އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކޮންމެ ކަމެއްގައިވެސް އެންމެ ފައިދާކުރާނެ ގޮތަކީ އިސްތިޚާރާ ދުޢާގެ މާނައަށް ވިސްނައިގެން ދުޢާކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކޮންމެ ކަމެއްގައިވެސް އެންމެ ފައިދާކުރާނެ ގޮތަކީ އިސްތިޚާރާ ދުޢާގެ މާނައަށް ވިސްނައިގެން ދުޢާކުރުމެވެ!

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ތަފާތު ކަންތައްތައް ކުރިމަތިވާނެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާނެ ކަންކަމެވެ. މިޘާލަކަށް އެކަމެއްގައި ރަނގަޅުވާނީ ކޮންގޮތަކަށް ޢަމަލުކުރުމުންކަން ނުވިސްނިދާނެއެވެ. 

އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެންމެ ފައިދާހުރި ގޮތަކަށްވާނީ 2 ރަކްޢަތް ނަމާދެއްކޮށް އިސްތިޚާރާ ދުޢާގެ މާނައަށް ވިސްނައިގެން ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. 

އެހެނީ އިންށާނުންނަށް ކަންކަން އެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. ގިނަ ފަހަރަށް ޤަބޫލުކުރެވެނީ ލޮލަށް ފެންނަ ކަންކަމެވެ. ފަހަތުގައި ފޮރުވިފައިވާ ކަންކަން ނުވެސް އެނގޭތީއެވެ. އެކަން އެންމެ ބޮޑަށް އެނގޭ އެއްކަމަކީ ކައިވެންޏެވެ. ގިނައިން ކައިވެނިކުރެވެނީ ބޭރުފުށަށް ބަލައިގެންނެވެ. އަނެކާގެ ރީތިކަމަށާއި އޭނާގެ ކިބައިން ފެންނަ ކަންކަމަށް ބަލައިގެންނެވެ. 

މިގޮތަށް ބަލައިގެން ކައިވެނިކުރީމާ ދެން ކަންކަން މެދުވެރިވާ ގޮތަކުން މުޅި ޢުމުރަށް އެކަމުގެ ހިތާމަކުރަންވެސް އެބަޖެހެއެވެ. ސަބަބަކަށްވަނީ އޭނާގެ ޙަޤީޤަތް ހާމަވުމެވެ. ޙަޤީޤަތް ހާމަވަނީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުން ކަމަށްވާތީއެވެ. 

ކައިވެނީގެ އިތުރުން މީހާ ދިރިއުޅެން ކުރާ މަސައްކަތުގައިވެސް މިފަދަ ގޮތްތައް މެދުވެރިވެއެވެ. ކުރެވޭ އެހެން ކަންކަމުގައިވެސް މިފަދަ ގޮތްތައް މެދުވެރިވެއެވެ. 

އިސްތިޚާރާ ކުރުމަކީ ކުރަން ނުހަނު ފަސޭހަ ކަމެކެވެ. ފުރަތަމަ އޮތީ ދެރަކްޢަތް ނަމާދެއްކޮށްލުމެވެ. އެއަށްފަހު ދުޢާކުރުމެވެ. ދެން އެކަމަކަށް ވިސްނޭ ގޮތެއް ބަލައިލަން، ނުވަތަ ކަންކަން މެދުވެރިވާ ގޮތެއް ބަލައިލަން އިންތިޡާރުކޮށްލުމެވެ. 

ގިނަ ބައަކަށް ބުރަކަމަކަށްވަނީ ކެތްތެރިވެލުމެވެ. އެގޮތަށް އެކަން ނުކުރާށެވެ! މާނައަކީ އަވަސްވެނުގަންނާށެވެ! އިންތިޒާރުކޮށްލާށެވެ! ކެތްތެރިކަން އިސްކުރާށެވެ! އެމީހަކަސް ހެޔޮ ވިސްނުން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

އިސްތިޚާރާ ދުޢާގެ މާނަ: 

"ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބައިލާހުގެ ދެނެވޮޑިގަތުމުގެ ތެރެއިން މިއަޅާއަށް ކަންތައްތައް އިޚްތިޔާރުކޮށް ދެއްވުމަށް އެދި ދަންނަވަމެވެ. އިބަ އިލާހުގެ ކުޅަދުންވަންތަ ކަމުގެ ތެރެއިން މިއަޅާއަށް ކަންތައްތައް މިންވަރުކޮށްދެއްވުން އެދި ދަންނަވަމެވެ. އިބަ އިލާހުގެ މަތިވެރި ދަރުމައިން މިއަޅާއަށް ދެއްވުން އެދި ދަންނަވަމެވެ. އިބަ އިލާހީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އެހެނެއްކަމަކު މިއަޅާއަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އިބަ އިލާހުއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެހެންނަމަވެސް މިއަޅާއަކަށް ނޭގެއެވެ. އިބަ އިލާހީ ފޮރުވިފައިވާ ތަކެތި އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ދީނާއި، ދިރިއުޅުމާއި، ނިމުމަށް ބަލާއިރު މިކަމަކީ ރަގަޅުކަމެއް ކަމުގައިވަނީ ނަމަ، މިކަން މިންވަރުކުރައްވައި، މިކަމުގައި ލުއިފަސޭހަކަން ދެއްވައިފާންދޭވެ. އަދި މިކަމުގައި ބަރަކާތް ލައްވައިފާންދޭވެ. އެހެނެއްކަމަކު، އެކަމަކީ މިއަޅާގެ ދީނަށާއި، ދިރިއުޅުމަށާއި، ނިމުމަށް ބަލާއިރު ރަގަޅުކަމެއް ކަމުގައި ނުވާނަމަ، މިކަން މިއަޅާއާ ދުރުކުރައްވައިފާންދޭވެ. އަދި މިއަޅާ މިކަމާ ދުރުކުރައްވާފާންދޭވެ. އަދި މިއަޅާއަށް ހެޔޮގޮތް މިންވަރުކުރައްވައިފާންދޭވެ. އެއަށްފަހު އެކަމާއިމެދު މިއަޅާ އަށް ރުހުން ދެއްވައިފާންދޭވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން