ދަރިވަރަކު މުދައްރިސަށް ދެންނެވިއެވެ. "އަޅުގަނޑު ކޮންމެ ގޮތަކުން ނަމަވެސް ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުވަފެނުގައި ދެކެން ބޭނުމެވެ. އެކަން ޙާޞިލްކުރެވޭނީ ކިހިނަކުންތޯއެވެ؟
މުދައްރިސް ވިދާޅުވީ އެރޭގެ ކެއުމަށް މުދައްރިސްގެ ގެއަށް ދިއުމަށެވެ. ދިއުމުން ކާންދެއްވީ ވަރަށް ގިނައިން ލޮނުއަޅާފައި ހުރި ލޮނުގަދަ ކެއުމެކެވެ. ބޯނެ ފެންވެސް ނުދެއްވައި ވިދާޅުވީ ނިދުމަށެވެ.
ފަތިހު ނިދީން ހޭލުމުން އޭނާއަށް ފެނުނީ ކޮންކަހަލަ ހުވަފެނެއްތޯ؟ ކޮން އެއްޗެއްތޯ؟ ސުވާލުކުރެއްވުމުން ދަރިވަރު ދެންނެވިއެވެ. "ވަރަށް ބައިވަރު ފެންގަނޑުތަކެވެ. ފަރުބަދަތަކުން ފެންފައިބާތަނެވެ." މުދައްރިސް ވިދާޅުވިއެވެ. " ހުވަފެނުގައި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެން ބޭނުންވާ ނަމަ ކަންތައް ކުރަންވީ ގޮތް ތިއަ އެނގުނީއެވެ."
ސުވާލަކީ މިއެނގުނީ ކޮން ކަމެއްތޯއެވެ؟ ޖަވާބަކީ އޭނާ އެރޭ ނިދީ ވަރަށް ބޮޑަށް ފެންބޮވައިގެން އޮވެ އެކަމަށް ވިސްނަމުންނެވެ. ވީމާ ހުވަފެނުގައި ފެނުނީ ހުސްފެނެވެ. އަހަރެމެން ހުވަފެނުގައި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެން ބޭނުންނަމަ ކުރަން އޮތްކަމަކީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިން ހަނދާންކުރުން ގިނަކުރަންވީއެވެ. ސުންނަތަށް ޢަމަލުކުރުން ގިނަކުރަންވީއެވެ."
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން