ބައިވެރިޔާދެކެ ލޯބިވާކަމަށް އެހެންމީހުންގެ ގާތުގަ ނުބުނެވެނީ ހިތް ނުފުރި އިތުރަށް ބޭނުންވާތީ! ޙަޤީޤީ އުފާވެރިކަން ބޭނުންނަމަ މިނުބައި އާދަ ދޫކޮށްލަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބައިވެރިޔާދެކެ ލޯބިވާކަމަށް އެހެންމީހުންގެ ގާތުގަ ނުބުނެވެނީ ހިތް ނުފުރި އިތުރަށް ބޭނުންވާތީ! ޙަޤީޤީ އުފާވެރިކަން ބޭނުންނަމަ މިނުބައި އާދަ ދޫކޮށްލަން އެބަޖެހޭ!

ޞަޙާބީން އެއްވެފައިވާ ތަނެއްގައި ހުރިހާ ބޭކަލުންގެ ކުރިފުޅުމަތީގައި "އެކަލޭގެފާނު (ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވަނީ ކާކާތޯ؟" ސުވާލުކުރެވުނުކަމާއި ދެއްވެވި ޖަވާބަކީ "އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވަނީ އަނބިކަނބަލުން ޢާއިޝަތުގެފާނު ދެކެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވިކަން ނުއެނގޭ މުސްލިމަކު ހުރެގެން ނުވާނެއެވެ. 

ދެން އޮތީ އަހުރެމެންގެ މިއަދުގެ ޙާލެވެ. ސިއްރުން ނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވަމުތޯ ސުވާލުކުރެވިއްޖެނަމަ ޖަވާބުގައި "އާނއެކޭ" ބުނެވޭ ހެއްޔެވެ؟ އެންމެ ލޯބިވަނީ ބައިވެރިޔާ ދެކެ ކަމަށް ނުބުނާއިރު އޭނާދެކެ ލޯބިވާކަމަށްވެސް މިއޮންނަނީ ނުބުނެވިފައެވެ. 

މިކަމުގެ ތަފްޞީލަށް ބަލާލައިފިނަމަ ދައްކަން ޖެހެނީ ލަދުވެތި ވާހަކައެކެވެ. އެހެނީ ބައިވެރިޔާ ދެކެ ލޯބިވާކަމަށް ބުނަން ބޭނުންވާ ސަބަބަކީ ލަދުވެތި ސަބަބަކަށްވާތީއެވެ. ވަރަށް ކެރިހުރެގެން ބުނަމެވެ. 99 އިންސައްތަ ފަހަރު އެކަން ދިމާވާ ސަބަބަކީ ބައިވެރިޔާއިން ހިތް ނުފުރޭކަމެވެ. އިތުރަށް ބޭނުންވެވޭ ކަމެވެ.

މިކަން ގިނައިން ދިމާވާނީ އަންހެނަކު ފިރިހެނަކާއި ނުވަތަ ފިރިހެނަކު އަންހެނަކާއި ސުވާލުކުރުމުންނެވެ. އެވާގޮތަކީ ސުވާލުކުރި މީހާގެ ކިބައިންވެސް "ބޮޅެއް ޖަހާލަން" ބޭނުންވެވުމެވެ. ކޮންފަދަ ލަދުވެތި ގޮތެއް ހެއްޔެވެ؟ 

ފައުލުގައި މިފަދަ ބަސްތައް ބުނެވޭތީ ބައެއް މީހުން ނަފްރަތުވެސް ކުރެއެވެ. އެކަމަކު ނިކަން ތެދަށް ބުނެބަލާށެވެ! ޙަޤީޤަތަކީ މިއީ ނޫންހެއްޔެވެ؟ 

މިނުބައި ގޮތް ދޫކޮށްލެވިގެން ނޫނީ އުފާވެރިކަމެއް ނުލިބޭނެއެވެ. އެންމެ ބޮޑަސް ލޯބިވަނީ އަނބިމީހާކަމަށް ނުބުނެވޭނަމަ ފުރަތަމަވެސް އެއޮތީ މައްސަލަ ޖެހިފައެވެ. އެފަދަ މީހެއްގެ ޒަވާޖީ ހަޔާތުން އެމީހަކަށް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ 

ވަކިމީހަކަށް ނޫނެވެ! އެންމެންނަށެވެ! މިކަން އިޞްލާޙްކޮށްލަމާ ހިނގާށެވެ! ރިވެތި ޙަލާލް ދިރިއުޅުމަކަށް ލޯބިކުރަމާ ހިނގާށެވެ! މިއަދާއި މާދަމާވެސް އުފަލުގައި ތިބެވެން އޮތީ މިކަން އިޞްލާޙްކުރެވިގެންނެވެ. 

- އަލަފް

މިއަދު އޮންލައިން