ތިބާއަށް މީހުންކުރާ އަނިޔާއާ ބުނާ ނުބައިބަސްތަކަށް ބަދަލު ނުހިފާ ކެތްތެރިވުމުން ދެއްވަވާނެ ޘަވާބު ދުނިޔޭގައި ހުއްޓާ އެނގޭނެ ނަމަ އެދޭނީ ވީހާގިނަ އަނިޔާ ލިބުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތިބާއަށް މީހުންކުރާ އަނިޔާއާ ބުނާ ނުބައިބަސްތަކަށް ބަދަލު ނުހިފާ ކެތްތެރިވުމުން ދެއްވަވާނެ ޘަވާބު ދުނިޔޭގައި ހުއްޓާ އެނގޭނެ ނަމަ އެދޭނީ ވީހާގިނަ އަނިޔާ ލިބުމަށެވެ!

މީސްތަކުން ތަޅާފޮޅަނީއެވެ. ޒުވާބުކުރަނީއެވެ. އެކުވެރި ރަހްމަތްތެރިކަމުގެ ގުޅުމުގެ އިތުރުން ރަޙިމުގެ ގުޅުންތައްވެސް ކަނޑަނީއެވެ! ކޮންކަމަކާއިހުރެ ހެއްޔެވެ؟ ހަމައެންމެ ކަމަކާއި ހުރެއެވެ. އެއީ ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވުމެވެ.  

އެފަދަ ގޮތަކަށް އުޅެމުންދަނިކޮށް އެމީހަކަށް ކަންތައްތަކެއް ކުރިމަތިވަނީއެވެ. އަތްމަތިދަތިވަނީއެވެ. ބަލިވަނީއެވެ. އެހެންވެސް މުޞީބާތްތައް ކުރިމަތިވަނީއެވެ. މިފަދަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަވަސްވެގަންނަނީ ﷲ ތަޢާލާއަށް ދުޢާކުރުމަށެވެ.  

އެއިރު އެމީހަކަށް ވިސްނައެއް ނުލެވެއެވެ. ތިމާއަށް މިހުރެވެނީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެންކަމެވެ. އެހެން ބުނަން މިޖެހެނީ ދުނިޔޭގެ ދަހިވެތިކަމަށް ނުހެއްލެން ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ކީރިތި ޤުރްޢާނުގެ އެތައް ތަނެއްގައި ވަނީ އެކަމަށް އަމުރުފުޅު ކުރައްވަވައިފައެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި ދުނިޔަވީކަމެއްގައި ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ފުރަތަމަ ބުނި ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެއްވެސް މީހަކާއި ދެކޮޅުވެރިނުވާށެވެ! ހިތްބުރަ ނުކުރާށެވެ! ޢަދާވާތްތެރިނުވާށެވެ! ވަކިން ޚާއްޞަކޮށް ރަޙިމުގެ ގުޅުން ނުކަނޑާށެވެ!

އެމީހަކު ކުރިކަމެއް އެމީހަކަށް ދޫކޮށްލާށެވެ! އެހެނީ ތިމާއަށް މީހަކު ނުވަތަ ބައަކު ކިތަންމެ ކުޑަކުޑަ ގެއްލުމެއް ދިންނަމަވެސް އެކަމުގެ ބަދަލު އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އެކަން ޔަޤީންކުރަންޖެހޭ ސަބަބަކީ ޣީބަބުނުން މިކިޔަނީ މީހުން ދައްކާވާހަކައަށެވެ. ޣީބަ ބުނުމުންވެސް ބަދަލު ހޯއްދަވައި ދެއްވަވާއިރު މީހުން ކުރާ ނުބައި ކަންކަމަށް ބަދަލު ހޯއްދަވައި ދެއްވަވާނެކަން އެއީ ޔަޤީންކުރަންޖެހޭނެ ކަމެކެވެ.  

ތިބާކުރަން އޮތް ކަމަކީ އެއްވެސް މީހަކަށް ރުޅިމޫނުވެސް ނުދައްކައި ނުބައި ބަހެއްވެސް ނުބުނެ ކެތްތެރިވުމެވެ. ޤިޔާމަތް ދުވަހު އެކަމަށް ތިބާއަށް ދެއްވަވާނެ ޘަވާބު ދުނިޔޭގައި ހުއްޓާ ފެންނަނަމަ ނުވަތަ އެނގޭނެ ނަމަ ތިބާއަށް މީހަކުދޭ އެއްވެސް އަނިޔާއަކަށް ކަންބޮޑެއް ނުވާނެއެވެ. އަދި އެދޭނީވެސް ވީހާގިނަ އަނިޔާ ލިބުމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން