މިއީ އިސްލާމީ ޢީދެކެވެ.

ކިޔުމަށް ހޭދަވާނީ 3މ 12ސ
މިއީ އިސްލާމީ ޢީދެކެވެ.

ޝަފީޢު ޢަބްދުﷲ

 

الْحَمْدُ للهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

މުސްލިމުންނަށް އަންނަ ދެ ޢީދަކީ ވެސް މާތް މަތިވެރި ދެ އަޅުކަމެއްގެ ފަހަތަށް އަންނަ ދެ ޢީދެކެވެ. އެއީ އަޟްޙާ ޢީދާއި ފިޠުރު ޢީދެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މާތް އަޅުކަމަށް ފަހުއެވެ. ފިޠުރު ޢީދު އަންނަނީ ރަމަޟާންމަހު ރޯދައިގެ މަތިވެރި އަޅުކަމަށް ފަހުއެވެ. މިއީ މުސްލިމުން އުފާކުރުން ޙައްޤު ދެ ޢީދެވެ.  

އެހެނަސް އުފާ ފާޅުކުރުމުގައި ބަލަން ޖެހޭ ހައްދުތަކަކާއި މިންގަނޑުތަކެއްވާ ކަން ދަންނާން ޖެހެއެވެ. އެ ގޮތުން ދީނީ އަޚްލާޤިއްޔާތުން ބޭރުވާ ފަދަ ކަންކަމާއި މުންކަރާތަކަށް ވާ ފަދަ އެއްވެސް ކަމެއް އުފާ ފާޅުކުރުމުގެ ނަމުގައި ކުރުމަކީ ހުއްދަވެގެންވާނޭ ކަންކަމެއް ނޫނެވެ. އުފާ ފާޅުކުރާން ޖެހޭނީ މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބޭނޭ ފަދަ ގޮތަކަށެވެ.

ޢީދުގެ ޙަޤީޤަތަށް ބަލާ އިރު، ޢީދު ދުވަހަކީ ކެއިންބުއިމާއި، މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމާއި، ޢާއިލީ މީހުންނާއި އެކުވެރީންނަށް ޒިޔާރަތް ކުރުމާއި، ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަޙްމީދު ކިޔުމާ އެކު އުފާ ފާޅުކުރަން އަންނަ ދުވަހެކެވެ. ޢީދުގެ އުފާ ފާޅުކުރާ އިރު، ދީނުގައިވާ ގޮތާ ޚިލާފަށް އެކަން ކުރުން ވާނީ ބޮޑު މުންކަރާތަކަށެވެ. ހިންދޫންނާއި އެހެނިހެން ބާޠިލު ދީންތަކުގެ އަހުލުވެރީންގެ ޘަޤާފަތްތަކާ އެއް ގޮތް ވެގެން ނުވާނެއެވެ. މުސްލިމުންނަށް އަމުރުކުރެވިގެންވަނީ އެހެން ދީންތަކުގެ މީހުންގެ ދީނީ އާދަކާދަތަކާއި އެއުރެންގެ ޢީދުތަކާއި ޘަޤާފަތްތަކުން ދުރުވުމަށެވެ. އަދި ދެ ޖިންސު މަސްހުނިވެ އެއް ބަޔަކު އަނެއް ބަޔަކުގެ ގަޔަށް ފެން ޖަހައި ކުލަ ޖަހައި ހެދުމަކީ އެއްވެސް ގޮތަކަށް ހުއްދަވާނޭ ކަންކަމެއް ނޫނެވެ. މިޔުޒިކު ޝޯއާއި ފާޙިޝް ލަވަތަކަށް ނެށުން ފަދަ ކަންކަމަކީ މުޅީން އެއްކިބާވާން ޖެހޭ ފަދަ ބޮޑެތި މުންކަރާތްތަކެވެ. އެހެން ނޫނީ އެއީ ޢީދު ޝަރުޢު ކުރެއްވި މަޤްޞަދުން ބޭރުވެވިގެން ދަނީއެވެ. އެ ކަމުން އެންމެ އުފާވާނީ ޝައިޠާނާ ކަމާ މެދަކު ޝައްކެއް ނެތެވެ.  

އިސްވެ ދެންނެވުނު ފަދައިން، މުސްލިމުންގެ ޢީދު ވާންޖެހޭނީ މާތް ﷲއަށް ތަކްބީރު ކިޔޭ ޢީދަކަށެވެ. ތަޙްމީދު ކިޔޭ ޢީދަކަށެވެ. ތަހްލީލު ކިޔޭ ޢީދަކަށެވެ. އެ ކަން ފެށިގެން އަންނަނީ ޢީދު ނަމާދަށް ތައްޔާރުވާ ހިސާބުންނެވެ. ޢީދު ނަމާދަށް ތައްޔާރުވުމުގެ ގޮތުން ރަނގަޅަށް ހިނައިގަނެ، ސާފުޠާހިރުވެ، ގައިގައި މީރުވަސް ދުވާ އެއްޗެއް ލުމަށް ފަހު، އައު ފޭރާމެއް ނުވަތަ ރީތި ސާފު ހެދުމެއް ލައިގެން، ޢީދު ނަމާދަށް ތައްޔާރުވުމުގައި ގެންގުޅެން ޖެހޭ އަދަބުތަކާއި ސުންނަތްތަކަށް ފަރުވާތެރިވެގެންނެވެ. ޢީދު ނަމާދަށް ފަހު، ޢާއިލީ މީހުންނާއި އެކުވެރިންނާއި އެހެނިހެން މުސްލިމުންނަށް ޢީދުގެ މަތިވެރި ތަހާނީ ކިޔުމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކާންދިނުމާއި ޒިޔާރަތްކުރުމާއި ޙާލުއަހުވާލު ބެލުމާއި، ޝަރުޢީ މިންގަނޑުން ބޭރުނުވާ ގޮތަށް މުނިފޫހިފިލުވުމުގެ ކަންކަން ވެސް ކުރިޔަށް ގެންގޮސްގެނެވެ. 

ދުޢާއަކީ ކުރިޔަށް މި އޮތް އަޟްޙާ ޢީދަކީ ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނޭ އަދި އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަވާނޭ ޢީދެއް ކަމުގައި ލެއްވުމެވެ. އާމީން!

 

މިއަދު އޮންލައިން