އަހަރެމެން އެންމެ ބާރަށް މިގޮވަނީ އެންމެން އެކުވެރިވުމަށެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމަށެވެ. އެހީތެރިވުމަށެވެ. އެކަމަކު ޚިޔާލުތަފާތުވެލާއިރަށް ގުޅުންތައް ކަނޑާލައި ތަޅާފޮޅައި ގަންނަނީއެވެ. މީސްތަކުންނޭވެ! އަހަރެމެންގެ ހިތްތަކުގައި ޝަހާދަތުގެ ދެކަލިމަށް އޮންނަން ޖެހޭނެ ލޯތްބާއި ޤަދަރުކޮބައިހެއްޔެވެ؟
ރަނގަޅަށް ބަލައި ހޯދާށެވެ! އަހުރެމެންގެ (މުސްލިމުންގެ) އެންމެ ބޮޑެތި ޢަދުއްވުން އެންމެ ބޮޑަށް އުފާކުރާނީ އަހުރެމެން ތަޅާފޮޅައިގަތުމުންނެވެ. އެއީ އަހުރެމެންގެ މެދުގައި އެއްބައިވަންތަކަން ނެތިއްޖެނަމަ އަހުރެމެންގެ ތެރެއަށް ވަދެގަންނަން ފަށޭހަވެގެންދާނެތީއެވެ.
އަހުރެމެން އެކަކު އަނެކަކު ދެކެ ރުޅިއަންނަންވީވެސް ލޯބިވާންވީވެސް ޝަހާދަތުގެ ދެކަލިމަށްޓަކައެވެ. ޝަހާދަތުގެ ދެކަލިމައަށް ދޭންޖެހޭ ޤަދަރާއި ޢިއްޒަތް ދެވިއްޖެނަމަ ހަމައެކަކުވެސް އަނެކާއަށް އެއްވެސް އަނިޔާއެއް ނުކުރާނެތެވެ.
އެހެނީ އެއިރުން އެންމެންވެސް ބޮޑަށް ލޯބިވާނީ ތަޢާލާ ދެކެއެވެ. ބޭނުންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމަށެވެ. ދެން ބޭނުންވާނީ މަރުވުމުން ﷲ ތަޢާލާގެ ރަހްމަތަށެވެ. އެހެންކަމަށްވާއިރު އެއްވެސް ކަމަކާއިހެދި އެއްވެސް މީހަކާއި ދެކޮޅުވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ އެންމެންގެ ލޯބިވުމާއި ބޭނުންވާ ކަންކަން ގުޅިފައިވަނީ ޝަހާދަތުގެ ދެކަލިމައާއި ނޫންހެއްޔެވެ؟
ސުވާލަކީ ޝަހާދަތުގެ ދެކަލިމަ އާއިމެދު މިފަދައިން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ މިމޭރުމުން ނުވިސްނައި ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރިކަމަށްވެވޭނީ ކިހިނަކުންހެއްޔެވެ؟ އީމާންކަންވެސް ފުރިހަމަވާނީ ކިހިނަކުން ހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މިބަޔާންކުރި ކަންކަން މިގޮތަށް ޤަބޫލުކޮށްފިނަމަ އެގެއެއްގައި އެއްވެސް ދެކޮޅުވެރިކަމެއް ނުއޮންނާނެއެވެ. ޒުވާބެއްވެސް ނުކުރާނެއެވެ. އެންމެންވެސް ދިރިއުޅެމުންދާނީ އުފަލުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން