މިހާތަނަށް ހެދި ކޮންމެ ދިރާސާއަކުންހެން ދައްކާފައިވަނީ ރޯދަހިފުމުން ލިބޭ ފައިދާތަކެވެ. މިއުޅެނީ އެކަމަށް ބަހެއް ބުނާކަށް ނޫނެވެ. މުޅިން ތަފާތު ވާހަކައެއް ދައްކަންވެގެންނެވެ.
ކެންސަރު ސެލްތައް ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ހުރެއެވެ. ކެންސަރުބަލި ޖެހުން މިދަނީ ވަރަށް ބޮޑުތަނުން ގިނަވަމުންނެވެ. އެއީ ކެއުމުގެ ވައްޓަފާޅިއަށާއި ކައިއުޅޭ ބާވަތްތަކަށް ގެނެވުނު ނުބައި ބަދަލުތަކުގެ ސަބަބުންނެވެ. ކެންސަރު ސެލްތަކަށް ފަލަވެ ބާރުގަދަވެ ހަށިގަނޑަށް ބާރުފޯރުވަން ފުރުޞަތުފަހިވެގެންދަނީއެވެ.
ރޯދަހިފީމާ ވާނެ ގޮތަކީ ކެވޭ މިންވަރު މަދުވުމެވެ. ކޫސަނި ކެއުންތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. އަދި ރޯދަ ހިފާމީހާ ގިނަ ވަޤުތުތަކެއްގައި ނުކައި ހުންނާތީ ކެންސަރު ސެލްތަކަށް ފަލަވެ ވަރުގަދަވެ ބާރުގަދަވެ ފެތުރި ގަތުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި އެތައް ބައިވަރު ސެލްތަކެއް މަރުވެސްވާނެއެވެ.
ސައިންސްވެރިންނަށް މިހާރުވެސް މިކަންކަން އެނގެއެވެ. ދަނީވެސް ދިރާސާތައް ކުރަމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ލަސްކުރަމުން އެގެންދަނީ މައްސަލައިގެ ނާޒުކުކަން ބޮޑުކަމުންނެވެ. ސުރުޚީއަޅާ ހިސާބުންވެސް ގިނަ ބައަކު އިސްލާމް ދީނުގެ ކަންކަމަށް ވިސްނަން ފަށާނެކަން އެނގޭތީއެވެ. ގިނަ ބައަކު އިސްލާމްވާނެތީއެވެ.
އަހުރެން މިވާހަަކ މިހާރުވެސް މިދައްކަނީ މި ޙަޤީޤަތް ވަރަށް އަވަހަށް ހާމަވެގެންދާނެކަމަށް ބެލެވޭވަރު ބޮޑުކަމުންނެވެ. މިއީ އަދި ޔަޤީންކުރެވިފައިވާ ކަންކަމެއް ނޫނެވެ. ދިރާސާކުރަމުން އަންނަ ކަންކަމެވެ.
އެކަމަކު މިހާރުވެސް އަހުރެން ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. ރޯދަހިފުން ގިނަކުރާށެވެ! ކެންސަރު ބަލި އެމީހަކާއި ދުރުވުމުގެ ފުރުޞަތު ހަމަ ވަރަށް ބޮޑެވެ! އިން ޝާ ﷲ
ދެން އޮތީ ކިތަންމެ ގިނައިން ރޯދަހިފާ މީހަކަށްވެސް ކެންސަރު ޖެހުމެވެ. ދުނިޔޭގައިވާ ކޮންމެ ބައްޔަކީ ވެސް ކޮންމެ މީހަކަށްވެސް ކޮންމެ ވަޤުތަކުވެސް ޖެހިދާނެ ބައްޔެކެވެ. އަދި ގޮތް ނުއެނގޭ ބައްޔެއްވެސް ޖެހިދާނެއެވެ. އެއީ ﷲ ތަޢާލާ އެމީހަކު އިމްތިޙާން ކުރެއްވެވުމަށެވެ.
އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ބޮޑެތި މީސްމީހުންވެސް ރޯދައާއި ކެންސަރާއި ގުޅުވައިގެން މިފަދަ ވާހަކަތައް މިހާރު އެބަދައްކައެވެ. އެއީ އެމީހުންނަށްވެސް އަހުރެން މިބަޔާންކުރި ކަންކަން އެނގި ޤަބޫލުކުރެވޭތީއެވެ.
- ޑރ. އިކްރިމް ސުލްޠޯން