ފާފަނުކޮށް ހުންނަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގެ ބާރު އެމީހަކަށް ލިބިގެންނެވެ. އެބާރަކީ ހަމަހުއްޓައި ލިބޭނެ ބާރެއް ނޫނެވެ. އެބާރު ލިބިގެންދާނީ އެބާރު ހޯދަން ގަދައަޅައި މަައްކަތްކުރުމުންނެވެ.
ވީމާ ނަމާދުނުކުރާ އަދި ކެތްތެރިނުވާ މީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބީ ލިބުމެއް ނުވެއެވެ. ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދެން ވަޙީކުރައްވަވާފައިއެއޮތީ މިދެކަންތައް ފުރިހަމަނުކޮށް ދެ ދުނިޔެވެސް ކާމިޔާބުނުކުރެވޭނެތީއެވެ.
ނަމާދުކުރުމުން އެމީހަކަށް އިރުގެ އަލިކަން ފަދަ ނޫރެއް ދެއްވަވަތެވެ. އެ ނޫރު ލިބުނު މީހަކަށް ދުނިޔއާއި އާޚިރަތުގައި އަލިކަން ލިބިގެންދެއެވެ. ހަމައެއާއިއެކު ކެތްތެރިވާ މީހާއަށް ފާފަނުކޮށް ހުރުމަށް ބޭނުންވާ ބާރު ދެއްވަވަތެވެ. ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވަވަތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން