ކަންކަމުގަ ކުރިއަރައިދާން ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަ މީހަކަށްވުން! ވަރަށް ފަސޭހައިން ޙާޞިލްކުރެވެން އޮތް ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކަންކަމުގަ ކުރިއަރައިދާން ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަ މީހަކަށްވުން! ވަރަށް ފަސޭހައިން ޙާޞިލްކުރެވެން އޮތް ކަމެއް!: މުފްތީ މެންކް

ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟ މިސުވާލު ކުރާ އިރަށް އެންމެން އެފަހަރާ ބުނާނީ ބޭނުން ކަމަށެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހާ ކަންކުރަންވީ ގޮތް ރަސޫލް () ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. 

ޙަދީޘްފުޅުގައި ވަނީ "ﷲ ތަޢާލާއަށް އަޅުކަންކުރާމީހަކު އެހެން މީހަކަށް އެހީތެރިވުމުގައި ދެމިހުރިހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުގައި ﷲ ތަޢާލާ ދެމިވޮޑިގެންހުންނަވާނެ" ކަމަށެވެ. މާނައަކީ މީހަކު އެހެން މީހަކަށް ނުވަތަ އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަހައި ހިނދަކު ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެމީހަކަށް ލިބެމުންދާނެ ކަމެވެ. 

ވީމާ މީހަކު އެހީއަށް އެދިގެން އަންނަންދެން މަޑުން ހުންނާކަށް ނުޖެހެއެވެ. ސިޓީއެއް ފޮނުވަންދެން މަޑުކުރާކަށް ނުޖެހެއެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުން ހޯދަން ނުކުންނަންވީއެވެ. އެފަދަ މީހުން ހޯދައިގެންވެސް އެހީތެރިވެދޭންވީއެވެ. އަހަރެންގެ ނަޒަރުގައި އެހީއަށް އެދިގެން އައުމުން އެހީތެރިވުމަށްވުރެ އެހީއަށް ބޭނުންވެފައި ހުރި މީހަކު އަމިއްލައަށް ހޯދައިގެން އެހީތެރިވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން މާބޮޑަށް ލިބޭނެއެވެ. 

ﷲ ތައާލާ މުއްސަނދިކަން ދެއްވަވަނީ ތިބާ އެއިގައި ބަގުޑި ބެއްދުމަކަށް ނޫނެވެ. އެއިން މީސްތަކުންނަށް ޞަދަޤާތް ކުރުމަށެވެ. ޒަކާތް ދިނުމަށެވެ. ޒަކާތްދީ، އެހެން މީހުންނަށް އެހީތެރިވެ ޞަދަޤާތް ކުރާ މީހާ މަރުވާ ވަގުތުން ފެށިގެން އެކަމުގެ ހެޔޮކަން ލިބެންފަށާނެއެވެ. ކައްވަޅުގައާއި ޢާޚިރަތުގައި މުއްސަނދިކަން އިތުރުކުރަން ބޭނުންނަމަ މިދުނިޔޭގައި މުދަލަށް ދަހިވެތިނުވާށެވެ. ﷲ ތަޢާލާ ދެއްވަވާ ވަރަކުން ބަހައި ހުސްކުރަމުން ގެންދާށެވެ. މިދުނިޔޭގައި އަތުން ހުސްވި ވަރަކަށް އެކޮޅަށް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނީ  ނުވަތަ ބޭނުންވާނީ އެމީހަކު ކުރާ ކަންކަމުގައި ކުރިއަރައިދިއުމަށެވެ. ކިތަންމެ ވަރަކަށް ވިސްނައިގެން ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އެކަން ޙާޞިލުކުރެވެން މިއޮތީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ! ﷲ ތަޢާލާގެ  އެހީތެރިވެވޮޑިގަތުން ލިބިގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން