ދުނިޔޭގަ ހުރެ ސުވަރުގޭގެ އުފާވެރިކަން އިޙްޞާޞްކުރަން ބޭނުންނަމަ ދަމުނަމާދަށް ރައްކާތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދުނިޔޭގަ ހުރެ ސުވަރުގޭގެ އުފާވެރިކަން އިޙްޞާޞްކުރަން ބޭނުންނަމަ ދަމުނަމާދަށް ރައްކާތެރިވާށެވެ!

ދުނިޔޭގައި ހުރެވެސް އެމީހަކަށް ސުވަރުގޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްޞާޞްކުރަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ ނަމަވެސް އެކަމަށް އެދިގެން މަސައްކަތް ކުރެވެނީ ހާދަ މަދު މީހަކަށެވެ. މިރޭ ވާހަކަ ދައްކައިލަން ބޭނުންވަނީ ކުރިން މިބުނި ފަދައިން ދުނިޔޭގައި ހުރެވެސް އެމީހަކަށް ސުވަރުގޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްޞާޞްކުރަން ބޭނުންނުވާ މީހުން ކުރަން އޮތް މަތިވެރި އަޅުކަމުގެ ވާހަކައެވެ.

ވަރަށް ސާފެވެ! އެއަޅުކަމަކީ ދަމުނަމާދުކުރުމެވެ.

ދަމުނަމާދުކުރުމާއިމެދު އޮތް ޙަދީޘްފުޅުން އެނގެންހުރި ކަންކަމަށް ބަލާށެވެ! "ދަމުނަމާދަށް ރައްކައުތެރިިވާށެވެ! އެއީ ކުރިން އުޅުނު ޞާލިޙް ހެޔޮ ލަފާ މީހުންވެސް ކުރި އަޅުކަމެކެވެ. ދަމުނަމާދުގެ ސަބަބުން ތިބާ ﷲ ތައާލާ އާއި ކުއްތަންވުން އިތުރުވާނެއެވެ. ދަމުނަމާދުކުރުމުން ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. އަދި ފާފަކުރުމުން މީހާ ސަލާމަތްކުރައްވަވައިދެއްވަވާނެތެވެ!"

މީސްތަކުންނޭވެ! ދަމުނަމާދަކީ ހަމައެކަނި ގުދުވުމާ ސަޖިދަކުރުން ކަމަށް ނުހަދާށެވެ! އަދި އެއީ ހަމައެކަނި ރަމަޟާން މަސް އައުމުން ކުރަން އޮތް ކަމަކަށްވެސް ނުހަދާށެވެ! ﷲ ތަޢާލާގެ ވަހީބަސްފުޅުގައި ވަނީ މިފަދައިންނެވެ.

"ރޭގަނޑުގެ އަޅުކަންކުރެއްވެވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. (.) އެރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެއަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! (.) ނުވަތަ އެއަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން ޤުރްއާން ކިޔަވައިވިދާޅުވާށެވެ! (.) (އަލްމުއްޒައްމިލި: 2،3،4)

އަދިވެސް ވަޙީ ކުރައްވަވާފައިވެއެވެ.

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބުރަދަން ހުރި ބަހެއް ބާވައިލައްވަވާހުށީމެވެ. (.) ހަމަކަށަވަރުން ނިދުމަށްފަހު ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ ނަމާދުގެތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަންބޮޑެވެ!" (އަލްމުއްޒައްމިލި: 5،6)

މީސްތަކުންނޭވެ! ތިމާއަށް އީމާންތެރިކަން ބޭނުންވާ، ތިމާގެ ދަރިންނަށާއި ޢާއިލާއަށް ރަނގަލުގޮތްތައް މެދުވެރިވުމަށް އުންމީދުކުރާ، ކައްވަޅުގެ ޢަޛާބަށާއި 50،000 އަހަރުދުވަސްހައި ދިގުވެގެންދާނެ ޤިޔާމަތްދުވަހަށް ބިރުވެތިވާ، އަދި ދީނީ ނަޞޭހަތްދީއުޅޭ ޢިލްމުވެރިއަކީ، ސޯޝަލް މީޑިއާގައި ދީނުގެ ވާހަކަތައް ހާމަކުރާ އެއްވެސް މީހަކީ ދަމުނަމާދުނުކުރާ މީހަކަށްވުމަކީ ކޮންފަދައަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ ދަމުނަމާދުނުކޮށް ޞާލިޙުންގެތެރޭގައި ހިމެނިގެންދާނީ ކިހިނަކުންހެއްޔެވެ؟

މީސްތަކުންނޭވެ! ދަމުނަމާދުގައި ބަލަންވީ ހަމައެކަނި ކުރެވޭ ރަކްޢަތުގެ ޢަދަދަކަށްނޫނެވެ. ނަމާދުގައި ވަގުތު ހޭދަކުރެވޭވަރަށެވެ. ކިޔަވާ ކިޔެވުންތަކަށެވެ. އަދި ދަމުނަމާދަށްފަހު ޤުރްއާން ކިޔެވޭ މިންވަރަށެވެ. ހިތުން ކިޔަވަން އެނގޭ މިންވަރަށް ނަމާދުގައި ކިޔަވާށެވެ! އެނގެނީ ހަމައެކަނި ކުރު ސޫރަތްތައްނަމަ ކުރުސޫރަތްތައް ކިޔަވައިގެން ނަމާދުކުރާށެވެ! ނަމާދަށްފަހު ޤުރްއާން ކިޔަވާށެވެ! އެކަމުގައި ގިނަވަގުތު ހޭދަކުޜާށެވެ!

ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ހިސާބުބެއްލެވުމެއްނެތި ސުވަރުގެ ވަންނާނެ އެކަކީ އެމީހަކު ދުނިޔޭގައި ހުއްޓައި އެމީހަކަށް ﷲ ތަޢާލާ ހިނިވަރުނަކުރެއްވެވި މީހާއެވެ. ﷲ ތަޢާލާ އެމީހަކަށް ހިނިވަރުނަކުރައްވަވާނެ އެކަކީ އަރާމު ތަންމަތީގައި، ލޯބިވާ ބައިވެރިޔާ އާއިއެކުގައި ނިދަން އޮވެފައި ﷲ ތަޢާލާގެ ރަޙްމަތަށް އެދި ތަންމަތި ދޫކޮށް ތެދުވެ ރޭއަޅުކަންކުރާމީހާއެވެ.

މިފަދަ ޙަދީޘްފުޅުތަކާއި ވަޙީބަސްފުޅުތައް ފެންނަން ހުއްޓައިމެ މިއަދު ގިނަބައަކު މިވަނީ ދަމުނަމާދާއިމެދު ޣާފިލުވެ އެކަން ހަނދާން ނައްތާލައިފައެވެ. ދުނިޔޭގައި ހުރެވެސް އެމީހަކަށް ސުވަރުގޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްޞާޞްކުރަން ލިބެން އޮތް ފުރުޞަތު ދޫކޮށްލައިފައެވެ. ވީމާ ހޭލުންތެރިވާށެވެ! ހަމަމިރެއިން ފެށިގެން ދަމުނަމާދުކުރަން ފަށާށެވެ! އެންމެ 2 ރަކްޢަތް ނަމަވެސް ކުރަން ފަާށެވެ!

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން