ދަމުނަމާދުކުރަން ފަށަން ބޭނުން! އެކަމަށް ޝައުޤުވެރިވެވޭނީ ކިހިނަކުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 45ސ
ދަމުނަމާދުކުރަން ފަށަން ބޭނުން! އެކަމަށް ޝައުޤުވެރިވެވޭނީ ކިހިނަކުން؟

ދަމުނަމާދުކުރަން ފަށަން އަޅުގަނޑު ބޭނުންވެއެވެ. އެކަމަކުވެސް ކުރަން ފަށަން އުޅޭއިރަށް ކޮންމެވެސް ކަންތައްތަކެއް ކުރިމަތިވެ އެކަމަށް ހުރަސްއެޅެނީއެވެ. މިޙާލަތުގައި ދަމުނަމާދުކުރަން އަޅުގަނޑުގެ ޝައުޤުވެރިކަން އިތުރުވާނެ މަގެއް ބުނެދެއްވަފާނަންތޯ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ވަރަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ. އެއީ ދަމުނަމާދުކުރަން ފަށަން ބޭނުންވެ އެކަމަށް މަސައްކަތްކުރާތީއެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ފައިޑާކުރާނެ ކަމަށެވެ. 

ދިވެހި ޒުވާނަކު އޭނާ ދަމުނަމާދު ކުރަން ފެށި ސަބަބު ކިޔައިދިނެވެ. 

"އަޅުގަނޑު ދަމުނަމާދުކުރަން ޝައުޤުވެރިވީ، ދަމުނަމާދާ ބެހޭ ގޮތުން ލިބުނު މަޢުލޫމާތުކޮޅެއްގެ ސަބަބުންނެވެ. އެ މަޢުލޫމާތުކޮޅުގެ މުހިންމުކަމަށްޓަކައި، ތިޔަބޭފުޅުންނާ އެކު ވެސް ޙިއްޞާކޮށްލާނަމެވެ. 

މީހަކު އޭނާގެ ގޭގައި ސުންނަތް ނަމާދުތައް ކުރާކަމަށްވަނީނަމަ، އެ ގެއަށް ނޫރާނީ އަލިކަމެއް ލިބެ އެވެ. އެ ނޫރާނީ އަލިކަން އުޑުތަކަށް ވެސް ވާޞިލުވެ އެވެ. އެހެންކަމުން، އުޑުތަކުގެ އަހުލުވެރިންނަށް، ބިންމަތީގައިވާ އެ ގެ ފެންނާނެ އެވެ. އަދި އެފަދައިން ނަމާދުކުރެވޭ އެހެން ގެތައް ވެސް ފެންނާނެ އެވެ. ބިމުގެ އަހުލުވެރިންނަށް އުޑުގައިވާ ތަރިތައް ފެންނަ ފަދައިންނެވެ. އާދޭހެވެ. މަލާއިކަތްބޭކަލުން ބިމަށް ބައްލަވާ ހިނދު، އެ ބޭކަލުންނަށް އެ ގެތަކުގެ ނޫރާނީ އަލިކަން ފެނިވަޑައިގަންނަވާނެ އެވެ. އެހެން ގެ ތަކާ ޚިލާފަށް އެ ގެތައް ވިދައި ބަބުޅަމުންދަނީ، އެ ގެތަކުގެ ތެރޭގައި ސުންނަތް ނަމާދުތައް ކުރެވޭތީ އެވެ. 

މިއަށްވުރެ ބޮޑަށް ޙައިރާންކުރުވަނިވި ކަމަކީ، މަލާއިކަތްބޭކަލުންނަށް، އެ ގެއެއްގެ ނޫރު ފެނިވަޑައިގަންނަވާ ގެއަކުން ނޫރު ކެނޑިއްޖެނަމަ، އެއީ ކީއްވެގެންތޯ ބެއްލެވުމަށްޓަކައި އެބޭކަލުން ސުވާލު ދަންނަވާކަމެވެ. އެގޭގައިވާ ނޫރު ކެނޑުނީ، ނަމާދުކުރާ މީހާ ބަލިވެއުޅޭތީ ކަމަށްވަނީނަމަ، ނުވަތަ އޭނާއަށް މުޞީބާތެއް ކުރިމަތިވުމުގެ ސަބަބުން ކަމަށްވަނީނަމަ، އެކަން އެ މަލާއިކަތްބޭކަލުންނަށް އެންގެވެ އެވެ. ދެން އެބޭކަލުން އެ މީހެއްގެ ބައްޔަށް ޝިފާދެއްވުންއެދި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރައްވަ އެވެ. ނުވަތަ އެމީހަކަށް ޖެހިފައިވާ މުޞީބާތެއް ފިއްލަވައިދެއްވުން އެދި އެކަލާނގެ ޙަޟުރަތަށް ދުޢާކުރައްވަ އެވެ. އެއީ، އޭނާގެ ގެއިން ވިދައި ބަބުޅަމުންދިޔަ ނޫރާނީ އަލިކަން ދެކެވަޑައިގަތުމަށްޓަކައި އެބޭކަލުން ޝައުޤުވެރިވެ ވަޑައިގަންނަވާތީ އެވެ. 

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.

)أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَامٍ(
ރިވާކުރެއްވީ: އައްތިރުމިޛީ. 

މާނައީ، "ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަލާމްކޮށް އުޅޭށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދީ އުޅޭށެވެ! އަދި ތިޔަބައިމީހުން ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާށެވެ! އަދި ތިޔަބައިމީހުން، މީހުން ނިދާފައިތިބޭއިރު ދަމުނަމާދުކުރާށެވެ! އޭރުން ސަލާމަތްތެރިކަމާއެކު ތިޔަބައިމީހުން ސުވަރުގެ ވަންނަހުށްޓެވެ." 

ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ދަމުނަމާދަކީ، ކަށްވަޅުގެ އަނިދިކަން ކަނޑުވައިލާ ނޫރެކެވެ.

މިކަންކަން އެނގުމުން، އަޅުގަނޑުގެ ގެ، މަލާއިކަތް ބޭކަލުންނަށް ފެނިވަޑައިގަތުމުގެ އުފާ ޙާޞިލުކުރަން ބޭނުންވި އެވެ. އަދި ސަލާމަތްތެރިކަމާއެކު ސުވަރުގެއަށް ދިއުމަށް ވެސް ނުހަނު ޝައުޤުވެރިވި އެވެ. ހަމައެފަދައިން، އަޅުގަނޑުގެ ކަށްވަޅަކީ، އަލި ތަނެއް ކަމުގައި ހަދަން ވެސް އެހައިމެ ވަޖިދުވި އެވެ. 

އަދިވެސް އޭނާ ބުނެފައިވެއެވެ. 

އިންސާނާ މަރުވުމަށްފަހު، އޭނާގެ ކިބައިން ދިރިހުންނަނީ ކޮންކޮން އެއްޗެއްކަން ވެސް އަޅުގަނޑަށް އެނގުނެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހަށް ދެމިހުންނަ އެއްޗަކީ، އޭނާ ކުރާ ހެޔޮ ޢަމަލެވެ. 

ނިކަން ބައްލަވާށެވެ! މީހަކު މަރުވުމަށްފަހު، އޭނާގެ ހިތް ދިރިއޮންނަނީ، 10 މިނެޓްއިރު ވަންދެނެވެ. ސިކުނޑި ދިރިއޮންނަނީ، 20 މިނެޓްއިރު ވަންދެނެވެ. ލޯ ދިރިއޮންނަނީ، 4 ގަޑިއިރު ވަންދެނެވެ. ހަން ދިރިއޮންނަނީ، 5 ދުވަސްވަންދެނެވެ. ކަށިގަނޑު ދިރިއޮންނަނީ، 30 ދުވަސްވަންދެނެވެ. އެކަމަކު އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތައް ދާއިމަށް ދިރިހުރެ އެވެ!

މިހެންވެ، ދުންޔަވީ ޙަޔާތް ހަނދާން ނެއްތައިލުމެއްނެތި، އާޚިރަތަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމުކަނޑައެޅީމެވެ. ހިތުގެ ވިންދު ޖަހާހައި ހިނދަކު، ޝަހާދަތުގެ ދެކަލިމަ ކިއުމަށް ނިޔަތްގަތީމެވެ. 

މީހާ މަރުވުމުން އޭނާގެ ކަށްވަޅު، ކަށްވަޅުގައިވާ ފަސް މަންޒިލުގެ ވާހަކަ ގޮވާލާކަން ވެސް އަޅުގަނޑަށް އެނގުނެވެ. ކަށްވަޅު ގޮވާލަ އެވެ. 

މިއީ، އެކަނިވެރިކަމުގެ މަންޒިލެވެ.
މިއީ، އަނދިރިކަމުގެ މަންޒިލެވެ.
މިއީ، ވެލީގެ މަންޒިލެވެ.
މިއީ، ފަނިފަކުސައިގެ މަންޒިލެވެ.
މިއީ، ނަކީރާއި މުންކަރުގެ މަންޒިލެވެ. 

ކަށްވަޅުގެ އެކަނިވެރިކަން ފިލުވައިލުމަށްޓަކައި ކީރިތި ޤުރުއާން ކިޔަވަމެވެ.
ކަށްވަޅުގެ އަނިދިރިކަން ފިލުވައިލުމަށްޓަކައި ދަމުނަމާދު ކުރަމެވެ.
ކަށްވަޅުގެ ވެލީގައި އަރާމު ތަންމައްޗެއް ޙާޞިލުކުރުމަށްޓަކައި ހެޔޮ ޢަމަލު ކުރަމެވެ.
ކަށްވަޅުގެ ފަނިފަކުސަތަކުން ސަލާމަތްވުމަށްޓަކައި ގިނަގިނައިން ބިސްމި ކިޔަމެވެ.
ކަށްވަޅުގެ ނަކީރާއި މުންކަރު ދެ މަލާއިކަތްބޭކަލުންނަށް ޖަވާބުދާރީވުމަށްޓަކައި ގިނަގިނައިން ޝަހާދަތް ކިޔަމެވެ

މިއަދު އޮންލައިން