ޢީދު ބައްދަލުކުރުމުން ކުރަންވީ ކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 48ސ
ޢީދު ބައްދަލުކުރުމުން ކުރަންވީ ކަންތައްތައް-

لْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

އަޅުގަނޑުމެންނާއި ކުރިމަތިމިލަނީ މުސްލިމުން އުފާފާޅުކުރުމަށްޓަކާ ﷲ ތަޢާލާ ލައްވަވާފައިވާ ދެދުވަހުގެ ތެރެއިން ދުވަހެކެވެ. އާދެ އަޟްޙާޢީދު ދުވަހެވެ. އަނަސްބިން މާލިކް ރަޟިޔަﷲޢަންހު ވިދާޅުވިއެވެ.  

كَانَ لِأَهْلِ الْجَاهِلِيَّةِ يَوْمَانِ فِي كُلِّ سَنَةٍ يَلْعَبُوْنَ فِيْهِمَا فَلَمَّا قَدِمَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِيْنَةَ قَالَ كَانَ لَكُمْ يَوْمَانِ تَلْعَبُوْنَ فِيْهِمَا وَقَدْ أَبْدَلَكُمُ اللهُ بِهِمَا خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَيَوْمَ الأَضْحَى(قال الشيخ الألباني : صحيح )  

"ޖާހިލިއްޔަޒަމާނުގެ އަހުލުވެރިން އުފާފާޅުކޮށްއުޅޭ 2 ދުވަހެއް އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ވަޑައިގެންނެވުމަށްފަހު ޙަދީޘްކުރެއްވެވިއެވެ. ތިޔަބައިމީހުން އުފާފާޅުކޮށްއުޅުނު 2 ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ހެޔޮކަންބޮޑު ދެދުވަސް ﷲ ތަޢާލާ ލައްވަވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި އަޟްޙާގެދުވަހެވެ."

މިފަދަ ދުވަހެއް އަޅުގަނޑުމެންނާއި ކުރިމަތިލުމުގެ ކުރިން އެދުވަހު، ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ޢީދުދުވަހުގެ ބައެއް ޙުކުމްތައް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަށް ހަނދާން ކޮށްދޭން ގަސްތުކުރަމެވެ. 

1 ޢަރަފާތްދުވަހުގެ(ޙައްޖުމަހުގެ 9ވަނަ ދުވަހުގެ) ފަތިސްނަމާދު ނިމުނީއްސުރެ އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ(ޙައްޖުމަހުގެ 13ވަނަ ދުވަހުގެ) އަޞްރު ވަގުތާއި ހަމައަށް މިސްކިތްތަކާއި މަގުތަކާއި ބާޒާރުތަކާއި ގެތަކުގައި ތަކްބީރުކިއުން ސުންނަތްވެގެންވެއެވެ.

2 ފިރިހެނުން ތަކްބީރުކިޔާނީ ބާރަށެވެ. އަދި އަންހެނުން ސިއްރުންނެވެ.

3 އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުންދާގޮތަށް، ޖަމާޢީކޮށް އިމާމްމިހާގެ ފަހަތުން ތަކްބީރުކިޔުމަކީ އޮންނަ ގޮތެއްނޫނެވެ.

4 ތަކްބީރުގެ ޞިފައަކީ: اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ

5 ޢީދުނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ.

6 އަތުގައިވާ އެންމެރަނގަޅު ހެނދުންލުމާއި މީރުވަސްދުވާ ހުވަނދުލުމަކީވެސް ސުންނަތްވެގެންވާކަމެކެވެ.

7 ފިޠުރުޢީދު ދުވަހު، ޢީދުނަމާދަށް ދިއުމުގެ ކުރިން (ކަދުރުފަދަ) އެއްޗެއް ކެއުން ސުންނަތްވެގެންވެއެވެ. ޢަޟްޙާޢީދު ދުވަހު، ކެއުން ސުންނަތްވެގެންވަނީ ޢީދުނަމާދަށް ފަހުގައެވެ.

8 ޢީދުނަމާދުގެ ވަޤުތަކީ އިރު އެރީއްސުރެ، އިރުމެދުން ފިލައްޖެއުމަށްދާންދެނެވެ.

9އަންހެނުންނާއި ކުޑަކުދިންވެސް ޢީދުނަމާދަށް ގެންދިއުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ނަމަވެސް އަންހެނުން ގެންދިއުމުގައި ޝަރުޠުތަކެއް ކަނޑައެޅިފައިވެއެވެ.

ހ.ފިރިހެނުންނާއި މަސްހުނިނުވުން.
ށ.ފުރިހަމައަށް ހިޖާބުވެގެން ތިބުން
ނ.ޢަތަރު ނުލުން

10 ޢީދުނަމާދުގައި އޮންނަނީ 2 ރަކުޢަތެވެ. ފުރަތަމަރަކުޢަތުގައި ތަކްބީރަތުލް އިޙްރާމަށްފަހު 7 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ޤާފުސޫރަތް ނުވަތަ އަޢުލާސޫރަތް ކިޔެވުމަކީވެސް ސުންނަތްވެގެންވާކަމެކެވެ. ދެވަނަރަކުޢަތުގައި ސަޖިދައިންތެދުވަމުންކިޔާ ތަކްބީރުގެ އިތުރަށް 5 ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އަދި ފާތިޙާސޫރަތަށްފަހު ވާޤިޢާސޫރަތް ނުވަތަ ޣާޝިޔާސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ.

11 ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވަނީ ޢީދުނަމާދަކީ ޢައިނިއްޔަ ފަރުޟެއްކަމުގައެވެ. ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ ރަޙިމަހުﷲގެ ރައުޔަކީވެސް މިއެވެ. އަދި ބައެއް ޢިލްމުވެރިން ފަރުޟުކިފާޔާއެއްކަމުގައި ވިދާޅުވާއިރު އަނެއްބައި ޢިލްމުވެރިން އެއީ ގަދަވެގެންވާސުންނަތެއް ކަމުގައިވެސް ވިދާޅުވެއެވެ.

12 ޢީދުނަމާދުގައި ބަންގިގޮވުމެއް، އަދި ޤަމަތްދިނުމެއްވެސް ނުވެއެވެ. އަދި ޢީދުނަމާދުގެ ކުރީގައިވެސް އަދި ފަހުގައިވެސް ސުންނަތްކުރުން ޘާބިތުވެގެނެއްނުވެއެވެ. ނަމަވެސް ޢީދުކުރާ މުޞައްލާއަށް މިސްކިތުގެ ޙުކުމް އަންނާނޭކަމަށް ޝެއިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެހެންކަމުން ޝެއިޚްބުރަވެލައްވަނީ ތަޙިއްޔަތުލް މަސްޖިދް އެތަނުގައި ކުރެވޭނޭކަމަށެވެ.

13 ޢީދުނަމާދުކުރުން ސުންނަތްވެގެންވަނީ ހުސްބިމެއްގައެވެ. މަޖުބޫރީހާލަތަކަށްޓަކައި މެނުވީ މިސްކިތުގައި ޢީދުނަމާ ނުކުރެވޭނޭ ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ.

14 ހުކުރުނަމާދާއި ޚިލާފަށް ޢީދުނަމާދުގެ ޚުޠުބާ ކިޔާނީ ނަމާދުކުރުމަށްފަހުގައެވެ.

15 ޚުޠުބާނިމުމުން ޢުޟްޙިޔާ ކަތިލުމަށް އަވަސްވެގަތުމަކީ ސުންނަތެކެވެ. ނަމަވެސް އެދުވަހު އުޟްޙިޔާ ކަތިނުލެވޭ މީހާއަށް، އައްޔާމުއްތަޝްރީގުގެ 3 ވަނަ ދުވަސް ނިމުމުގެ ކުރިން ކަތިލެވިދާނެއެވެ. އަދި އުޟްޙިޔާއިން އެއްވެސް މިންވަރެއް ވިއްކުން ހުއްދަވެގެން ނުވެއެވެ.

16 ޢީދުނަމާދަށްދިޔަމަގު ނޫން އެހެންމަގެއް، ގެއަށް ދިއުމުގައި އިޚްތިޔާރުކުރުން ސުންނަތްވެގެންވެއެވެ.

17 އެކަކު އަނެކަކަށް، ޢީދުގެ ތަހުނިޔާއެއްގެ ގޮތުގައި ‘ تَقَبَّلَ اللهُ مِنَّا وَمِنْكَކިޔުމަކީ ސަލަފުންގެ ބައެއްބޭކަލުންގެ ކިބައިން ޘާބިތުވެފައިވާ ކަމެކެވެ.

18 ގިނަގިނައިން ޒިކުރު ކުރުމަކީ، ޚާއްޞަކޮށް ޢީދުދުވަހު އަދި ޢާންމުކޮށް ހުރިހާދުވަހެއްގައިވެސް ކުރުން ސުންނަތްވެގެންވާ ކަންތައްތަކުގެތެރެއިން ކަމެކެވެ.
19
ޢީދުދުވަސް ހުކުރުދުވަހަކަށް ވެއްޖެނަމަ ކަންތައް ކުރަންވީ ގޮތާމެދު ޢިލްމުވެރިންގެ ތަފާތު ރައުޔުތަކެއް އައިސްފައިވެއެވެ.

ހ.ޢީދުނަމާދާއި ހުކުރުނަމާދާއި، ދެނަމާދު ކުރުންވެސް ވާޖިބުވާނެއެވެ. މިއީ ގިނަ ފިޤުޙުޢިލްމުވެރިންގެ ރައުޔެވެ.
ށ.ދެނަމާދު ކުރުން ވާޖިބުވާނީ ހަމައެކަނި އިމާމް މީހާއަށެވެ.

ނ.ވާޖިބުވެގެންވަނީ ދެ ނަމާދުން ކޮންމެވެސް އެއްނަމާދެއް ކުރުމެވެ. މި ރައުޔަށް ބުރަވާމީހުން ޢީދުނަމާދު ކޮށްފިނަމަ، ހުކުރު ނަމާދު އެމީހުންގެ މައްޗަށް ވާޖިބެއްނުވާނެއެވެ. ނަމަވެސް އެމީހުން މެންދުރުނަމާދު ކުރަން ޖެހޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ވާޖިބުނުވިކަމުގައި ވިއަސް ދެނަމާދަށްވެސް ދިއުމެވެ. އޭރުން ޚިލާފުން ސަލާމަތްވެވުނީއެވެ.

- ޝައިޚް މުޙައްމަދު ޝަމްޢޫން

މިއަދު އޮންލައިން