ﷲ ތިބާ އުފެއްދެވި ސިފަ ހުތުރުވެ ކަމުނުގޮސްގެން ރީތިކުރުމުގެ ނަމުގަ އެހެން ސިފައަކަށް ބަދަލުވާން މަސައްކަތްކުރާނަމަ އެބުނެވެނީ ކޮންފަދަ ބިރުވެރި ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ﷲ ތިބާ އުފެއްދެވި ސިފަ ހުތުރުވެ ކަމުނުގޮސްގެން ރީތިކުރުމުގެ ނަމުގަ އެހެން ސިފައަކަށް ބަދަލުވާން މަސައްކަތްކުރާނަމަ އެބުނެވެނީ ކޮންފަދަ ބިރުވެރި ވާހަކައެއް!

ބައެއް މީހުން ރީތިވުމުގެ ބޭނުމުގައި އޮޕަރޭޝަންތައްކޮށް، ގައިގެ ހަން ބަދަލުކޮށް ބޮލުގެ އިސްތަށިގަނޑަށް ބަދަލުގެނައުން ފަދަ ކަންކަން އެބަކުރެއެވެ. އެކަންކަން ކުރަން ބޮޑެތި ޢަދަދުތަކުން ފައިސާ އިސްރާފުކުރެއެވެ. 

ރީތިވާން ކުރާ މަސައްކަތުގެ ތެރެއިން ދުނިޔެއާއި ވަކިވާންޖެހިފައިވެސް އެބަހުއްޓެވެ. ދާދިފަހުންވެސް ވަނީ މިފަދަ ބޮޑު ޙާދިސާއެއް ހިނގައިފައެވެ. ދުނިޔޭގެ މީޑިއާތަކުން ޚަބަރު ފަތުރަންވެސް ފެތުރިއެވެ. ސުވާލަކީ ޙާޞިލްކުރެވުނީ ކޮން ޢިބްރަތެއް ހެއްޔެވެ؟ 

އިމާމް މުފްތީ މެންކުގެ ބަސްފުޅެއް ފާހަގަކޮށްލާނަމެވެ. 

ﷲ ތަޢާލާ ކޮންމެ މީހަކުވެސް އުފައްދަވަނީ އެމީހަކު ހުރުމަށް އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. އެހެންކަމުން އެމީހަކު އުފެއްދެވި ސިފަ ބަދަލުކުރަން ކަންކަން ކުރާނަމަ އެބުނެވެނީ ﷲ ތަޢާލާ ތިމާ އުފެއްދެވި ސިފަ ކަމުނުދާކަމަށެވެ. އަދި ތިމާއަށް މާރީތި ސިފައެއް ލިބިގަނެވިދާނެ ކަމަށެވެ. 

އެހެނެއްކަމަކު އުފެދުމުގައި (އުފަންވުމުގައި) ހުންނަ ޢައިބަކުން އެމީހަކަށް އުދަގޫވާނަމަ ނުވަތަ އެކްސިޑޭންޓެއްވުން ފަދަ ކަމަކުން ހަށިގަނޑަށް ލިބޭ އުނިކަމެއް ފޫބައްދަން އެކަމެއް ރަނގަޅުކުރަން ކުރަންޖެހޭ ކަމެއް ކުރުން މިބުނި މާނައިގައެއް ނުހިމެނެއެވެ.

މިފަދަ ޙާލަތްތކުގެ އިތުރުން ހަމައެކަނި ރީތިވުމުގެ ބޭނުމުގައި ހަށިގަނޑަށް ބަދަލުގެނައުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މުސްލިމުން ތިބެންވާނީ ﷲ ތަޢާލާ ދެއްވެވި ސިފައަށް ރުހި ޤަބޫލުވެގެންނެވެ.

(އިމާމް މުފްތީ މެންކުގެ ބަސްފުޅު ނިމުނީ) 

މީސްތަކުންނަށް ސިފަހުތުރުވެ ކައިވެނިކުރައްވާނެ އަންހެނަކުވެސް އަމިއްލަފުޅަށް ލިބިވަޑައިނުގަތުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ އަނބިކަނބަލަކު ހޯއްދަވައި ދެއްވެވި  ޞަޙާބީ ސުވަރުގެ ވައްދަވައި ޙޫރަލްޢީނަކު ދެއްވެވިތަން ﷲ ތަޢާލާ ދެއްކެވުމުން އެކަމަށް އުފާފުޅު ކުރައްވަވައި ހިނިވަރުނަކުރެއްވެވިކަން ޙަދީޘްފުޅުން އެނގެން ނެތީހެއްޔެވެ؟ 

ބޭރުފުށުގެ ސިފައަކީ މުސްލިމުންނަށް މުހިންމު އެއްޗެއް ކަމަށް ބުނެވެން ނެތީ ކުރިން ބުނި ފަދައިން ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަން ކުރައްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައި ކަމަށްވާތީއެވެ. އަހުރެމެންނަށް އޮތީ އެސިފައަށް ރުހި ޤަބޫލުވުން ކަމުގައިވާތީވެސްމެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން