ކީރިތި ޤުރްއާން ކިޔެވުމުގަ ސަމާލުކަންދޭންޖެހޭ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކީރިތި ޤުރްއާން ކިޔެވުމުގަ ސަމާލުކަންދޭންޖެހޭ 5 ކަމެއް!

ޢަލީގެފާނު ގެ ބަސްފުޅެއް ކަމަސް ބަޔާންވެގެންވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އިސްވެ ދިއަ މީސްތަކުންނާއި އަންނަންތިބި މީސްތަކުންގެ ވާހަކަ ބަޔާންވެގެންވާ ކީރިތި ޤުރްއާނުގައި އެންހައި މަތިވެރިވަންތަކަން ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ޙުކުމްފުޅުތަކެވެ. ޤަބޫލުނުކޮށް ޢަމަލު ނުކޮށްފި މީހާ ހަލާކުވެ ހިނގައްޖެއެވެ. ޤަބޫލުކޮށް ބަލައިގެންފި މީހާ ބާއްޖަވެރިކަން ހޯދައިފިއެވެ. ޤުރްއާނަކީ ﷲ ތަޢާލާ އާއި މީސްތަކުން އެންމެ ބަދަހިކޮށް ބަނދެވިގެންދާނެ ވައިގަނޑެވެ. ދޫކޮށްލައިފިނަމަ ﷲ ތަޢާލާ އެމީހަކު ގެއްލެނިކުރައްވަވައި ހަލާކުކުރައްވަވާނެތެވެ." މިއީ ކިހައި ފުރިހަމަ ބސްފުޅުތަކެއް ހެއްޔެވެ؟

ކީރިތި ޤުރްއާން ކިޔެވުމުގައި ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލަނީ 5 ކަމެކެވެ. އެގޮތުން ފުރަތަމަކަމަކީ ކީރިތި ޤުރްއާނަކީ އެންމެ މަތިވެރިވަންތަކަން ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުކަން ޔަޤީންކޮށްގެން ކިޔެވުމެވެ. އެފޮތުގައި ބަޔާންވެގެންވާ ކޮންމެ ކަމަކީ އެންމެ ފުރިހަމަ ބަސްފުޅުކަން ހިތުގެ އަޑިން ޔަޤީންކޮށްގެން ކިޔެވުމެވެ.

ދެވަނަ ކަމަކީ ކީރިތި ޤުރްއާން ކިޔަވަމުންދާއިރު ކޮންމެ ވަޙީބަސްފުޅަކީ ވެސް ޚުދު ތިމާއަށް އަމާޒުކުރެވިފައިވާ ބަސްފުޅެއްކަން ޤަބޫލުކޮށް ބިރުވެތިކަމާއިއެކު ކިޔެވުމެވެ.

3 ވަނަ ކަމަކީ ހުޅުވާލެވިފައިވާ ހިތަކާއިގެން ކިޔަވާށެވެ! ޢަޖާބާއި ސަވާބުގެ ވާހަކަތައް ކިޔަމުން ގެންދާއިރު ބިރުވެތިވާށެވެ. އުފާވެސް ކުރާށެވެ. އިހާއި ފަހުގެ ވާހަކަތައް ކިޔަމުންދާއިރު ވިސްނާށެވެ. ކޮންމެ އަމުރުފުޅެއް އެނގުމުން ބިރުވެތިވާށެވެ.

ހަތަރުވަނަކަމަކީ ވިސްނުންތެރިކަމާއިއެކު ލަސްލަހުން ކިޔެވުމެވެ. ރިވެތި ރާގަށް ކިޔެވުމެވެ. ތަޖްވީދުމަގުން ކިޔެވުމެވެ.

ފަސްވަނަކަމަކަށް ވީހައި ގިނައިން ޤުރްއާންކިޔަވާށެވެ! ރަސޫލް ﷺ މުޅި ރޭގަނޑު ޤުރްއާން ވިދާޅުވިއެވެ. ބައެއް ޞަޙާބީންނާއި އިމާމުން މުޅި ރޭގަނޑު އެކުގައި އެންމެ އާޔަތެއް ވިދާޅުވިއެވެ. ފަރުޟު ނަމާދަކަށްވިނަމަވެސް ސުންނަތް ނަމާދަކަށްވިނަމަވެސް ކޮންމެ ރަކްޢަތެއްގައި އަލްޙަމްދު ކިޔަން ޖެހުން އެއީ އިއްތިފާޤެއް ނޫނެވެ. ތަކުރާރުކޮށް ކިޔަވަންޖެހޭކަން އަންގައިދޭ ކަމެކެވެ.

ރަނގަޅަށް ހަނދާންކުރާށެވެ. ކީރިތި ޤުރްއާނަކީ ފަނޑިޔާރުން ޙުކުމްކުރަން އޮތް ދުސްތޫރެވެ. މީސްތަކުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަން އޮތް މަގުޗާޓެވެ. އެގޮތުގައި ސާބިތުވެއްޖެ މީހަކަށް އޮތީ ދެ ދުނިޔޭގެ ބާއްޖަވެރިކަމެވެ. އިން ޝާ ﷲ

އިސްލމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން