ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް ގޯލްޑަންޖުބިލީ ފުރުނުއިރުވެސް އިންތިހާއަށް ލޯބިން އުޅެވޭ ދެމަފިރިން އެކަން ކާމިޔާބުކުރަން ފުއްދި ދާދިކުޑަކުޑަ ވައުދު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޢިބްރަތްތެރި ވާހަކަ: ކައިވެންޏަށް ގޯލްޑަންޖުބިލީ ފުރުނުއިރުވެސް އިންތިހާއަށް ލޯބިން އުޅެވޭ ދެމަފިރިން އެކަން ކާމިޔާބުކުރަން ފުއްދި ދާދިކުޑަކުޑަ ވައުދު-

ލޯބިވެގެން އެކުގައި ގިނަ ދުވަސްތަކެއްވަންދެން ނުއުޅެ ކައިވެނިކުރާނަމަ ގިނަ ބައަކު ބުނެއެވެ. "ތިއަ ކައިވެނި ވަރަށް ފަސޭހައިން، ވަރަށް އަވަހަށް ރޫޅޭނެއެވެ." އެއީ އެމީހުންގެ ވިސްނުމެވެ. ކޮންމެއަކަސް އަހުރެންނަށް ކައިވެނިކުރަން ފެނުނު އަންހެނާ އާއި ބައްދަލުވެ ދެމީހުން ގަޔާވެ ކައިވެނިކުރަން އުޅުމުންވެސް ހަމަ މިމައްސަލަތައް ނުކުތެވެ. 

ބައެއް މީހުން އެންމެ ބޮޑަށް ފާހަގަކުރީ އަންހެން މީހާގެ ޢާއިލާވެސް އަހުރެންނަށް ނުއެނގޭތީއެވެ. އެެހންވެ މައްސަލަތައް ގިނަވީވަރުން އަހުރެން ބުނީމެވެ. "އޭނާގެ ޢާއިލާގެ މީހުންނަކީ ކޮންމެ ބައަކަށްވީނަމަވެސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން ކައިވެނިމިކުރަނީ އޭނާގެ ޢާއިލާއަކާއެއް ނޫނެވެ. އޭނާއާއިއެވެ." 

ކޮންމެއަކަސް ކައިވެނިކުރީއެވެ. ކައިވެނިކުރީ އަހުރެންގެ ޢުމުރުން 23 އަހަރުގައެވެ. އަހުރެންގެ މިހާރުގެ ޢުމުރަށް ބަލާނެ ކަމެއް ނެތެވެ. މުހިންމީ ކައިވެންޏަށްވީ ދުވަހެއް ނޫންހެއްޔެވެ؟ ކައިވެންޏަށް މިހާރު ގޯލްދަން ޖުބިލީ ފާހަގަކޮށް އިތުރު 1 އަހަރެވެ. މާނައަކީ 51 އަހަރެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ކައިވެނި އަދިވެސް ކުރިއަށް މިދަނީ ހަމަ ތާޒާކަންމަޓީގައެވެ. ޢުމުރުން މިހައި ދުވަސްވީމާ ދެމީހުންނަށް ބައްދާލައިގެން ނިދަން ފަސޭހަ ނޫން ރޭރޭ އާދެއެވެ. އެކަމަކު މުދުގައި ރެފްރީއަކަށް ކަންނޭލެއް ބާއްވައިގެން ނިދިނަމަވެސް ނިދަނީ ދެމީހުން އަތުގައި ނަމަވެސް ހިފާލައިގެންތިބެއެވެ. 

އަހަރެން ކައިވެނިކުރަން އުޅުނުއިރު ކުރިން ބުނި ޒާތުގެ ވާހަކަތައް ދެއްކި ބައެއް މީހުން 4.5 ކައިވެނިވެސްކޮށްފިއެވެ. ފުރަތަމަ ކައިވެނިމަތީގައި އަހުރެން ފަދައިން ހުރެވުނީ އެންމެ މީހަކަށެވެ. 

ދެން ބުނެލަން ބޭނުންވީ ކައިވެނި މިހައި ކާމިޔާބުވި ސަބަބެވެ. ދެމީހުންވެސް ވައުދު ފުއްދީއެވެ. އެއީ ހަމަ ދާދި ކުޑަކުޑަ ކަމެކެވެ. މުޅި ޢުމުރަށްވެސް ތެދުވެރިވުމަށާއި ބޭވަފާތެރި ނުވުމަށްވީ ވަޢުދެވެ. އެއަސްވުރެވެސް ކުޑަކޮށްލާނަމަ ދުވަހަކުވެސް ދޮގެއް ނުބުނަންވީ ވަޢުދެވެ. އެހެންވެ އެކަކަށްވެސް އަނެކާއަށް ދޮގެއް އަދި މަކަރެއްވެސް ނުގެދުނީއެވެ. އެކަން ނުކުރާތީ ޝައިޠޯނާއަށް ކައިރިވެސް ނުވެވުނީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަރެމެން ދެމީހުންގެ ދިރިއުޅުމުން ޢިބްރަތް ޙާޞިލުކުރާށެވެ! ދެމީހުންކުރެ އެކަކުވެސް އެންމެ ދޮގެއްވެސް، ކިތަންމެ ކުޑަ ދޮގެއްވެސް ނުބުނާށެވެ! ކިތަންމެ ކުޑަކަމެއްގައިނަމަވެސް ދޮގު ނުބުނާނަމަ ދޮގުހަދަން ވިސްނަންޖެހޭނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ. ދޮގު ހަދަންޖެހޭނެ ޙާލަތެއްވެސް ކުރިމައްޗެއް ނުވާނެއެވެ. އިން ޝާ ﷲ. މިހެން މިބުނީ ހަމަ އަމިއްލަ ތަޖުރިބާގައެވެ. 51 އަަހރުގެ ތަޖުރިބާއަށް ބަލައިގެންނެވެ. 

- ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން