ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ވަގުތު ޖެހުމުން ނަމާދަށްނުދާ މީހުންނާ އެކުވެރިނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ވަގުތު ޖެހުމުން ނަމާދަށްނުދާ މީހުންނާ އެކުވެރިނުވާށެވެ!: މުފްތީ މެންކް

އާޚިރަތް ދުވަހާއި ނަރަކައިގެ ވާހަކަ ދައްކައިފިނަމަ ބުނާނީ ވަރަށް ބިރުގަންނަ ކަމަށެވެ. ނަމަވެސް އެބިރުވެރިކަމުން ސަލާމަތްވުމުގެ ވާހަކަ ދައްކައިފިނަމަ ޢަމަލުކުރަން ކަންނެތްވެއެވެ. ފަސްޖެހެއެވެ. މިގޮތް ދެކޮޅުޖެހޭހެއްޔެވެ؟

އާޚިރަތް ދުވަހުގެ ބިރުވެތިކަމުން ސަލާމަތްކަން ލިބުމަށް އެދޭ މީހާ ނުބައި އެކުވެރިން ގެންގުޅުމަށްވުރެ އެކަނި އުޅުންވެސް މާރަނގަޅެވެ. މާ ފައިދާ ބޮޑެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ނުބައި އެކުވެރިންނާއިއެކުގައި އުޅުން ނިމުމަކަށް ގެންނަން ޖެހެއެވެ.

މިދައްކަނީ ފާފަ ކުރުމުން ސަލާމަތްވުމުގެ ވާހަކައެވެ. ފާފަކުރުމުން ސަލާމަތްވުމަށް ވެސް އޮތް އެންމެ ރަނގަޅު ޙައްލަކީ ހަމަ ނަމާދުކުރުމެވެ. ނަމާދު ބަރާބަރަށް ވަގުތުން ވަގުތަށް ކުރަމުން ގެންދިއުމަކީ ފާފަކުރުމުން ސަލާމަތްކޮށްދޭ އައްޑަނައެއްކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.

ފާފަ ކުރުމުން ސަލާމަތްވުމަށާއި ހެޔޮ އަމަލުކުރުން ގިނަކުރަން ޝައުޤުވެރިވާ މީހާއަށް އޮތް އެންމެ ރައްކާތެރިގޮތަކީ ކޮބައިތޯ ވަރަށް ގިނަ ބައަކު ސުވާލުކުރެއެވެ. ޚާއްޞަކޮށް ފާފަތަކަށް އަރައިގަތުމުގެ ޝައުޤުވެރިކަން ކުޑަ ކުރެވިދާނެ ގޮތްތަކާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ.

އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ދެ މައްސަލައަށްވެސް، ފާފަ ކުރުމުން ސަލާމަތްވުމަށާއި ހެޔޮ އަމަލުކުރުން ގިނަކުރަން ޝައުޤުވެރިވާ މީހާއަށް ވެސް އޮތް އެންމެ ރައްކާތެރިގޮތަކީ އެކުގައި ރަނގަޅު ބައިވެރިން ނޫނީ ނުގެންގުޅުމެވެ. އެއް ފިކުރުގެ މީހުންނާއިއެކުގައި ނޫނީ ނުއުޅުމެވެ.

ފާފަ ކުރުމުން ސަލާމަތްވުމަށް އެދޭނީވެސް އަދި ހެޔޮ އަމަލުކުރުން ގިނަކުރަން ޝައުޤުވެރިވާނީވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ރަނގަޅު ގޮތުގައި އުޅެން ބޭނުންވާ މީހާއެވެ. ވީމާ އެފަދަ މީހުން އެކުވެރިންގެ ގޮތުގައި ޚިޔާރުކުރަންވާނީ ވެސް އެފަދަ މީހުންނެވެ.

ކުޑަ މިސާލެއް ބުނެފާނަމެވެ. ތަފާތު ފިކުރުތަކުގެ މީހުންނާއިއެކުގައި އުޅޭނަމަ ނުބައި އަމަލުތައް ކުރަން ޝައުޤްވެރިވާ މީހުންވެސް އެކުވެރިންގެ ތެރޭގައި ތިބޭނެއެވެ. އެމީހުން ދައްކާ ވާހަކަތަކާއި ކުރާ އަމަލުތަކުގެ ސަބަބުން ފާފަކުރުމަށް ޝައުޤްވެރިކަން އިތުރުވާނެއެވެ. އެންމެފަހުން އޮންނާނީ ފާފަތަކަށް އަރައިގަނެވިފައެވެ.

މިސާލަކަށް ބަންގި ގޮވީމާ ނަމާދަށް ދާން ބޭނުން ނުވާ މީހުންނާއިއެކުގައި އުޅޭނަމަ، އަދި ފަހުން ކޮށްލެވިދާނެ ކަމަށް ދެކޭ މީހުންނާއިއެކުގައި އުޅޭ ނަމަ ގިނަ ފަހަރު އޮންނާނީ ޖަމާއަތަށް ނަމާދަށް ނުދެވިފައެވެ. އަދި އެކަން ބޮޑުވަމުން ގޮސް ނަމާދުގެ ވަގުތުގައި ނުކުރެވޭތަންވެސް އަންނާނެއެވެ. ބުނަން ހެއްޔެވެ؟

ނަމާދު ޤަޟާ ކުރުމަކީ ނުކުރުމަށްވުރެ ރަނގަޅު ކަމެކެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ޤަޟާ ކުރުމަކީ ކުށެކެވެ. ސަބަބަކީ ނަމާދު ފަރުޟު ކުރެއްވެވީ ޤަޟާ ކުރުމަކަށް ނޫނެވެ. ނަމާދުގެ ވަގުތުގައި ކުރުމަށެވެ. ވީމާ މަސައްކަތް ކުރަންޖެހޭނީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގައި ކުރުމަށެވެ. ނިދުމާއި ހަނދާން ނެތުން ނޫނީ ނަމާދު އެޅުމަށް އެއްވެސް އުޒުރެއް ނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން