ޢަޛާބުގެ ވާހަކަ އަޑު ނާހާނަމަ ބިރުވެތި ނުވެވޭނެކަން ޤުރްއާނާ ދުނިޔަވީ ހަމަތަކުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢަޛާބުގެ ވާހަކަ އަޑު ނާހާނަމަ ބިރުވެތި ނުވެވޭނެކަން ޤުރްއާނާ ދުނިޔަވީ ހަމަތަކުން-

އަޅުގަނޑުމެންގެ ގޭގައި ނަރަކަ އާއި ޢަޛާބުގެ ވާހަކަ ދައްކާނަމަ ދޮންބެ ވަރަށް ރުޅިއާދެއެވެ. ބުނަނީ އެއީ ބިރުވެރި ވާހަކަތަކެއް ކަމަށާއި އަޑުއެހީމާ ބިރުވެރި ހުވަފެންވެސް ފެންނާނެ ކަމަށެވެ. އެއީ ތެދެއްތޯ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަންއޮތީ އެއީ ވަރަށް ނުބައި ވިސްނުމެއް ކަމަށެވެ. އަހަރެމެން ދައްކައިގެން ނުވާނެ ވާހަކައެއް ކީރިތި ޤުރްއާނަކު ނުއޮންނާނެއެވެ. ހަމައެއާއިއެކު އަހރެމެން ދައްކައި އެކަންކަމަސް ވިސްނައި ޢަމަލުކުރަން ނުޖެހޭ ކަމެއް ސުންނަތަކުވެސް ނުއޮންނާނެއެވެ.

ރޭގަނޑު ގިނައިން ނުކެއުމަށާއި ކޭތަކެތި ޙަޖަމް ނުވަނީސް ނުނިދަން ދޮންބެއަށް ނަޞޭޙަތްދޭށެވެ. އެއީވެސް ބިރުވެރި ހުވަފެން ފެންނަ ކަންކަމެވެ. އަދި ތިރީގައިވާ ލިޔުމުންވެސް ވަރަށް ގިނަ ކަންކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ

ފާފަކުރުމުން ދެއްވަވާނެ ޢަޛާބުގެ ވާހކަތަކުގެ އަޑުއިވުމުން ކަންބޮޑުވާ ބައަކު ތިބެއެވެ. އަދި އެމީހުން އަޑުއަހަން ބޭނުންވަނީ ހަމައެކަނި ސުވަރުގޭގެ ނިޢްމަތްތަކުގެ ވާހަކަތައް ކަމުގައި ޤަބޫލުކުރެއެވެ. ނަމަވެސް މިވިސްނުމަކީ ރަސޫލުންނާއި ނަބީބޭކަލުން ދުނިޔެއަށް ފޮނުއްވެވުނު އަދި ކީރިތި ކީރިތި ޤުރްއާން ބާލައިލެއްވެވި މަޤްޞަދާއި ޚިލާފް ވިސްނުމެއްކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ހަމައެކަނި މިއާޔަތްތަކުންވެސް މިކަން އެނގިގެންދެއެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙްގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލްކަމާއިގެން ފޮނުއްވެވީމެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޒާރު ކުރައްވާށޭ އަނގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި ޢަޛާބު އައުމުގެކުރިންނެވެ." (ނޫހް: 1)

"އެފޮތަކީ ޢަޒީޒްވަންތަ ރަޙީމްވަނަތަރަސްކަލާނގެ ބާވައިލެއްވެވި ފޮތެވެ. (.) އެއުރެންގެ ކާބަފައިންނަށް އިންޒާރުކުރައްވަވާފައިނުވާ ބައކަށް ކަލާގެފާނު އިންޒާރުކުރެއްވެވުމަށްޓަކައެވެ. އެއުރެންނީ ޣާފިލުވެގެންވާ ބައެކެވެ." (ޔާސީން: 5،6)

"މީސްތަކުން އެއް އުންމަތެއްގެ ބައަކު ކަމުގައިވިއެވެ. ދެންފަހު، ﷲ، އުފާވެރިކަމުގެ ޚަބަރު ދެއްވަވާ ބޭކަލުންގެ ގޮތުގައްޔާއި އަދި އިންޒާރުކުރައްވަވާ ބޭކަލުންގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވެވިއެވެ...." (އަލްބަޤަރާ: 213)

ދުނިޔަވީ ނަޒަރަކުން ވިސްނައިލަމާ ހެއްޔެވެ؟ މީހަކު ހެޔޮކަމެއްކޮށްދޭން ބުނެފިނަމަ އެކަމަސް ސަމާލުކަންދެވޭ މިންވަރަށްވުރެ މާބޮޑަށް މީހަކު ތިމާއަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭން ބުނެފިނަމަ ހިތުގައި ބިރުވެތިކަން އުފެދެއެވެ. އެކަމަށް ދެވޭ ސަމާލުކަންވެސް ބޮޑުވެއެވެ. ހަމައެއާއިއެކު އެކަމެއް ކުރުމުން ފައިދާއެއް ނުވތަ މަންފާއެއް ލިބިދާނެ ކަންކަން ކުރުމަށްވުރެ އެކަމެއް ކުރުމުން ގެއްލުމެއް ލިބިދާނެ ކަންކަން ކުރަން ބިރުގަނެ ފަސްޖެހެއެވެ.

ހަމަކުޑަކުޑަ އެއް މިސާލުބުނެލާނަމެވެ. ޑޮކްޓަރަށް ދެއްކުމުން ތިބާ ތިއަހުރީ ހަމަ ފުރިހަމަ ޞިއްހަތެއްގައި ކަމަށް ބުނެފިނަމަ ލިބޭ ހިތްހަމަޖެހުމާއި ތިބާއަށް ވަނީ ބޮޑު ބައްޔެއް ޖެހިފައިކަމަށް ބުނެފިނަމަ ގަންނަ ބިރާއި ކަންބޮޑުވާ މިންވަރު އަޅުވައިކިރައިލާށެވެ! އެއިރުން މިބުނި ކަންކަން ވިސްނޭނެއެވެ.

ފާފަކުރުމުން ލިބޭނެ ޢަޛާބުގެ ވާހަކަ ދެއްކުން ބައެއްގެ ތެރޭގައި މަދުވުމަކީ މުޖުތަމައުގައި ފާފަކުރަން ބިރުކެނޑިގެންދާ ކަމެކެވެ. އަދި ދެއްވަވާނެ ނިޢްމަތްތަކުގެ ވާހަކަ ނުދެއްކުމަކީ އެނިޢްމަތްތައް ލިބުމަށް ނުވަތަ ހޯދައިގަތުމަށް ޝައުޤުވެރިކަން ކުޑަވެގެންދާ ކަމެކެވެ. ވީމާ ﷲ ތައާލާއަށް ބިރުވެތިވެވޭނީވެސް ﷲ ތަޢާލާ ދެއްވަވާނެ ރަހްމަތަށް އެދިގެން މަސައްކަތްކުރެވޭނީ ފާފަކުރުމުން ލިބޭނެ ޢަޛާބާއި ތަޤްވާވެރިވުމުން ދެއްވަވާނެ ނިޢްމަތްތައް އެމީހަކަށް ރަނގަޅަށް އެނގިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

(ރާއްޖޭގައި ފާފަކުރަން ބިރުކެނޑި ފާފަކުރުން އިންތިހާއަށް އިތުރުވެގެން ދިއަ އެއް ސަބަބަކީ ނަރަކަ އާއި ޢަޛާބުގެ ވާހަކަ ދެއްކުން މަނާކޮށްފައި ގިނަ ދުވަސްތަކެއްވަންދެން އޮތުމެވެ. ޚާއްޞަކޮށް ދަރިވަރުންގެ ކަންފަތަށް އެފަދަ އެއްވެސް އަޑެއް އިއްވުމަކީ ބޮޑު ކުށަކަށް ހަދާފައި އޮތްއޮތުމެވެ. ޢުމުރާއި ގުޅޭމިންވަރަށް ނަރަކަ އާއި ޢަޛާބުގެ ވާހަކަތައް ދަރިވަރުންނަށް ކިޔައިދިނުން މަނާކޮށްފައި ރައީސް މައުމޫނުގެ ވެރިކަމުގައި 15، 20 ވަރަކަށް އަހަރު އޮތް އޮތުމެވެ.)

 

މިއަދު އޮންލައިން