮޑިގެންވާކަން!

ދީނުގެ ކަންކަން އޮޅުންފިލުވަން ކުރާ ސުވާލުތަކަށްވުރެވެސް ގިނައިން ލިބެނީ އަނިޔާ ލިބޭތީ އެކަމުގެ ޝަކުވާއެވެ! އެކަކު އަނެކަކު އެންމެ ބޮޑަށް ލޯބިވާންޖެހޭ މީހުންގެ ކިބައިން އަނިޔާލިބޭކަމުގެ ޝަކުވާއެވެ. ޙަޔާތުގެ ބައިވެރިޔާގެ ކިބައިން އަނިޔާލިބޭ ކަމުގެ ޝަކުވާއެވެ. 

މިފަދަ ޝަކުވާތައް މިއަދު ގިނަވެފައިވީނަމަވެސް އަނިޔާލިުމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް ހިނގަމުން އައި ކަމެއްކަން މިޙާދިސާއިންވެސް އެނގިގެންދެއެވެ. ބުނަން ބޭނުންވަނީ އަންހެނެއް ފިރިހެނެއް ތަފާތެއް ނެތެވެ! ނިކަމެތިކަމާއި އަނިޔާ ލިބޭނަމަ އަވަހަށް ދެއަތް އުފުލައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ދުޢާކުރާށެވެ! މިކިޔައިދެނީ އެފަދަ ޙާލުގައި ކުރެވުނު ދުޢާއެއް ވަޤުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކައެވެ. 

އެކަނބުލޭގެ (ޞަޙާބީ ބޭކަނބަލެއް) ރަސޫލް () ގެ އަރިއަހަށް ވަޑައިގެންނެވީ އާދައިގެކަމެއްގައެވެ. ނޫނެވެ. ޅަފަތުންސުރެ ކައިވެނިކުރައްވައިގެން އުޅުއްވެވި ފިރިމީހާ، އަނބިމީހާ މުސްކުޅިވި ދުވަހު ފިރިމީހާގެ މަންމައާއި އަނބިމީހާ އާއި އެއްފަދަ ކުރުމުން ރަސޫލް () އަށް އެކަމުގެ ޝަކުވާ ދެންނެވުމަށެވެ. 

ޝަކުވާ ދެންނެވީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގަނޑުވަރުކޮޅުގައި އިންނަވަނިކޮށެވެ. ގަނޑުވަރުކޮޅެވެ ބުނުމުން އެއީ މިޒަމާނުގެ ރައީސުން، ރަސްރަސްކަލުން ދިރިއުލުއްވަވާ ފަދަ ބޮޑު ތަނެއް ނޫނެވެ. ނިދަން ބޭނުންކުރާ ބޮޑު އެނދެއްގެ ބޮޑު މިނެވެ. އެތަނުގައި ޢައިޝަތުގެފާނު އިންނެވިއެވެ. ޢައިޝަތުގެފާނަށް އެ ޝަކުވާގެ އަޑު އިވިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ﷲ ތަޢާލާ ވަގުތުން އަޑު އައްސަވައިވޮޑިގެން ވަގުތުން ކީރިތި ޤްރްއާނުގެ އާޔަތެއް ބާވައިލެއްވެވިއެވެ. 

އެއީ އެވަގުތާއި ހަމައަށް އެކަމުގެ ހުކުމްފުޅެއް ﷲ ބާވައިލައްވަވާފައި ނެތްކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން އެކަމުގެ ޙުކުމްފުޅެއް ރަސޫލް އަށް ބާވައިލެއްވެވުން ނުވަތަ އަންގަވައިދެއްވެވުމަށް އެދި އެކަނބުލޭގެ ދެންނެވުމުންނެވެ. 

މކަމުންވެސް ސާބިތުވެގެން މިދިއައީ ނިކަމެތިކަމެއް ލިބިގެން ނުވަތަ އަނިޔާލިބެމުންދާ ޙާލުގައި އަޅަކު ދުޢާކޮށްފިނަމަ އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރެވެ. ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށާއި އިޖާބަ ކުރައްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅުގެ ތެދުކަމެވެ. ހަމަގައިމުވެސް އެކަނބުލޭގެ ކުރި ދުޢާ ވަގުތުން އައްސަވައިވޮޑިގެންނުވާނަމަ ވަގުތުން ވަޙީ ބާވައިނުލެއްވެވީހެވެ.  

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ. ޔޫނުސްގެފާނު ފަދަ ބޭކަލުން ދުޢާކުރެއްވެވިފަދައިން ދުޢާ ކުރުމަށެވެ.

"ތިމަން ﷲ އަށް ދަތި އިނދަގޫކަމެއް ކުރިމަތިވެއްޖެއެވެ. އިނބަ ﷲގެ ރަޙްމަތްފުޅު ތަނަވަސްކޮށްދެއްވަވާނދޭވެ!"

އެއިރުން ރަޙްމަތްފުޅު ތަނަވަސްކޮށް ދެއްވަވާނެތެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. ވީމާ އަހަރެމެންނަށް އޮތީ ޔަޤީންކޮށްގެން ތިބުމެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ތިމާ އަކީ ދުޢާ ޢިޖާބަކުރައްވަވާނެ މީހެއްގެ ގޮތުގައި ދިރިއުލެމުންދިއުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން