ވަރަށް ރަނގަޅަށް ވިސްނައިގެން ކިޔާލާތި!: ދަރިއަކަށް ކުށެއް ކުރެވުނަސް ބާކީކޮށް އެއްލާނުލަންވީ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ވަރަށް ރަނގަޅަށް ވިސްނައިގެން ކިޔާލާތި!: ދަރިއަކަށް ކުށެއް ކުރެވުނަސް ބާކީކޮށް އެއްލާނުލަންވީ ސަބަބު-: މުފްތީ މެންކް

ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ދަރިއަކަށް ކުށެއް ކުރެވިއްޖެނަމަ ނުވަތަ މައިންބަފައިން ނުރުހޭ ކަމެއް ކުރެވިއްޖެނަމަ އެކުއްޖަކު ބާކީކޮށްލުމެވެ. ނިކަމެތިކޮށްލުމެވެ. ދަރިފުޅަށް ކޮށްދެވުނުހައި ކަމަކަށް ކަލަ ގޮވައެވެ. ބަސް ޤަބޫލުނުކުރީ ކޮންކަމެއް ކޮށްނުދީގެންތޯ ސުވާލުކުރެއެވެ. އެކަމުގައި ހައްދު ފަހަނައަޅައިގޮސް ވާރުތަ މުދަލުންވެސް ނުދޭން ނިންމައި އެބަ ގެއިންވެސް ބޭރުކޮށްލައެވެ. 

އެހެންވެ މިޘާލެއް ހާމަކޮށްލާނަމެވެ. ތިބާގެ ދަރިފުޅަކީ ހަމަ އެހެންވެސް އިންށާނުން ފަދަ އިންސާނެކެވެ. މަންމައާއި ބައްޕަގެ ފުށުން އުފެދި މަންމަގެ ބަނޑުން އުފަންވީ ދަރިއެކެވެ. 

އާދަމްގެފާނަކީ ﷲ ތަޢާލާގެ އަތްޕުޅުން އުފައްދަވައި ސުވަރުގޭގެ ޚާއްޞަ ބަގީޗާއެއްގައި ލެއްވެވި ބޭކަލެކެވެ. ބޭނުންފުޅުވެވަޑައިގަންނަވާނެ ހުރިހާ އެއްޗެއްވެސް ދެއްވަވައިފައެވެ. ހުރިހާ ނިޢުމަތްތަކެއް ދެއްވަވައިފައެވެ. މަނާ ކުރެއްވެވީ ހަމަ އެންމެ ކަމެކެވެ. އެންމެފަހުން ކުރެއްވެވީ ހަމައެކަމެވެ. 

އަދިވެސް ވިސްނައިލާށެވެ! އާދަމްގެފާނަށް އެކަލޭގެފާނު ކުރައްވަވަން ބޭނުންފުޅު ކޮންމެ ކަމެއް ކުރައްވަވަން ހުއްދަ ދެއްވަވައި އެންމެ ކަމެއް މަނާކުރެއްވެވީ އެއްވެސް މެދުވެރިއަކާއި ނުލައި ސީދާ ﷲ ތަޢާލާއެވެ. 

އެހެންކަމާއިއެކުގައިވެސް މިވީ ކިހިނަކުން ހެއްޔެވެ؟ ޢާދަމްގެފާނަށް އެގޮތަށް ކަންކަން ކުރެއްވެވުނީ ﷲ ތަޢާލާ އާދަމްގެފާނަށް ކޮން ނިޢުމަތެއް ނުދެއްވަވައިގެންހެއްޔެވެ؟ އޮތީ ހަމަ އެންމެ ސަބަބެއް ނޫންހެއްޔެވެ؟ އެއީ އިންސާނަކަށްވެވަޑައިގެންނެވިކަން ނޫންހެއްޔެވެ؟ 

ވީމާ ރަނގަޅަށް ވިސްނައިލާށެވެ! ތިބާގެ ދަރިފުޅަކީވެސް އިންށާނެއް ނޫންހެއްޔެވެ؟ ވީމާ ތިބާގެ އެންމެ އަމުރަކަށް ނުކިޔަމަންތެރިވެވުމަކީ ނުވަތަ ތިބާ ނުރުހޭ އެންމެ ކަމެއް ކުރެވުމަކީ ދަރިފުޅު ބާކީކޮށް އެއްލައިލާ ސަބަބުކަމުގައި ނުހަދާށެވެ! 

ހަނދާންކުރާށެވެ! މިދެއްކީ ތިބާކުރާ ހުރިހާ އަމުރުތަކަށް ނުކިޔަމަންތެރިވެ ހިތަށްއެރިހައި ގޮތަކަށް އުޅޭ ދަރިންގެ ވާހަކައެއް ނޫނެވެ. ބަސްއަހައިގެން އުޅެމުންވެސް ކުށެއްކުރެވޭ ދަރިންގެ ވާހަކައެވެ. އެފަދަ ދަރިއަކު ނަމަވެސް ކުށެއް ކޮށްފިނަމަ ކުށުގެ ނިޞްބަތުން ފިޔަވަޅެއް އެޅުމަކީ ނެތްކަމެއް ނޫނެވެ. ބާރުލައި މިބުނަނީ އެފަދަ ދަރިންނަށް ކުރެވޭ އެންމެ ކުށަކާއި ގުޅިގެން ބާކީކޮށްނުލާށެވެ! 

އަދި މިކަމަށްވެސް ވިސްނައިލާށެވެ! އެއިރުން ދަރިފުޅަށް މާފުކުރަން ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ. ﷲ ތަޢާލާގެ މަތިވެރިވަންތަ ދެއަތްޕުޅުން އުފައްދަވައި ފުރާނައަޅުއްވަވައި ސުވަރުގޭގެ ބަގީޗާއެއްގައި ލައްވަވައި އެހުރިހައި ނިޢުމަތްތަކެއް ދެއްވެވި އާދަމްގެފާނަށް ޝައިޠޯނާގެ ބަހަށް ހެއްލެވިވަދައިގެންނެވިއިރު އަހުރެމެން އެކަކަށްވެސް ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެވިގެން ހުރެވޭނެ ކަމަށް ޤަބޫލުކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންގެ ދަރިންނާއި ތިބާގެ ދަރިންނަށް ސައްތައިން ސައްތަ ސަލާމަތްވެވިގެން ތިބެވޭނެ ކަމަށް ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ 

ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް މާފުކުރަން އުނދަގުލެއް ނުވާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން