އަޅުގަނޑުމެން ދެކެން ފެށި ޒަމާނުންސުރެ ބޮޑު ޢީދުގައި ތަކްބީރުކިޔަންފަށަނީ ޢަރަފާތް ދުވަހުގެ ފަތިސްނަމާދުން ފެށިގެންނެވެ. އެހެނަސް ޛުލްހައްޖު މަހަށް ހަނދުބެލުމާއިއެކު ޞަހާބީން ބާޒާރުތަކުގައާ މިސްކިތްތަކުގަ ޢާ ގެދޮރުގައާ އަދި އެނޫންވެސް (މީހުން އެއްވެ އުޅޭ) ތަންތަނުގައި ތަކްބީރު ވިދާޅުވިއެވެ. މިސްކިތްތަކުގައި ތަކްބީރު ކިޔަން ފަށަނީ ޙައްޖުވިލޭރޭގެ ފަތިސް ނަމާދުންނެވެ.
މިސްކިތްތަކުގައި މިހާރު ތަކްބީރުކިޔަނީ ވަރަށް މަޑުންނެވެ. އެހެންވެ އަޑު އިވެނީ ހަމައެކަނި އިމާމް މީހާ މައިކުން ކިޔާ އަޑެވެ. މީސްތަކުން ކިޔާ އަޑު އިވެނީ ވަރަށް މަޑުންނެވެ. ނަމަވެސް ސުންނަތުގައި އޮތީ ބާރަށް ކިޔުމެވެ. މިސްކިތުގައި ތިބޭ އެންމެން ބާރަށް ކިޔާނަމަ މައިކުގެ އަޑަށްވުރެ މާބާރަށްވެސް ކިޔޭނެއެވެ. ސުންނަތުގައި އޮތީ އިމާމް މީހާ އާއިއެކު އެންމެންވެސް އަޑުހަރުކޮށް، ބާރަށް ކިޔުމެވެ.
މީސްތަކުން ތަކްބީރުކިޔާއަޑު މަޑުވުމުން ބާރަށް ކިޔުމުގެ ސުންނަތް މިދަނީ އުވެމުންނެވެ. އުވެމުންދާ ސުންނަތެއް ދިރުވައި އާލާކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ދެއްވަވާ ކަމެކެވެ. އިން ޝާ ﷲ
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަކްބީރުކިޔުމަކީ ވަރަށް ޖޯޝާއިއެކު އަޑަށް ބާރުލައިގެން ކުރަން އޮތް ކަމެކެވެ. މަޑުން ތަކްބީރު ކިޔުމުން އަންގައިދެނީ އެކަމަށް އެމީހާގެ ކިބައި ޖޯޝެއް ނެތްކަމެވެ. ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ އެކަމެއްގެ ރޫޙާއި އެއްގޮތަށް ޖޯޝްލައިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވިޔަފާރިވެރިންގެ މިސްކިތުގެ އިމާމް ޝައިޚް މުޙައްމަދު އަފްޒަލް ގެންދަވަނީ ކޮންމެ ނަމާދެއްގައި މީސްތަކުންނަށް އެކަން ހަނދުމަކޮށްދެއްވަމުންނެވެ. ޝައިޚް ވިދާޅުވީ އެގޮތަށް އެކަންކުރައްވަނީ އުވެމުންދާ އެ ސުންނަތް ދިރުވައި އާލާކުރުމަށް ކަމަށެވެ.