ދުލަށް ސަމާލުކަން އިތުރުކުރާށެވެ! ގިނަ ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ބުނެވޭ ނުބައިބަސްތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދުލަށް ސަމާލުކަން އިތުރުކުރާށެވެ! ގިނަ ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ބުނެވޭ ނުބައިބަސްތަކެވެ!

ކަނޑިން ހަށިގަނޑަށް ލިބޭ ޒަޚަމްތައް ފަސޭހަވުމުން އެކަމުގެ ހަނދާން ނެތިގެންދެއެވެ. ނަމަވެސް ދުލުން ބުނެވޭ ބަސްތަކުން ހިތުގައި އުފެދޭ ޒަޚަމްތައް ފިލުވައިލުމަކީ މަދުމީހަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ. ވީމާ ފަހަރެއްގައި ދެމަފިރިންކުރެ އެކަކު ނުބައި ބަސްބުނުމުން އަނެކާ މަޑުން ހުރެދާނެއެވެ. ނަމަވެސް ވަރަށް މަދު މީހަކަށް ނޫނީ އެކަން ހިތުން ފިލުވައެއް ނުލެއެވެ.

ނަތީޖާއަކަށްވެގެންދަނީ އަޑު އިވުނު ނުބައިބަސްތައް ބޮމެއްފަދައިން ގޮވުމެވެ. ބައިވެރިޔާމަތިން މުޅިން ފޫހިވެ އެތައް އަހަރެއްވީ ކައިވެނި ރޫޅައިލަންޖެހުމެވެ. އުފާވެރިކަމާއިއެކު ދިރިއުޅެމުން އައި ޒަވާޖީ ޙަޔާތް ބަރުބާދުވެ ވިއްސިވިހާލިވެގެން ދިއުމެވެ.

މީސްތަކުންނޭވެ. ހަމައެކަނި ދެމަފިރިންގެ ގުޅުމެއް ނޫނެވެ. ޢާއިލީ ގުޅުމުގައިވެސް ހަމަ މިމައްސަލަތައް ކުރިމަތިވެއެވެ. ޒަމާންވީ ވިޔަފާރީގެ ގުޅުމާއި ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުމަށްވެސް މެއެވެ.

މީސްތަކުންނޭވެ! ދުލުން ބުނެވޭ ކޮންމެ ބަހަކާއިމެދު ވަރަށް ބޮޑަށް ރައްކައުތެރިވާށެވެ! ބުނެވޭ ހަމަ އެންމެ ބަހެއްގެ ސަބަބުން ނަމަވެސް ޒަމާންވީ ކިތަންމެ ބޮޑު ގުޅުމެއްވެސް ކެނޑިގެން ހިނގައިދާނެއެވެ. އެކަމުން ލިބޭ ގެއްލުމަކީ މުޅި ޙަޔާތުގައި ފޫނުބެއްދިދާނެވަރުގެ ބޮޑު ގެއްލުމަކަށްވެސް ވެދާނެއެވެ.

އެންމެ ގިނަ ޢަދަދެއްގެ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބެއްކަމަށް މިހާރު ވެފައި މިއޮތީ އެކަކު އަނެކަކަށް ބުނެވޭ ނުބައި ބަސްތަކެވެ. ކިރިޔާ ކަމެއް މެދުވެރިވާއިރަށް ރުޅި ގަދަވެ ދުލުން ބުނެވޭ ހަޑިހުތުރު ބަސްތަކެވެ. ވީމާ ދުލަސްދޭ ސަމާލުކަން އިތުރުކުރާށެވެ! އެއީ ޒަވާޖީ ޙަޔާތް އުފާވެރިކުރުވަންވެސް އޮތް އެންމެ ފަސޭހަ މަގެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން