މި ދެ ދުޢާއަކީ ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވި 2 ދުޢާއެވެ! ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ދުޢާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މި ދެ ދުޢާއަކީ ﷲ ތަޢާލާ ޢިޖާބަ ކުރެއްވެވި 2 ދުޢާއެވެ! ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ދުޢާއެވެ!

ކީރިތި ޤުރްޢާނުގައިވާ ދުޢާތައް ކުރަން ބައެއް މީހުން ފަސްޖެހެނީ އެމީހަކު ބޭނުންވެގެން އުޅޭކަންތަކުގެ ވާހަކަ އެދުޢާގައި ނެތުމުންނެވެ. އަހުރެން ބުނާނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެން މިބުނަނީ ޔޫނުސްގެފާނާއި އައްޔޫބްގެފާނު ކުރެއްވެވި ދުޢާގައި ވަކިކަމަކަށް އެދިވަދައިގެންފައެއް ނެތެވެ. ނޭނުންވާ ކަންތައް އޮތީ އެބޭކަލުންގެ ހިތްޕުޅުގައެވެ. އެހެނަސް ދުޢާ ޢިޖާބަކުރެއްވެވިއެވެ. އެއީ ދުޢާކުރާ މީހާގެ ބޭނުން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.

އެބިޔަ ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވި ދުޢާ:  

"އިނބަ ރަސްކަލާނގެ މެނުވީ އިލާހަކު ނެތެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެތެރެއިން މިއަޅާވީމެވެ." (އަލްއަންބިޔާ: 87) 

މިދުޢާކުރެއްވެވުމުން ޔޫނުސްގެފާނުގެ ދުޢާ ޢިޖާބްކުރެއްވެވިކަން ޖެހިގެން އޮތް އާޔަތުން އެނގިގެންދެއެވެ.  

އައްޔޫބެގެފާނު ދުޢާކުރެއްވެވީ މިފަދައިންނެވެ. 

"ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫޖެހިއްޖެއެވެ. އަދި އިނބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ" (އަލްއަންބިޔާ: 83) 

އައްޔޫބްގެފާނު މިފަދައިން ދުޢާކުރެއްވެވުމުން ހަމަވަގުތުް ދުޢާ ޢިޖާބަކުރެއްވެވިކަން ޖެހިގެން އޮތް ޢާޔަތުން އެނގިގެންދެއެވެ. 

މިފަދައިން ދުޢާކުރުމުން އެމީހަކަށް ﷲ ތަޢާލާ މަގު ތަނަވަސްކޮށް ދެއްވަވާނެއެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. ކީރިތި ޤުރްއާނުގައެވެ. 

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުމެވެ. ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ.

ދުޢާ ކުރުމުން އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރު ނިކަން ވިސްނައިބަލާށެވެ. ވަޙީ ކުރައްވަވާފައި މިވަނީ ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށެވެ. އިޖާބަ ކުރައްވަވާނެ ކަމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން