ތިމާގެ ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ އެހެން މީހުންގެ ތަނަވަސްކަން އިތުރުކުރެއްވެވުން އެދިގެން ދުޢާ ކުރާށެވެ! ނަމަނަމަ ޙަސަދަވެރިނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ތިމާގެ ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ އެހެން މީހުންގެ ތަނަވަސްކަން އިތުރުކުރެއްވެވުން އެދިގެން ދުޢާ ކުރާށެވެ! ނަމަނަމަ ޙަސަދަވެރިނުވާށެވެ!

ޙަޤީޤީ މުއްސަނދިކަމަކީ ދުނިޔޭގައި ލިބޭ މުއްސަނދިކަމެއް ނޫނެވެ. ޙަޤީޤީ މުއްސަނދިކަމަކީ ތަޤްވާވެރިކަން އިތުރުވުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަވުމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރާ ނަމަ ދުނިޔޭގެ މުއްސަނދިކަން ނުލިބިގެން ކަންބޮޑުވެގެން އުޅޭކަށް ހަމަ އެކަކަށްވެސް ނުޖެހޭނެއެވެ. ސުވަރުގެ ވަންނަ މީހުންގެ ތެރޭގައި ގިނަވާނީ ދުނިޔެމަތީގައި ފަޤީރުންކަން އެނގެން އޮތް އިރު ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިވާންވީ ކީއްކުރަން ހެއްޔެވެ؟

ގިނަ މީހުންނަށް އަބަދުވެސް ފެންނަނީ އެހެން މީހުންނަށް ލިބިފައިވާ މުއްސަނދިކަމެވެ. އެހެން މީހުންގެ ގެ އުސްކޮށް އިމާރާތްކުރާތަނާއި އަގުބޮޑު ކާރުގައި އުޅޭތަނެވެ. އަރާމު ދިރިއުޅުން އުޅޭތަނެވެ. އެތަންތަނަށް ބަލާ މީހުންނަށް އެކަންކަމަށް ދަހިވެތިވެއެވެ. އެފަދަ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި ޙައްޤު ނޫން މުއްސަނދިކަން ހޯދަން މަސައްކަތްކުރެއެވެ.

އިންސާނުންނަކީ އަބަދުވެސް ކުރިއެރުމަށް ބޭނުންވާނެ ބައެކެވެ. ވީމާ ރީތި ގެއާއި އަގުބޮޑުކާރުވެސް ބޭނުންވާނެއެވެ. ތަނަވަސްކަންވެސް ބޭނުންވާނެއެވެ. ނަމަވެސް އަބަދުވެސް ވިސްނަން ޖެހޭނީ 5 އިނގިލި އެއްވަރު ނޫން ކަމެވެ. ދުނިޔޭގައި އެމީހަކަށް ލިބޭނީ ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ކޯޓާ ކަމެވެ. ކޯޓާ އިތުރުކުރަން މަސައްކަތްކުރަންވާނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ކަމެވެ.

މިކަންކަން ޤަބޫލު ނުކުރާ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެފަދަ މީހުން ހިމެނޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރު ނުކުރާ މީހުންގެ ތެރެއިންނެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުވެރި ނުވުމަކީ ނިޢްމަތް ލިބުމަށް ހުރަސް އެޅޭ ކަމެކެވެ. ވީމާ މުސްލިމުންނަށް އޮތީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމާއިއެކު އިތުރު ނިޢްމަތް ހޯދަން ޙައްޤު ގޮތުގައި މަސައްކަތް ކުރުމެވެ.

އާޚިރަތް ލިބޭނީ ނުދަރާ އަސާސީ ބޭނުންތައް ފުއްދޭނަމަ ތިބާއަށްވުރެ ބޮޑު މުއްސަންޖަކު ނެތް ކަމަށް ޤަބޫލުކުރާ މީހާއަށް ކަމަށް ބުނެވެނީ އެ ސަބަބަށްޓަކައެވެ. މީހަކަށް ނުދަރައި ސަލާން ނުޖަހައި ތިމާގެ އަސާސީ ބޭނުންތައް ފުއްދައިލެވޭނަމަ އެމީހަކީ އެންމެ މުއްސަނދި މީހާ ކަމުގައި އަމިއްލައަށް ޤަބޫލުކުރާށެވެ!

ވީމާ މީހަކަށް ތަނަވަސްކަން ލިބިފައިވާނަމަ އެކަމަށް އެއްވެސް މިންވަރަކަށް ޙަސަދަވެރިނުވެ އެމީހާ އަށް އަދިވެސް ނިޢްމަތް އިތުރުކުރެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން ތިމާއަށް ތަނަވަސްކަން އިތުރުކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެދުޢާގެ ސަބަބުން ތިމާގެ މުއްސަނދިކަން އިތުރުވެގެން ދިއުމަށް އުންމީދުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން