ފާފަކުރެވުމުން ތައުބާނުވާ މީހުންނަށާ ކުށް ކުރެވުމުން މާފަށް ނޭދޭ މީހަކަށް ލޯތްބެއްވެސް އުފާވެރިކަމެއްވެސް، ސަލާމަތްކަމެއްވެސް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފާފަކުރެވުމުން ތައުބާނުވާ މީހުންނަށާ ކުށް ކުރެވުމުން މާފަށް ނޭދޭ މީހަކަށް ލޯތްބެއްވެސް އުފާވެރިކަމެއްވެސް، ސަލާމަތްކަމެއްވެސް ނުލިބޭނެ!

ފުރަތަމަ ބަލައިލަންވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަށެވެ. "ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެކެވެ. ހެޔޮކަންބޮޑު މީހަކީ ފާފަކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހާއެވެ." ވީމާ ފާފަ ކުރެވޭނެ ކަމާއި އޮތީ ތައުބާވުމަށް އަވަސްވެގަތުންކަމާއި އެކަމަށް އަވަސްވެގަތުމުން މީހާގެ ދަރަޖަ އުފުލިގެންދާކަން މިއޮތީ އެނގޭށެވެ!

ދެން ބަލައިލަންވީ ކުށެއް ކުރެވުމަށެވެ. ކުށެއް ކުރެވުމުން މާފަށް އެދެން އަވަސްވެގަންނަ މީހުންދެކެ، މީހުން ލޯބިވުމާއި މީސްތަކުންގެ ތަރުޙީބު އިތުރުވެގެންދެއެވެ. ކުރާ އިތުބާރު ބޮޑުވެގެންދެއެވެ. ކުށެއް ކުރުމުން އެކަން ޤަބޫލުނުކޮށް ޖަދަލުކުރާ މީހުންނަށް މީސްތަކުންނަށް ނަފްރަތުކުރެއެވެ. އަދި އެމީހަކަށް އިތުބާރެއްވެސް ނުކުރެއެވެ.

މިއީ ކޮންމެ ދުވަހަކު ފެންނަމުންދާ ޙަޤީޤަތެކެވެ. ﷲ ތައާލާގެ ޙަޟްރަތުގައިވެސް މިކަން ހިނގަނީ ހަމަ މިމަގުންނެވެ. ފާފައެއް ކުރެވުމުން ތައުބާވާމީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވަތެވެ. ގިނަގިނައިން ތައުބާވުމަށް އެކަލާނގެ ލޯބިކުރައްވަވަތެވެ. ގިނަގިނައިން ތައުބާވާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެއެވެ. ޙައްޤު މަގުގައި ސާބިތުވެ ހުރުމުގެ ކުލަދާނަކަންވެސް މިންވަރުކުރައްވަވަތެވެ.

 

ފުރަތަމަ ކަމަކަށް ގިނަގިނައިން ތައުބާވާ މީހަކަށްވެ އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވެ ބަދަލުގައި ހެޔޮކަމެއް ކުރާށެވެ! ފާފައެއް އިތުރަށް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ފާފައެއް ކުރެވުމުން އިބިލީސް ބޮލުގައި އެކަން އަޅުވައި ދޫކޮށްލުމަކުން ކުރެވުނު ފާފައިން ސަލާމަތެއް ނުވެވޭނެއެވެ. ސަލާމަތްވެވޭނީ ތައުބާވެގެންނެވެ.

ހަމައެފަދައިން ކުށެއް ކުރެވިއްޖެނަމަ އަވަހަށް އެކަން ޤަބޫލުކުރާށެވެ! ޖަދަލުކުރުމުގެ ބަދަލުގައި މާފަށް އެދޭށެވެ. އެފަދަ ކުށެއް ދެން ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ކުށް ކުރެވުނީ އެހެން މީހެއްގެ ސަބަބުން ކަމަށް ބުނުމަކުން މައްސަލަ ޙައްލެއް ނުވާނެއެވެ. މައްސަލަ ޙައްލުކުރެވޭނީ ކުރެވުނު ކުށުގެ ޒިންމާ އެމީހަކު އަމިއްލައަށް އުފުލައިގެންނެވެ.

އިޞްލާޙްވާން އެދޭމީހާއަށް އޮތީ ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމެވެ. ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމެވެ. އެކަން ނުކުރެވޭ މީހަކަށް އާޚިރަތުގައިވެސް ދުނިޔޭގައިވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން