އަތްމަތިދަތިކަމުން އަރައިނުގަނެވޭނަމަ މިމަގުން ނިކަން މަސައްކަތްކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަތްމަތިދަތިކަމުން އަރައިނުގަނެވޭނަމަ މިމަގުން ނިކަން މަސައްކަތްކޮށްލަބަލަ!

އެއްބައަކީ އަބަދުވެސް ފަޤީރުޙާލުގައި އުޅެންޖެހިފައިވާ މީހުންނެވެ. އެމީހުންގެ ދިރިއުޅުން ހުންނާނީ ވަކި ގޮތަކަށް "ސެވެފަ"އެވެ. އެހެންވެ ލިބޭ މިންވަރު މަދުވެގެން އެމީހުން ކަންބޮޑެއް ނުވާނެއެވެ. މިއާއި ޚިލާފަށް ކޮންމެވެސް މިންވަރަކަށް ފައިސާލިބި، ލިބޭ ފައިސާއިން ނުފުދިގެން އުޅޭ ބައަކު އުޅޭނެއެވެ. މިރޭ މިދައްކަނީ ފައިސާ ލިބުނަސް ނުފުދި ދަތިތައް ކުރިމަތިވާ މީހުންގެ ވާހަކައެވެ.

ދިރިއުޅުމުގައި އެއްޒާތެއްގެ މައްސަލަތައް ގިނަގިނައިން ކުރިމަތިވާނަމަ އެކަމުން އަންގައިދެނީ ތިބާއަށް ޢަމަލުކުރެވޭ ގޮތުގައި ކޮންމެވެސް މައްސަލައެއް އެބަހުރިކަމެވެ. އެމައްސަލައިން ސަލާމަތްވާން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވޭ ކަމެވެ. ކުރިމަތިވި މައްސަލަ މުލުން ލުހެލުމުގައި ފަރުވާކުޑަކުރެވޭ ކަމެވެ.

މިސާލަކަށް އަބަދުވެސް މާލީ ދަތިކަމުގައި އުޅެންޖެހިފައިވާ ގިނަ މީހުންނަށް އެހާލުގައި އުޅެންޖެހެނީ ލިބޭ އާމްދަނީއަށް ނިޞްބަތްކޮށްގެން ޚަރަދުތައް ކުރުމުގައި އިހްމާލްވެވޭތީއެވެ. ކިތަންމެ ބޭނުންވިނަމަވެސް ކޮންމެ މީހަކަށްވެސް ޚަރަދުތައް ކުރެވޭނީ ލިބޭވަރަކުންނެވެ. ވީމާ މާލީ ދަތިކަމުން އަރައިގަތުމަށް އޮންނާނެ އެންމެ ބޮޑު ޙައްލަކީ ޚަރަދުތައް ކުޑަކޮށް ލިބޭ އާމްދަނީއަށް ބަރޯސާވުމެވެ.

ދެވަނައަށް ކުރަންޖެހޭނެ ކަމަކީ އިތުރު ޢާމްދަނީ ހޯދަން މަސައްކަތްކުރުމެވެ. ހީވާގިވުމެވެ. އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކަށް ވިސްނައި އާމްދަނީ އިތުރުކުރެވިދާނެ އިތުރު މަގުތައް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.

ހަމައެފަދައިން ތިމާއަށް އަބަދު ފާފަކުރެވޭނަމަ އެއީވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. ފާފަކުރެވުމަކީ ދިރިއުޅުމުގެ ހުރިހާ ކަންކަމަށް ހުރަސްއެޅިގެންދާ ކަމެކެވެ. ޚާޢްޞަކޮށް ރިޒުޤަށް ހުރަސް އެޅޭކަމެކެވެ. ވީމާ އަތްމަތި ތަނަވަސްވުމަށް އެދޭމީހާ ފާފަތައް ކުރުމުން ދުރުހެލިވާންޖެހޭނެއެވެ.

މާލީ ދަތިކަމުގައި އުޅެންޖެހޭނަމަ އިތުރަށް ސަމލުކަންދޭންޖެހޭ އަނެއްކަމަކީ އެމީހާގެ ހިތްޠޯހިރުކުރުމެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުން ހިތް ޠޯހިރުކުރުމެވެ. ޚާއްޞަކޮށް ޢާއިލީ ގުޅުން ދަމަހައްޓަންޖެހޭ ފަރާތްތަކާއިމެދުގައެވެ.

ތިބާއަކީ އަތްމަތިދަތި ޙާލުގައި ދިރިއުޅެންޖެހިފައިވާ މީހެއްނަމަ ތަޤްވާވެރިކަމުގައި ސާބިތުވެހުރެ ﷲ ތަޢަލާއަށް ދުޢާކުރަމުން މިބުނި ކަންކަމަށް ނިކަން ސަމާލުކަންދީބަލާށެވެ! ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއިއެކު ދަތިހާލުން އަރައިގަނެވޭނެއެވެ. ފުދުންތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން