ޒަވާޖީ ހަޔާތުގެ އިންޖީނަށް މައްސަލައެއް ނުޖެހި ހިންގަން އަޅަންޖެހޭ ތެލަކީ ދެމަފިރިން އެކުގައި ރޭގަނޑު ވީހާ އަވަހަކަށް ނިދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ޒަވާޖީ ހަޔާތުގެ އިންޖީނަށް މައްސަލައެއް ނުޖެހި ހިންގަން އަޅަންޖެހޭ ތެލަކީ ދެމަފިރިން އެކުގައި ރޭގަނޑު ވީހާ އަވަހަކަށް ނިދުން!

ނިދަން އުނދަގޫވަނީ ސިޙުރަކުން ކަމަށް ޤަބޫލުކުރެވޭނަމަ ނިދަން އޮށޯންނަމުން ކިޔަން  ބަޔާންކުރި 3 އާޔަތާއިމެދު އިތުރު ވާހަކައެއްވެސް ބުނެލަން ބޭނުންވެއެވެ.  

"އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށާއި، ޝައިޠާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ"!

(އަލް އަންފާލް: 11)  

"އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ."

(އަލް ފުރްޤާން: 47)   

" އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން ޝުކުރެއް ނުކުރެތެވެ."

(ޣާފިރް: 61)  

ދަންނައެ:  

މި 3 އާޔަތުގެ މާނައިންވެސް އެނގިގެންދަނީ ރޭގަނޑު އަވަހަށް ނިދުމުގެ ހުރި މުހިންމު ކަމެވެ. އަދި ނިންޖަކީ ﷲ ތަޢަލާގެ ޙަޟްރަތުން ދެއްވަވާ ރަޙްމަތެއް ކަމެވެ.  

ދިރިއުޅުމުގައި އެންމެ މުހިންމު އެއްކަމަކީ ދުޅަހެޔޮ ޞިއްހަތެވެ. ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުމަށް ކޮންމެހެންވެސް ނިދި ބޭނުންވެއެވެ. އެހެންވެ ނިންޖަކީ އިންޖީނަށް ތެޔޮ ބޭނުންވާ ފަދައިން ބޭނުންވާ އެއްޗެކެވެ. އަދި ދެމަފިރިން އެކުގައި ރޭގަނޑު ވީހާ އަވަހަކަށް ނިދުމަކީ ޒަވާޖީ ހަޔާތުގެ އިންޖީނަށް މައްސަލައެއް ނުޖެހި ހިންގަން ބޭނުންވާނަމަ ކޮންމެހެން ބޭނުންވާ ކަމެކެވެ.  

ރޭގަނޑު ހޭލާ ތިބެގެން ކުރަންޖެހޭނީ ކޮންމެހެން ކުރަން މަޖުބޫރުވާ ކަންކަމެވެ. މިޘާލަކަށް ވަޒީފާ އަދާކުރުމުގައި ރޭގަނޑު މަސައްކަތްކުރުން މަޖުބޫރުވުމެވެ. މަޤްބޫލް ސަބަބުތައް މެދުވެރިވެ ދުވާލު ނުކުރެވި ހުންނަ ކަންކަމެވެ.  

ނުނިދެނީ ސިޙުރަކުން ކަމަށްވާނަމަ ސިޙުރުން ސަލާމަތްވާން ކިޔަން މިބުނި 3 އާޔަތުންވެސް އެނގިގެންދަނީ މިބަޔާންކުރި ކަންކަމެވެ. އެހެނެއްކަމަކު މިއަދު އހުރެމެން މިވަނީ ނިދުމުގެ އުޞޫލާއި ވައްޓަފާޅިއަށް ބަދަލުތައް ގެނެސް އެމީހަކު ބޭނުންވާ ގޮތަކަށް ބަދަލުކޮށްލައިފައެވެ.  

ﷲ ތަޢާލާ އެކަމެއް ލައްވަޥާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކޮށްފިނަމަ އެކަމަކުން ލިބޭނީ ގެއްލުމާއި އަނިޔާއެވެ. ނިދުމަށް ގެނައި ގެނައި ބަދަލުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވަމުން މިއަންނަނީ ޒަވާޖީ ޙަޔާތަށެވެ. ވީމާ ވިސްނާލައި އިޞްލާޙްކޮށްލުމަށް އަވަސްވެގަންނަމާ ހިނގާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން