ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ސްކޫލްތައް ބަންދުވީއެވެ. ދާދިއަވަހަށް އަޟްޙާޢީދު އައިސް ބައްދަލުކުރާނެއެވެ. މިއަހަރު މިއަންނަނީ 2 ޗުއްޓީ އެކުވެގެންނެވެ. ގިނަ ބައަކު އެމީހުންގެ ދަރިން ގޮވައިގެންނާއި އެކަނިވެސް މޫދަށް އެރޭނެއެވެ. އެހެންކަމުން މޫދަށް އެރެން ލާންވީ ކޮންކަހަލަ ފޭރާމެއް ކަމާއިމެދު ބަލާލައި ހަނދާން އައުކޮށްލަދިނުމުގެ ގޮތުން ބުނެލަމެވެ.
ފިރިހެނުން މޫދަށް އެރޭއިރު ގައަށް ހިއްޕާފައި ހުންނަ ތުނި، ބޮކްސަރ ފާޑުގެ އެއްޗެތި ލައިގެން، އެމަތިން އެއްޗެއްވެސް ނުލާ މޫދަށް އެރުމީ، ހަމަ ހެދުން ލައިގެން އޮރިޔާމުން ތިބުން ފަދަ ކަމެކެވެ. އަންހެނުން ވެސް ހަމަ މިފަދައެވެ! ގައަށް ބާރު، އަޢުރަ ނިވާނުވާ ހެދުން ލައިގެން އެރުމުން އެކުރެވެނީ ބޮޑުފާފައެކެވެ.
މީގެ އިތުރަށް ދަރިން އެގޮތަށް ހެދުން ލެއްވުމުން އިތުރު 2 ފާފަ ލިބެއެވެ. އެއީ އެކުދިން އެފަދަ ހެދުމެއް ލެއްވިކަމުގެ ފާފައާއި އެފަދަ ނުބައި ތަރުބިއްޔަތެއް ދިންކަމުގެ ފާފައެވެ.
އެހެންކަމުން މިކަންކަމަށް ހޭލުންތެރިވެ މިކަން މިގޮތަށް ނުކުރުމަށް އެންމެހައި ބޭފުޅުންނަށް ނަޞޭޙަތްތެރިވަމެވެ.
ބައެއް މީހުން މޫދަށްދަނީ އެކުވެރިންނާއިއެކުގައެވެ. އެހެންކަމުން އެއިރު ތިމާގެ އަމިއްލަ ޢާއިލާގެ ބައަކު މޫދުގައި ނެތިދާނެއެވެ. ވީމާ ތިމާއަށް ލަދުގަންނަން ނުޖެހިދާނެއެވެ. ނަމަވެސް ޢާއިލާ އާއިއެކު ގޮސްތިބޭ ﷲ އަށް ބިރުވެތިވާ މުސްލިމުން ލަދުވެތިކުރުވުމުން އެ ކުރެވެނީ ފާފައެކެވެ.
--އަލަފް