ލޯބިވެރިޔާ ގެއްލުމުން ލިބޭ އަނިޔާއިން ސަލާމަތްވެވޭނީ ނަފްސްގެ މައްޗަށް އަމިއްލަ ބާރު ހިންގޭ މީހަކަށް ވެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ލޯބިވެރިޔާ ގެއްލުމުން ލިބޭ އަނިޔާއިން ސަލާމަތްވެވޭނީ ނަފްސްގެ މައްޗަށް އަމިއްލަ ބާރު ހިންގޭ މީހަކަށް ވެވިގެން!

އިންސާނާގެ ނަފްސް ވަރަށް ގިނަ ކަންކަމަށް އަބަދުވެސް އެދޭނެއެވެ. އެދޭހައި ކަންކަން ކުރަންވެއްޖެނަމަ އެމީހަކަށް ހިތާމަތައް ކުރިމަތިވުން ވަރަށް ގާތެވެ. ވީމާ ހެޔޮ ޢަމލުކުރުން ނޫން އެއްވެސް ކަމަކަށް ދެވިނުހިފާށެވެ. 

ތިމާއަށް ހެނދުނު އެއްވެސް ކަމެއް ކުރެވޭނީ ކޮފީ ތަށްޓެއް ބޮއިގެން ކަމަށް ނުހަދާށެވެ. އެކޮފީތަށި ނުލިބޭ ދުވަހެއްވެސް އަތުވެދާނެއެވެ. އެދުވަހަކުން އެއްވެސް ކަމެއް ނުކުރެވޭ މީހެއްގެ ގޮތުގައި ހުންނަންވީހެއްޔެވެ؟ އެގޮތެއް ކަމަކު ނުދާނެއެވެ. ކޮފީތަށި ނުލިބުނަސް އެމީހަކަށް ކުރަންޖެހޭ ކަންކަން ކުރެވެންވާނެއެވެ. 

އެހެންވެ މަޝްހޫރު ޅެމެއްގައިވެއެވެ. ނަފްސަކީ މައިމީހާގެ ގާތުން ކިރުބޯ ކުއްޖެއް ފަދަ އެއްޗެކެވެ. ކުއްޖާއަށް ކިރު ލިބޭހައި ދުވަހަކު ކިރުބޯން ބޭނުންވާނެއެވެ. އެކަން ހުއްޓުވޭނީ މައިމީހާ އެކަން ހުއްޓުވުމުންނެވެ. 

އަހުރެމެންގެ ކަންކަން ހުއްޓުވަން ދުރުން މީހަކު ނުއަންނާނެއެވެ. އެއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ ކަމެއްވެސް ކުރަން އޮތީ އެމީހަކަށް އެކަމަކާއި ނުލައި އުޅެވޭނެ މިންވަރަކަށެވެ. އެހެނީ ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ކޮންމެ ވަޤްތަކުވެސް އަނބުރާ ގެންދަވައިފާނެ އެއްޗެކެވެ. އަހުރެމެން ތިބެންޖެހޭނީ އެކަމަށް ތައްޔާރުވެގެންނެވެ. 

ދެން އޮތީ މީހުން ދެކެ ލޯބިވުމެވެ. މީހުން ދެކެ ލޯބިވާންވާނީވެސް ކޮންމެ ވަޤުތަކުވެސް އެމީހަކާއި ވަކިވާންޖެހިދާނެކަމަށް ބަލައިގެންނެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ވަކިވެދާނެ މީހެކެވެ. އަދި ތިމާއަށް މޮޅު، ފައިދާހުރި ގޮތެއް ފެނުމުން ވަކިވާން ތިމާވެސް ބޭނުންވެދާނެއެވެ. 

ދެ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވި ނަމަވެސް އެކަމަކީ ބޮޑު ބައްޔަކަށް ނުވަތަ ބޮޑު ކަންބޮޑުވުމަކަށް ނުވެ ސަލާމަތްވެވޭނީ މިބުނި މަގުން ލޯބިވެގެންނެވެ. 

- އަލަފް

މިއަދު އޮންލައިން