ކޮންމެ އަހަރެއްގެވެސް ރޯދަމަސް ނިމުމުން ދެން ފެންނާނީ ކުރިއަށް އޮންނަ އަހަރުގެ ރޯދަމަސް އައިސް ބައްދަލުކުރާތަނެވެ. ނުވެސް އެނގިތިއްބާ އަނެއް ރޯދަމަސް އައިސް ބައްދަލުކުރާނެއެވެ.
ވީމާ ތަފާތު ސަބަބުތައް މެދުވެރިވެ މިދިއަ އަހަރުގެ ރަމަޟާންމަހުން އެއްވެސް ރޯދައެއް ގެއްލިފައިވާނަމަ އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ޤަޟާކޮށް ނިންމާށެވެ! ހަމައެއާއިއެކު ރޯދަ ދޫކުރަން ޖެހިގެން ފިދުޔަ ދޭންޖެހޭ ހާލަތްތަކުގަ އޮތީ އެކަންވެސް އަވަސްކުރުމެވެ.
މުސްކުޅިވެ ބަލިހާލު ބޮޑުވުން ފަދަ ކަންކަމާއި ގުޅިގެން ރޯދަ ދޫކޮށްލަންޖެހޭ ހާލަތުގައި އޮތީ ފިދުޔަ ދިނުމަށް އަވަސްވެގަތުމެވެ. ފިދުޔަ ދިނުމަކީ ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. އެކަންކުރުމަކަށް ވަކި ވަގުތެއް ނެތެވެ. އޮތީ އަވަސްކޮށް އެކަން ނިންމުމެވެ.
އަދި ރަމަޟާންމަހުގައި ނަމަ އެދުވަހުގެ ރޯދަ ފަހުން ޤަޞާނުކުރެވޭނެފަދަ ޙާލަތުގައި ތިބޭ މީހުން ކޮންމެހެން އެދުވަހު އިރު އޮއްސެންދެން މަޑުކުރުމެއްވެސް ނެތެވެ.
ރޯދައަކީ ދަރންޏެކެވެ. ޤަޟާ ނުކުރެވި ވަނިކޮށް މަރުވެއްޖެ ނަމަ ވާނީ ދަރަންޏަކަށެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް