އަޅުގަނޑުގެ "ބެސްޓީ" އޭނާއާއި މިހައިތަނަށް ރައްޓެހިވި 3 މީހުންނާއިވެސް ވަކިވީ އެމީހުންގެ ފަޤީރުކަމުންނެވެ. އޭނާ އަޅުކަނޑަށްވެސް ނަޞޭޙަތްދެނީ ތަނަވަސްކަން ނެތް މީހަކާއި ކައިވެނިނުކުރުމަށެވެ.
"ބެސްޓީ" އެބުނާ ގޮތަށް ތަނަވަސް މީހަކާ ކައިވެނިކުރުމަކީ އަޅުގަނޑަށް މުހިންމު ކަމެއް ނޫނެވެ. އެެހންވެ ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވެ މިހާރު ވަނީ "ބެސްޓީ"ކަން ކެނޑެންވެސް ގާތްވެފައެވެ.
އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ޢަމަލުކުރަން ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ކަންތައް ގުޅިފައިވަނީ ތިބާގެ ދިރިއުޅުމާއިއެވެ. ވީމާ ނިންމަންޖެހޭނީ ތިބާއަށް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރެވޭ ގޮތަކަށެވެ. ބެސްޓީ ބުނާ ގޮތަށް ކަންތައް ކުރިނަމަވެސް މާދަމާވެސް ބެސްޓީ ގެއްލިދާނެއެވެ.
ތިރީގައި އެވާ ވާހަކައަކީ ތިއަ މައްސަލަ އާއި ވަރަށް ގުޅުންހުރި ވާހަކައެކެވެ. ޢިބްރަތް ޙާޞިލްކުރަން މަސައްކަތްކުރާށެވެ!
ކިޔުންތެރިން މިކުރު ވާހަކަކޮޅު ވަރަށް ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ! މިކިޔައިދެނީ އަހަރެންގެ ޙަޔާތުގައި މިހައިތަނަށް އެންމެ ބޮޑަށް ލަދުވެތިވި ދެރަވެސްވި އަދި އުފާވެސްވި ދުވަހުގެ ވާހަކައެވެ.
އެއީ މިކޮވިޑުގެ އެންމެ ބާރުގަދަ ދުވަސްވަރެވެ. އަހަރެންގެ 3 ވަނަ ދަރިފުޅު ވިހަން ބަނޑުގައި ރިއްސި ދުވަހެވެ. ޓެކްސީއަކަށް ގުޅުމަށްފަހު މަންމައާއި އަދި ފިރިމީހާ އާއިވެސް އެކު މަގުމަތީގައި ހުރީ ޓެކްސީގެ އިންތިޒާރުގައެވެ. މިކައިރިކުރަނީކަމަށް ބުނުމުންނެވެ.
ކުއްލިއަކަށް ކާރެއް މަޑުކޮށް ދޮރުހުޅުވައިލުމުން ކާރަށް އެރީއެވެ. އަވަހަށް ދާންބޭނުންވެފައިތިބިވަރުން ނަންބަރުޕްލޭޓަކަށްވެސް ނުބަލަމެވެ. ފިރިމީހާއެރީ ކުރީ ސީޓަށެވެ. މަންމަ އާއި އަހަރެން އެރީ ފަހަތު ސީޓަށެވެ. ދުއްވަމުން ދިއައިރު ދެއްކީ އަތުގައި ޚަރަދުކުރާނެ ފައިސާ ނެތް ވާހަކައެވެ. ހޮސްޕިޓަލް ބިލްތައްކަންވެސް 3000 ރުފިޔާވަރު ދޮންތައަތުން ދަރަންޏަށް ނަގަންޖެހޭނެވާހަކައެވެ.
ކާރުމަޑުކޮށްލުމުން ޓެކްސީއަށް ފައިސާދިނީ އަހަރެންގެ ދަބަހުންނެވެ. މާރުކޮށްލެވިދާނެތޯ؟ ސުވާލުކުރުމަށްފަހު ދިނީ ފަސްސަތޭކަރުފިޔާގެ ގަނޑެކެވެ. އޭނާ މާރުކޮށްފައި ދިންއިރު މަތީގައި ފެންނަންހުރީ 10 ރުފިޔާގެ ގަނޑުތަކެކެވެ. ބާކީ ދިން ފައިސާ ގުނައިލަން ޖެހޭނެ ނަމަވެސް އެވަގުތު އެކަމެއް ނުކުރެވުނެވެ. ބޮޑިކޮށްލާފައި ފަހުން ގުނާލަން ވަކިން ދަބަހުގެ ޖީބަކަށްލީއެވެ.
ޑޮކްޓަރަށް އިންތިޒާރުކުރަން ޖެހުނު ވަގުތުގައި ދަބަހުން އެފައިސާ ނަގައި ބާކީދީފައި އޮތީ ހަމައަށްތޯ ބަލައިލީމެވެ. އެއިގައި 4475 ރުފިޔާއޮތެވެ. ކުއްލިއަކަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ވަގުތުން ޓެކްސީ ސެންޓަރަށް ގުޅައި ގެއަށް ފޮނުވި ކާރުގެ ޑްރައިވަރުގެ ނަމްބަރު ހޯދަން މަސައްކަތްކުރީމެވެ. ސެންޓަރުން ބުނީ ކާރު ތަންކޮޅެއް ފަހަތުގައި އޮއްވައި އަހަރެމެން އަރައިގެން ދިއައީ އެހެން ކާރަކަށް ކަމަށެވެ. ވީމާ އެއީ ކޮން ޑްރައިވަރެއްކަން އޮޅުންފިލާނެ ގޮތެއް ނުވިއެވެ.
އެކަމާ ވިސަނަމުންދަނިކޮށް ކުއްލިއަކަށް އެޑްރައިވަރު ބާކީ ދެމުން ބުނި ބަހެއް ހަނދާންވިއެވެ. "އަވަހަށް ގެނެސްދެވުނުކަމަށް ހީކުރަމެވެ. ޚިދުމަތެއް ކޮށްލަދޭނެ ފުރުޞަތެއް ލިބުނީތީ އުފާކުރަމެވެ. އަދިވެސް އިތުރު ފުރުޞަތެއްގައި ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ." ޑްރައިވަރު މިހެން ބުނުމުން ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ ވެސް ބުނީމެވެ.
އެހަނދާންވުމުން އެއަޑަށް ވިސްނީމެވެ. އަދި އެއީ އަހަރެންނާ ވަރަށް ރައްޓެހި އަޑެއްކަންވެސް އެހިސާބުން ފާހަގަކުރެވުނެވެ. އެކުވެރި ކިޔުންތެރިންނޭވެ! އެއީ މީގެ 7 އަހަރުކުރިން އަހަރެންދެކެ ވަރަށް ލޯބިވެގެން އުޅުނު ފިރިހެނެކެވެ. އަހަރެން ހަމަޤަޞްދުގައި އޭނާ އާއި ވަކިވީ އެއިރު އޭނާގެ މާލީ ޙާލަތުހުރިގޮތުންކަމަށް މިއަދު މިބުނަނީ ވަރަށް ލަދުވެތިކަމާއިއެކުގައެވެ.
ޢޭނާޢާއި ކައިވެނިނުކޮށް އަހަރެން ކައިވެނިކުރީ އެއިރު ހަމަ ފުދޭވަރެއްގެ ތަނަވަސްކަން ހުރިމީހަކާއިއެވެ. 2 ދަރިން ލިބުނުތަނާ އޭނާ އަހަރެން ދޫކޮށްލާފައި ދިއައީއެވެ. ދެން ކައިވެނިކުރަން ލިބުނީ ވަރަށް އާދައިގެ ވަޒީފާއެއް އަދާކުރާ މީހެކެވެ. އެއީ އަހަރެންގެ މިއަދުގެ ފިރިމީހާއެވެ.
އިތުރަށް ދެން ބަސްތަކެއް ނުބުނި ނަމަވެސް އަހަރެންނަށް ކަންކަން މިދިމާވި ގޮތް ވަރަށް ކުރުކޮށް މިކިޔައިދިނީއެވެ. ކޮންމެވެސް ބައަކަށް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ. ހަމަ ޔަޤީނުންވެސް އަހަރެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް