ޒިނޭކުރަމުން އައި ދެމީހަކު ތައުބާނުވެ ކައިވެނިކުރުމުން ކައިވެނި ޞައްހަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ޒިނޭކުރަމުން އައި ދެމީހަކު ތައުބާނުވެ ކައިވެނިކުރުމުން ކައިވެނި ޞައްހަވާނެތޯ؟

ޒިނޭކުރަމުން އައި ދެމީހަކު ތައުބާނުވެ ކައިވެނިކުރުމުން ކައިވެނި ޞައްހަވާނެތޯ؟ މިއީ ގިނަ ބައަކު ކުރަމުން އަންނަ ސުވާލެކެވެ. މިފަދަ ސުވާލުތައް އެކުރެވެނީ އެކަން އެގޮތަށް ކުރެވެމުން އަންނާތީއެވެ. އެހެންކަމާއިއެކުވެސް އޮތް އުފާވެރިކަމަކީ މިފަދަ ސުވާލުތައް ކުރުން ގިނަވުމުން އަންގައިދެނީ އެކަމަށް ކަންބޮޑުވާ މީހުންވެސް ގިނަވަމުން އަންނަ ކަމެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. 

ތިރީގައި އެވަނީ އެފަދަ ސުވާލަކާއި ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވަވާފައިވާ ޖަވާބެކެވެ. 

ކައިވެނީގެކުރިން ޒިނޭކުރެވި ފަހުން އެދެމީހުންނަށް ހެޔޮވިސްނި އިސްލާހްވެ ހެޔޮމަގަށް އައިސްފިނަމަވެސް ކައިވެނި ރޫޅާލާ ސައްހަ ކައިވެންޏެއް ކުރަންޖެހޭނެތޯ؟ 

ޒިނޭކުރާ މީހަކު ތައުބާވުމުގެ ކުރިން ކައިވެނި ކުރުން ހުއްދަވެގެންނެއް ނުވެއެވެ. ނޫރު ސޫރަތުގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ) 

މާނައަކީ: " ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ شريكކުރާ އަންހެނަކާނޫނީނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކުނުވަތަ شريكކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދިمؤمنންގެ މައްޗަށް އެކަން حرامކުރައްވާފައިވެއެވެ. (ނޯޓު: މި آيةގައިވާ حكمވަނީ މި سورةގެ 32ވަނަ آيةން نسخވެފައިކަމަށް علمވެރިން ދެކެވަޑައިގަންނަވައެވެ."

އެހެންކަމުން، ކައިވެނީގެ ކުރިން ތައުބާވެފައިވާނަމަ އެކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ. ތައުބާވުމުގެ ކުރިން ކައިވެނިކޮށްފައިވާނަމަ އެކައިވެންޏާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ޙުއްޓެވެ. 

ޖުމްހޫރުން ދެކޭ ގޮތުގައި ޒިނޭ އިން ތައުބާވުމުގެ ކުރިން ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ. ސަބަބަކީ ކައިވެނީގެ ޢަގްދު ޞައްޙަވުމުގެ ޝަރްޠު ތަކުގެ ތެރޭގައި ކައިވެނީގެ ކުރިން ތައުބާވުން ނުހިމެނޭތީވެއެވެ. 

ނަމަވެސް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ކައިވެނީގެ ކުރިން ތައުބާ ނުވާނަމަ ކައިވެނި ޞައްޙަ އެއް ނުވާނެއެވެ. އެހެންކަމުން، މިކަމުގައި އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ތައުބާ ވުމަށް ފަހުގައި ކައިވެނީގެ ޢަގްދު އާކޮށްލުމެވެ. މިގޮތަށް ޢަގްދު އާ ކުރުމުގެ ކުރިން ކައިވެނި ރޫޅާލާކަށް ނުޖެހޭނެއެވެ. والله أعلم.

އިތުރު ސުވާލާ ޖަވާބު: 

ޖިމާޢުނުވެ ކޮންމެވެސް އެހެންގޮތަކުން އެދުން ފުއްދާފިއްޔާ ޖުނުބްވެރިވާނެތޯ؟ 

ކޮންމެ ގޮތަކުން ނަމަވެސް މަނި ބޭރުވެއްޖެނަމަ ޖުނުބުވެރިއަކަށްވީއެވެ. ޖުނުބުވެރިއަކަށް ވެއްޖެނަމަ ހިނައިގަތުން ވާޖިބު ވެއްޖެއެވެ. والله أعلم. 

ޖިންސީ ގުޅުން ހިންގުމާއި، ޖިންސީ މައްސަލަތަކާއި އެކަންކަމުގެ މައުލޫމާތުތައް ހުންނަ ފޮތްފޮތް ކިޔުން ދެމަފިރިންނަށް ހުއްދަވާނެތޯ؟ 

ޖިންސީ ގުޅުން ހިންގުމާއި، ޖިންސީ މައްސަލަތަކާއި އެކަންކަމުގެ މައުލޫމާތުތައް ހުންނަ ފޮތްފޮތް ކިޔުން ދެމަފިރިންނަށް ހުއްދަވާނެއެވެ. والله أعلم. 

އަމިއްލައަށް އެދުން ފުއްދުން ހުއްޓާލާނީ ކިހިނެތް؟

އަމިއްލަ އަށް އެދުން ފުއްދުން ހުއްޓާލުމަށްޓަކައި ފުރަތަމަ ކަމަކަށް ﷲ އަށް ބިރުވެތިވާށެވެ. އަދި ތިޔަ ކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއްކަން ހިތުގައި އަބަދުމެ ބާއްވާށެވެ. އަދި އެޔަށް ފަހުގައި އަވަހަށް ކައިވެނި ކުރާށެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން