އާޚިރަތް ދުވަހާއިމެދު ފުންކޮށް ވިސްނާ މައިންބަފައިން މަދުވަމުން އަންނަކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެހެނީ އާޚިރަތް ދުވަހަށް ބިރުވެތިވާ ޖީލެއް އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރަންޖެހޭނެ ބައަކީ މައިންބަފައިން ކަމުގައިވާތީއެވެ.
ފަޚުރުވެރި ބައްޕައަކީވެސް އަދި މަންމަ އަކީވެސް އެމީހެއްގެ ހުރިހާ ދަރިން ގޮވައިގެން ސުވަރުގެއަށް ވަންނަން މަސައްކަތްކުރާ މީހެކެވެ. އެންމެ ފަޚުވެރި ޢާއިލާއަކީ ޢާއިލާގެ އެންމެން އެކުގައި ސުވަރުގެ ވަދެވޭ ޢާއިލާއެވެ. ނަމަވެސް މައިންބަފައިންގެ ތެރެއިން މިކަމަށް ވިސްނަނީ ހަމަ ވަރަށް މަދު ބައެކެވެ. ގިނަ ބައަކު ބަލަނީ ޢާއިލާގެ ވިޔަފާރީގައި ވީހައި ގިނަ ދަރިން ބައިވެރިކޮށް ވިޔަފާރި ބޮޑުކޮށް ފުޅައުކޮށް އިތުރު މުއްސަނދިކަން ހޯދުމަށެވެ!
ތިމާގެ އަމިއްލަ އަނބިދަރިން ނަމަވެސް އެއްވެސް މީހަކު ސުވަރުގެ ވެއްދުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ އެމީހަކު އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ނުލިބި ސުވަރުގެ ނުވަދެވޭނެއެވެ.
ވީމާ ޢާއިލާތައް އެކުގައި ތިބެގެން މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. ކުރަންވީ މަސައްކަތަކީ ސުވަރުގެ ލިބިގަތުމަށް ކުރަން ޖެހޭ މަސައްކަތެވެ! ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ.
ބައެއް މީހުން ވަރަށް ފަޚުރުވެރިވެލާފައި ބުނެއެވެ. "އަހަރެންގެ 6 ފިރިހެން ދަރިން އެބަތިއްބެވެ. ހުރިހާ ދަރިންވެސް އުޅެނީ އަހަރެންގެ އަމިއްލަ ވިޔަފާރީގެ މަސައްކަތުގައެވެ."
ތިމާގެ ދަރިން ތިމާގެ ވިޔަފާރީގައި ބައިވެރިވެގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރުމަކީ ދުނިޔަވީ ގޮތުން ބަލައިފިނަމަ ހަމަ ރަނގަޅުކަމެކެވެ. ނަމަވެސް 20 ދަރިން ތިބެފައި އެހުރިހާދަރިން އެކުގައި ތިމާގެ އަމިއްލަ ވިޔަފާރީގައި އުޅުނު ނަމަވެސް ޤިޔާމަތް ދުވަހުން އެކަމުން ތިމާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
އަހުރެންނާއި ބައްދަލުވި ތަނަވސް މީހެއްހެ ހުންނަނީ އެންމެ ދަރިއެކެވެ. އެދަރިފުޅުގެ ވިޔަފާރީގައި ކުރިއަރައިދާތީ އޭނާ ހުންނަނީ އުފަލުންނެވެ. އޭނާކުރާ މަސައްކަތަކީ ސީޝާބޯތަނެއް ހިންގައި މީސްތަކުންނަށް ސީޝާ ބޯންދިނުމެވެ. އެހެންކަމަށްވާއިރު އޭނާއަށް ލިބޭ ފައިށާއަކީ ޙަލާލް ފައިސާއަށްވާނީ ކިހިނަކުން ހެއްޔެވެ؟ ދެންވެސް ހަމަ ފަޚުރުވެރިވާންވީ ހެއްޔެވެ؟ ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން