ހަމަ ކުޑަކުޑަ ސުވާލަކުން ފަސާނަމެވެ! ތިބާގެ ފޭނަކީ ކޮންމެވެސް ހޮވިސްކީއެކެވެ. ދުނިޔޭގައި އުޅުނީ އެ ހޮވިސްކީއަކާއި އެއްވައްތަރުވެގެންނެވެ. އޭނާއަށް ތާއީދުކޮށް އޭނާ އުޅޭ ގޮތަށެވެ. ސިފަވެސް އެއްގޮތްކޮށްގެންނެވެ.
ޤިޔާމަތް ދުވަހު ހޮވިސްކީއަށް ޖެހުނީ ނަރަކައަށް ވަންނާށެވެ! އަދި އޭނާއާއި ވައްތަރުވެ އޭނާއަށް ތާއީދުކޮށް އޭނާގެ ފަހަތުން ދުވެހެދި މީހުންނަށްވެސް ޖެހުނީ ދުނިޔޭގައި އޭނާ ފަހަތުން ދުވިފަދައިން އެދުވަހުވެސް ދުވަމުން ގޮސް ހަމަ ނަރަކައަށް ވަންނާށެވެ.
މިހެން ބުނުމުން ތިމާ މިހުރީ އޮސްޓްރޭލިޔާގައޭ އޭނާހުރީ އެމެރިކާގައޭ އެހެންވީމާ ފަހަތުން ނުދުވަމެއް ނޫންހެވެ؟ ސުވަލުކުރުމަކުން ނުފުދޭނެއެވެ. އޭނާ އުޅޭ ގޮތަށް އުޅުމާއި އޭނާއަށް ތާއީދުކުރުމާއި ޢޭނާގެ ވީޑިއޯތަކާއި އޯޑިއޯތައް ބެލުމުގައި ވަގުތު ހޭދަކުރާނަމަ އެއޮތީ ހަމަ ވަރުގަދައަށް ފަހަތުން ދުވެވިފައެވެ.
ގޫގްލްސް ސާޗްކޮށްގެންނާއި ފޮތްތައް ބަލައިގެންނާއި މީހުންގެ ގާތުގައި އަހައިގެންވެސް މިއަދު ގިނަ ބައަކު އެންމެ ގިނައިން ހޯދަން ބޭނުންވާ މައުލޫމާތަކީ އެމީހާގެ ސިފަ ރީތި ކުރާނެ ގޮތުގެ މައުލޫމާތެވެ، ގައިގެ ކުލަ ދޮންކޮށް ހަށިގަނޑުގެ ބައްޓަން ބަދަލުކުރާނެ ގޮތުގެ މައުލޫމާތެވެ. އަދި ގޭގެ ބަޖެޓުންވެސް އަސާސީ ބޭނުންތަކަށްވުރެ ގިނަ ޚަރަދު ތިމާމެން ރީތިވުމަށް ކުރަމުން ގެންދާ ގޭގެވެސް މަދެއް ނޫނެވެ.
ރީތިވުމަކީ ކިތަންމެ ބޮޑަށް ސަމާލުކަންދޭ އަދި އެކަމަށް ކިތަންމެ ގިނަ ޚަރަދެއް ކުރިނަމަވެސް އެއިން އެއްވެސް ކަމަކީ އެމީހަކަށް އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫނެވެ. އާޚިރަތް ދުވަހު ފައިދާ ކުރާނީ އެމީހާގެ ކިބައިގައި ހުރި ތަޤްވާވެރިކަމަކުންނެވެ. ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ކުރި އަޅުކަމަކުންނެވެ. ވީއިރު ސިފަ ބަދަލުކުރަން މިހައި ބޮޑު ސަމާލުކަމެއް ދެނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ ފައިދާހުރި މައުލޫމާތަކީ ﷲ ތައާލާ އާއިބެހޭ މައުލޫމާތެވެ. އިސްލާމް ދީނުގެ މައުލޫމާތެވެ. އިސްލާމް ދީނަށް އަމަލުކުރުމުގެ މައުލޫމާތެވެ. ކުރަންޖެހޭ އަޅުކަމުގެ މައުލޫމާތެވެ. ވީމާ އާޚިރަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެ މައުލޫމާތު ހޯދުން މުޅިން ހުއްޓައިލާށެވެ! އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ މައުލޫމާތު ހޯދުން އިތުރުކުރާށެވެ! އިސްލާމް ދީނަށް އަމަލުކުރުން އިތުރުކުރާށެވެ!
އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އެމީހާ ދުނިޔެއަށް އަންނަން ބޭނުންވާ ސިފައަކަށް ނޫނެވެ. އެމީހަކު ބޭނުންވާ ކުލައެއްގައެއްވެސް ނޫނެވެ. އެމީހަކު ބޭނުންވާ ނަސްލަކުންވެސް ނޫނެވެ. އަދި އެމީހާގެ މައިންބަފައިން ކަމަށްވަނީވެސް އެމީހަކު ބޭނުންވާ ބައެއް ނޫނެވެ. މިހުރިހައި ކަންކަމެއް މިންވަރު ކުރައްވަވަނީ އިންސާނާ ދުނިޔެއަށް ފޮނުއްވަވާ ﷲ ތަޢާލާ އެވެ.
އިންސާނާ ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ އެދިވޮޑިގަންނަވާ ސިފައިގައެވެ. ނަމަވެސް މީސްތަކުން މިއަދު މިއުޅެނީ އެކަން ޤަބޫލުނުކުރެވިގެންނެވެ. ކޮންމެވެސް އެހެން މީހަކު އުފައްދަވާފައިވާ ސިފައިގައި ހުންނަން ބޭނުންވެގެންނެވެ. އެމީހާއަކީ ސުވަރުގެ ވައްދަވާނެއަޅެއްކަން ނަރަކައަށް ވައްދަވާނެ އަޅެއްކަންވެސް ނުއެނގޭއިރުވެސްމެއެވެ.
- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން