ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާ، ދީނީ ވާޖިބުތައް އަދާކުރާ ބައަކަށް ހެދޭނީ ބެލެނިވެރިންނާއި ސްކޫލަތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. އެއީ ވެރިން ދެއްވާ ޚިޠާބް ތަކުގައި ވިދާޅުވާ ވާހަކައަކަށް އެކަނި ވެގެން މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ.
ނިމިގެން މިދާ ދިރާސީ އަހަރަކީ ގިނަ ދަރިވަރުންތަކަކަށް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ލިބުނު އަހަރެއް ނަމަވެސް ދީނުގެ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައި ކުރިއެރުމެއް ހޯދުނުކަން ފެންނާކަށް ނެތެވެ. އެކަމަށް ސަމާލުކަން ދެވޭތަން ނުފެންނާތީއެވެ. އެންމެ ކުޑަމިނުން ދަރިވަރުން ލައްވައި ނަމާދުކުރުވަން ދޭންޖެހޭ ސަމާލުކަން ދެވޭތަންވެސް ނުފެންނާތީއެވެ.
ސުވާލަކީ ފަރުޟު ނަމާދުތަކަށް ހުރަސްއެޅޭގޮތަށް ސްކޫލްތަކުގައި ހިންގާ ޙަރަކާތްތައް ކުރިއަށް ގެންދާނަމަ ދަރިވަރުންނަށް އެދެވެނީ ކޮންފަދަ ނުބައި ފިލާވަޅެއް ހެއްޔެވެ؟ އަދި އެއީ ކޮންފަދަ ނުބައި ތަރުބިއްޔަތެއް ހެއްޔެވެ؟ އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތު ދަރިންނަށް ނުދެވޭނަމަ ދެވޭ ތައުލީމުން ދަރިވަރުންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ދެނަމާދުދޭތެރޭގައި ސްޓޭޑިއަމަށް ކުޅެން ގެންދިއުމާއި ޢިޝާ ނަމާދު ޖަމާޢަތުގައި ނުކުރެވި ސްކޫލަށްދާންޖެހޭ ގޮތަށް ސްކޫލްތަކުގައި ޙަރަކާތްތައް ހިންގުމުން އެކަމުން ދަރިވަރުންނަށް ކުރާނެ އަސަރާއިމެދު ސްކޫލްތަކުން ބަލާހެއްޔެވެ؟ އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭކަން ސްޓޭޑިއަމްގެ ދަނޑުތަކުން އެކަނިވެސް ކޮންމެ ދުވަހަކުވެސް ދަނީ ފެންނަމުންނެވެ.
ޔަޤީންކުރަންޖެހޭ ކަމަކީ އެންމެ މުހިންމު ކަމަކީދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުން ކަމެވެ. ނަމާދުކުރަން ޝައުޤުވެރިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުންކަމެވެ. މީހަކު 100 ޕީއެޗްޑީ ޙާޞިލްކޮށްގެން ހުރުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވެން އޮތީ ނަމާދުކޮށްގެންނެވެ. ވީމާ ނަމާދުކުރަން ތަރުބިއްޔަތު ނުކުރެވި، އިސްލާމީ ތަރުބިއްޔަތު ނުދެވި ގްރެޖުއޭޝަން ބާއްވައި ކަރުގައި ކިތަންމެ ފުޅާ، ކިތަންމެ ވިދާ ފޮތިގަނޑެއް އެޅުވުމުން ނުވަތަ އެފޮތިގަނޑާއިއެކު ފޮޓޯބެގުމުން އެދަރިންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިން ލައްވައި ކުޅިވަރު ނުކުޅުވައިގެން، ކަސްރަތަށް ދަރިފުޅު ނުގެންގޮސްގެން ފާފަވެރިއެއް ނުވާނެއެވެ. ނަމާދުކުރަން ތަރުބިއްޔަތުނުކޮށްފިނަމަ، އަދި ނަމާދުނުކުރުވުމުން ބެލެނިވެރިން ފާފަވެރިވާނެއެވެ. ޢަޛާބު ދެއްވަވާނެއެވެ!
--އަލަފް