މި 3 ނުބައި ވިސްނުމުން ދުރުހެލިވެވިއްޖެނަމަ މާޔޫސްކަމާއި ދުރުވެ ގަދަ ހިތްވަރުލިބިގެން ދިރިއުޅެން މަގުފަހިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މި 3 ނުބައި ވިސްނުމުން ދުރުހެލިވެވިއްޖެނަމަ މާޔޫސްކަމާއި ދުރުވެ ގަދަ ހިތްވަރުލިބިގެން ދިރިއުޅެން މަގުފަހިވާނެ! އިން ޝާ ﷲ

އަހަރެމެންގެ ތެރެއިން އެންމެ ގިނަ ބައަކު އެމީހުންގެ ޙަޔާތާއިމެދު މާޔޫސްވަނީ 3 ކަމަކަށް ނުބައިކޮށް ވިސްނޭތީއެވެ! 

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ތިމާއަށް ކުރިމަތިވި މައްސަލަ ނުވަތަ ކަންބޮޑުވުމަކީ ދާއިމީ ކަމެއްކަމަށް ޤަބޫލުކުރެވުމެވެ. އެހެނީ އެއްވެސް މުޞީބާތަކީ ދާއިމަށް އެމީހަކާއިއެކުވާނެ ކަމެއް ނޫނެވެ. އެކަމެއް ކުރިމަތިވި ފަދައިން އެމީހަކާއި ވަކިވެގެންވެސްދާނެއެވެ.

ދެވަނަ ކަމަކީ ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ވަކިވުމަކީ ޙަޔާތުގެ ނިމުން ކަމަށް ޤަބޫލުކުރުމެވެ. ބަލަ ދުނިޔޭގައި މިހައިތަނަށް އުޅުނީވެސް އެމީހަކާ ނުލައި ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު ދެން އޮތް ބައިގައިވެސް އެމީހާ ޢާއި ނުލައި ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ 

އަދިވެސް ސުވާލެއް ކޮށްލާނަމެވެ. ދުނިޔޭގައި ހުރި އެންމެ ފުރިހަމަ، އެންމެ ރީތި މީހަކީ އޭނާކަމަށް ތިބާ ގާތުގައި ބުނީ ކާކު ހެއްޔެވެ؟ މާފުރިހަމަ، މާރީތި މީހުން ނުތިބޭނީ ހެއްޔެވެ؟ 

ތިންވަނަ ކަމަކީ ކަމެއް ކުރިމަތިވުމުން އެއީ ތިމާގެ ކިބައިގައި ހުރި އުނިކަމަކުން ކަމަށް ޤަބޫލުކުރެވުމެވެ. ނުވަތަ އެހެން މީހެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ޤަބޫލުކުރުމެވެ. 

މިކަމުގައިވެސް ވިސްނާށެވެ! ކިތަންމެ މޮޅު، ކިތަންމެ ހުޝިޔާރު މީހަކަށްވެސް ކަމެއް ކުރިމަތިވެދާނެއެވެ. އަދި އެހެން މީހެއްގެ ސަބަބުން ނޫން ގޮތަކަށްވެސް ކަމެއް ކުރިމަތިވެދާނެއެވެ. ވީމާ ކަމެއް ކުރިމަތިވުމުން ކުރަން އޮތް ކަމަކީ ފިލާވަޅު ލިބިގަނެ އަރައިގަނެވޭނެ މަގެއް ހޯދަން މަސައްކަތްކުރުމެވެ. އެކަމުގައި އަމިއްލަ ނަފްސް ނުވަތަ އެހެން މީހަކު ކުށްވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ކަމެއް ކުރިމަތިވުމުން އެކަން ކުރިމަތިވީ އަމިއްލަ ނަފުސުގެ މައްސަލައަކުން ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ އަމިއްލަ ނަފްސާމެދު އިތުބާރު ގެއްލިފައެވެ. އަދި ކަމެއް ކުރިމަތިވާއިރަށް އެއީ އެހެން މީހެއްގެ ސަބަބުން މެދުވެރިވިކަމެއް ކަމަށް ޤަބޫލުކުރެވޭ މިހާއަށް އަބަދުވެސް ހުންނަން ޖެހޭނީ އެހެންމީހުންނަށް ބިރުގަނެ، ފާރަވެރިވެސްވެގެންނެވެ. 

އެފަދަ މީހުންނަކީ ކޮންމެވެސް ގޮތަކުން ނަފްސާނީ ބަލީގެ މީހަކަށްވުން އޮންނާނީ ދާދި ގާތުގައެވެ. 

ވީމާ މި ބަޔާންކުރި 3 ކަންތަކަށް އަބަދުވެސް ސަމާލުކަންދޭންވާނެއެވެ! އެއިރުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ބޮޑުވާނެއެވެ. ކަންބޮޑުވުންތަކާއި ދުރުގައި ހުރެވޭނެއެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން