ދަރަނިވެރިންގެ ގައިން ދުވާ ދަރަނީގެ ނުބައިވަސް ދަރަނިވެރިވެހުރެ ޖަހާ އަގު ބޮޑު ސެންޓަކުން ފިލުވައެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދަރަނިވެރިންގެ ގައިން ދުވާ ދަރަނީގެ ނުބައިވަސް ދަރަނިވެރިވެހުރެ ޖަހާ އަގު ބޮޑު ސެންޓަކުން ފިލުވައެއް ނުލެވޭނެ!

ދަރަނިވެރިވުމަށް ބިރުވެތިވެ ދަރަނިވެރި ނުވެ ތިބި މީހުންނޭވެ! ދެން ހަމަ އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! ދަރަނިވެރިވުމަކީ ހަދިމުޑުދާރުކަމެކެވެ. ދެދުނިޔެ ގެއްލިގެންދާ ކަމެކެވެ. ޖަހާ އަގުބޮޑު ސެންޓަކުން ދަރަނިވެރިންގެ ގައިން ދުވާ ދަރަނީގެވަސް ފިލުވައެއް ނުލެވޭނެއެވެ.

ދަރަނިވެރިންނޭވެ! ނުކައި ހުރެގެންވެސް ދަރަނި އަދާކުރާށެވެ! ދަރައި އޮވެ ލާ ރީތި ފޭރާމުން، ދުއްވާ އަގުބޮޑު ކާރުގެ އޮތީ ކޮން ރީތިކަމެއް ހެއްޔެވެ؟ ތިބާއަށް ދަރަނި އަދާކުރެވެން ނެތް ނަމަ އެކަމާއި އަޅައި ނުލައި ނުހުންނާށެވެ! އަވަހަށް ގޮސް މާފުކުރުމަށް އެދޭށެވެ!

ޞަހާބީއަކު އަވަހާރަވިއިރު ދަރަނީގަ އެންމެ 2 ދިރްހަމްވަރު އޮތުމުން ދަރަންޏާއި ޞަޙާބީއަކު ޙަވާލުވެވަޑައިގަތުމުން ނޫނީ ރަސޫލް ﷺ އެޞަހާބީގެ ކަށުނަމާދުކޮށް ނުދެއްވެވިކަން ހަނދާންކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ ހުރިހާ ފާފަތައް ފުއްސަވާއިރުވެސް ދަރަނި ނުފުއްސަވާކަން ހަނދާނަށް ގެންނާށެވެ!

އެއްބައަކު ދަރަނިވެރިވަމުންދަނީ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތިގެން ކަމުގައިވީނަމަވެސް މިއަދު ގިނަ ބައަކު ދަރަނިވެރިވަމުންދަނީ ދިރިއުޅުމުގެ ފެންވަރުމަތިކޮށްލުމަށެވެ. މާބޮޑު މަޖުބޫރުކަމެއް ނެތިއެވެ. ދަރަނިވެރިވުން މިވަނީ ފެޝަނަކަށްވެފައެވެ. އެއްވެސް ވަރަކަށް ކަންބޮޑުވުމެއްނެތި ކުރަމުން ގެންދާ ކަމަކަށްވެފައެވެ.

މާރުކޭޓަށް ދިއަ އަންހެނެކެވެ. އަތުގައި ފައިސާ އެވަގުތު ނެތުމުން ޢާއިލާގެ މީހެއްގެ ދުއްކާނުން 5 ދިރުހަމުގެ ބަރަބޯ ދަރަންޏަށް ގެންދިއައެވެ. ޖެހިގެން އައި ދުވަހު ގޮސް ދަރަނި އަދާކުރުމުން ދަރަނިދިން މީހާ ބުންޏެވެ. "ދައްތަ އެހެން ބޭނުމެއް ނެތި ހަމައެކަނި ދަރަނި އަދާކުރަން ދަރަނި އަދާކުރަން ހަމަ ތިއަ 5 ދިރުހަމް ހިފައިގެން އައީތީ ހިތާމަކުރަމެވެ."

ޖަވާބުގައި އޭނާ ބުންޏެވެ. "މިދަރަނި އޮތްކަން ދަރިންނަކަށް ނުއެނގޭނެއެވެ. މަރުވިނަމަ މި 5 ދިރުހަމް އަދާކުރާނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ބިރުވެތިވެވުނީއެވެ."

މީސްތަކުންނޭވެ! ދަރަންޏަށް ބިރުވެތިވުން އޮތީ މިމިންވަރަށެވެ. ހިނދުކޮޅަކަށް ވެސް އަދާނުކޮށް މަޑުކުރަން ހެޔޮނުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން