ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރާނެ މަސައްކަތެއް ނުވަތަ ވަޒީފާއެއް ނުލިބުމެވެ. ދަތިޙާލުގައި އުޅެންޖެހުމެވެ. މީސްތަކުންނަށް އާދޭސްކުރަމުން ހިނގަން ޖެހުމެވެ. އެހެންކަމަށްވާއިރު ޙައްލަކީ ކޮބައިކަމާމެދު ވިސްނާލަން އެބަޖެހޭ ނޫންހެއްޔެވެ؟
ކޮންމެ މީހަކީވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހަކަށްވެއްޖެ ކަމަށް ބުނުމަކީ މިޒަމާނުގައި ދޮގަކަށް ނުވާނެއެވެ. އެހައިވެސް ގިނަ ބައަކު ސްމާޓް ފޯނު ގެންގުޅޭތީއެވެ. އަދި މިއަދު ގިނަ ބައަކު އެމީހުންގެ ޚަރަދުތައްކުރަން ބޭނުންކުރަނީވެސް ފޯނެވެ. ބިލްތައް ދެއްކުމަށާއި ކުލި ދެއްކުމަށާއި ތަކެތިގަތުން ފަދަ ކަންކަން ކުރުމަށެވެ.
ކަންމިހެން އޮތްއިރު އެ ފޯނު ބޭނުންކޮށްގެން އާމްދަނީ ހޯދަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރެވޭ ހެއްޔެވެ؟ ވަޒީފާއަކަށް ބޭނުންވެގެން ހުންނަ މީހާއަށް ހުރި ފުރުޞަތުތައް ބަލައި ލިބެންހުރި ވަޒީފާތައް ހޯދަން އެބަ މަސައްކަތްކުރެވޭހެއްޔެވެ؟
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަންކުރަމުން ގޭގައި އަތްއުރާލައިގެން ހުރގެން ދުޢާކުރުމުން އެމީހާ ބޭނުންވާ ވަޒީފާވެސް ދެއްވަވާނެ ކަމަށެވެ. ނުދެއްވަވާނެކަމަކަށް ނުބުނަމެވެ. ނަމަވެސް އެކަމުގައި ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައި އޮތީ އެގޮތަކަށް ނޫނެވެ.
އަންގަވާފައި އޮތީ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. މަސައްކަތްކުރަމުން ވާގިއެދުމަށެވެ. ދުޢާކުރުމަށެވެ. ވީމާ ވަޒީފާ ނުލިބިފައި ހުރި މީހާއަށް ފުރަތަމަކަމަކަށްކުރަންޖެހޭ ކަމަކީ ވަޒީފާ ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ނުލިބި ކިތަންމެ ލަސްވީނަމަވެސް ފޫހިކަމެއްނެތި ވަޒީފާހޯދަން މަސައްކަތްކުރުމެވެ.
ކޮންމެ ދުވަހަކުވެސް ކުރިމަތިލެވެން ހުރި ވަޒީފާގެ ފުރުޞަތުތައް ބަލަމުން ގެންދާށެވެ! ހުރިހާ ތަންތަނަށްވެސް ސިޓީލަމުން ގެންދާށެވެ! އެކަންކަން ކުރުމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ކާމިޔާބު ިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން