ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ އަނެކާއަށްވުރެ ގިނައިން، މާފުރިހަމައަށް ލިބެން އެދެވުން- އެއީ އެކައްޗެއްވެސް ނުލިބި ބާކީވެދާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ އަނެކާއަށްވުރެ ގިނައިން، މާފުރިހަމައަށް ލިބެން އެދެވުން- އެއީ އެކައްޗެއްވެސް ނުލިބި ބާކީވެދާނެ ކަމެއް!: މުފްތީ މެންކް

ފުރަތަމަ މިދެއާޔަތުގެ މާނައަށް ވިސްނައިލަމާ ހިނގާށެވެ! 

"---އަދި ދުނިޔޭގެ ޘަވާބަށް އެދޭމީހާ (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އެއިގެތެރެއިން މިނަވަރު ކުރައްވަވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި އާޚިރަތުގެ ޘަވާބަށް އެދޭމީހާ (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އެއިގެތެރެއިން މިންވަރު ކުރައްވަވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި ޝުކުރުކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ދެއްވާހުށީމެވެ." (އާލްޢިމްރާން: 145) 

"---ހަމަކަށަވަރުން ތިއަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7)  

އެކުވެރިންނޭވެ! ޝުކުރުވެރިވުމަކީ ޚާއްޞަ ނިޢްމަތެއް ލިބުމުން ނުވަތަ ވަކި ވަގުތުތަކެއްގައި ކުރާ ކަމަކަށް ނުހަދާށެވެ! ކިތަންމެ ކުޑަކުޑަ ނިޢްމަތެއް ދެއްވެވި ނަމަވެސް ޝުކުރުވެރިވުމަށް އަވަސްވެގަންނާށެވެ. 

އަހަރެމެންނަށް ލިބޭ ކޮންމެ ނިޢްމަތެއްވެސް، ކިތަންމެ ކުޑަކުޑަ ނިޢްމަތެއް ނަމަވެސް އަދި ކިތަންމެ ބޮޑު ނިޢްމަތެއް ނަމަވެސް ލިބެނީ ﷲ ތަޢާލާ އެ ނިޢްމަތެއް ދެއްވެވުމުންނެވެ. މިންވަރުކުރެއްވެވުމުންނެވެ. 

ދެން ވިސަނާލަން ޖެހޭނެ ކަމަކީ ކޮންމެ ނިޢުމަތަކީވެސް އެނިޢްމަތް ދެއްވެވިފަދައިން ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދަވައިފާނެ ނިޢްމަތެއް ކަމެވެ. އަދި ކޮންމެ ދުވަހަކުވެސް އެތައް ބައަކަށް އެފަދަ ކަންކަން ކުރިމަތިވާ ކަމެވެ. 

ބައެއް މީހުންނަށް ނިޢްމަތެއް ދެއްވެވިކަމަށް ޤަބޫލުކުރެވެނީ އެމީހަކު ވާދަކުރަން ބޭނުންވާ މީހާއަށްވުރެ މަތިވެރި ނިޢްމަތެއް ނުވަތަ އޭނާއަށް ދެއްވެވި ނިޢްމަތަށްވުރެ ބޮޑު ނިޢްމަތެއް ލިބުމުންނެވެ. އެހެންކަމަށްވެއްޖެނަމަ އޭނާއަށް ދެއްވަވާ ނިޢްމަތްތައް އޭނާއަށް ބަލައެއް ނުގަނެވެއެވެ. ޝުކުރުވެރިއެއް ނުވެވެއެވެ. 

މިސާލަކަށް ޝުކުރުވެރިވާން ބޭނުންވަނީ އަނެކާއަށް ދެއްވެވި ބައިވެރިޔާއަށްވުރެ ފުރިހަމަ ބައިވެރިއަކު ލިބުމުންކަމަށްވެފައި، އޭނާއަށްވުރެ މަތީ މަޤާމެއް ލިބުމުންކަމަށްވެފައި އަދި އޭނާއަށްވުރެ ބޮޑު ތަނަވަސްކަމެއް ލިބުމުން ކަމަށް ވެއްޖެނަމަ ފުރަތަމަވެސް އެނގިގެން އެދަނީ އެމީހެއްގެ ކިބައިގައި އީމާންކަން ނެތްކަމެވެ. ނުވަތަ ކުޑަކަމެވެ. އަދި އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ހަސަދަވެރިވެވޭކަމެވެ. 

އެއިރުން ތިމާއަށް ދެއްވަވަން ހުރި ނިޢްމަތްތައް މާމަދުކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! އެހެނީ ޝުކުރުވެރިވާއަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރު ކުރައްވަވައި ދެއްވަވަތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން       

މިއަދު އޮންލައިން