ހިތްދަތިވިޔަސް، އަތްމަތި ދަތިވިޔަސް ކަންބޮޑުނުވާށެވެ! ﷲ އަށް އިތުބާރުކުރާ މީހާއަށް އުފާވެރިކަން ދެއްވަވާނެކަމީ ﷲ ގެ ވައުދުފުޅެއްކަން ޤުރްއާނުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ހިތްދަތިވިޔަސް، އަތްމަތި ދަތިވިޔަސް ކަންބޮޑުނުވާށެވެ! ﷲ އަށް އިތުބާރުކުރާ މީހާއަށް އުފާވެރިކަން ދެއްވަވާނެކަމީ ﷲ ގެ ވައުދުފުޅެއްކަން ޤުރްއާނުން-!

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަން ރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (15:97)

އިންސާނާއަށް ކަންބޮޑުވުންތަކާއި ކުރިމަތިކުރައްވަވާނެކަމާއި އެކަންކަމަށް ކެތްތެރިވުމުން ދެއްވަވާނެ ނިޢްމަތްތައް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އަދި އެކަމުގެ ހެކިވެސް ޤުރްއާނުގައި ވަނީ ދައްކަވައިފައެވެ.

ދެން ބަލައިލަންވީ ފުރިހަމަ ގޮތުގައި ވަކީލްކޮށް ކެތްތެރިވުމުން ދެއްވަވާނެ ނިޢްމަތްތަކަށެވެ. މިބަޔާންކުރި ބަސްފުޅުގެ ތެދުކަމަށެވެ.

"ފަހެ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވެވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ޙާޞިލުވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އަދި ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅަކީ، ޙައްޤުތެދުކަން އެކަމަނާ ދެނެވަޑައިގަތުމަށްޓަކައެވެ. އެހެނެއް ކަމަކު، އެއުރެންކުރެ ގިނަ މީހުންނަކަށް އެކަމެއް ނުއެނގެއެވެ." (28:13)

މިއީ މޫސާގެފާނުގެ މަންމާފުޅުގެ ވާހަކައެވެ. ﷲ ތަޢާލާ އެކަމަނާއަށް ކުރިމަތިކުރެއްވެވި އިމްތިޙާނުގައި ކެތްތެރިކަންމަތީގައި ށާބިތުވެވަދައިގަތުމުން އެކަމަނާއަށް ހިތްހަމަޖެހުން ދެއްވެވި ކަމުގެ ވާހަކައެވެ.

މިއާޔަތުން ޔަޤީންކަން ލިބިގެން މިދަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށް ކެތްތެރިވުމުން އުފާވެރިކަން ދެއްވެވުމަކީ ﷲ ތަޢާލާގެ ވަޢުދުފުޅެއްކަމެވެ. ވަޢުދުފުޅު ފުއްދަވާނެކަމެވެ. މައްސަލައަކަށްވަނީ މީސްތަކުންނަށް އެކަން ޤަބޫލުނުކުރެވޭކަން ކަމެވެ.

ﷲ ތަޢާލާގެ މިފަދަ ވަޢުދުބަސްފުޅުތައް އެނގި ޤަބޫލުކުރެވޭނީ ކީރިތި ޤުރްއާން ކިޔަވައި އެއިގެ މާނަ އުނގެނުނު ވަރަކުންނެވެ. އެފޮތުން (ކީރިތި ޤުރްއާނުން) ޝިފާ ހޯދޭނީ އެއިގައިވާ އެއްޗެއް ހިތަށް ވެއްދުނުވަރަކުންނެވެ!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ހާސްވެ ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް އެމީހަކާއި ކުރިމަތިނުވުމެވެ. ހިތްދަތިކަން އިޙްޞާޞްކުރަން ނުޖެހުމެވެ. ނަމަވެސް މިއީ އެކަން އޮތްގޮތެއް ނޫނެވެ. އެފަދަ ކަންކަމާއި ކުރިމަތިލާން ޖެހުމަކީ ހަމަކޮންމެ މީހަކަށްވެސް ކުރަންޖެހޭނެ ކަމެކެވެ. އެއީ ދުނިޔޭގެ ދިރިއުޅުމުގެ އެއްބައެވެ.

ހާސްވެ ކަންބޮޑުވާންޖެހޭ ޙާލަތްތަކުގައި އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެން ނުވާކަމަށް ހީނުކުރާށެވެ! އަހަރެމެންގެ ހިތްތަކަށް އަރައިފައިބާ ކޮންމެ ކަމެއް ވަގުތުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފިލުއްވަވައި ދެއްވެވުން ލަސްކުރައްވަވަނީ ހަމައެކަނި އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަމަށް ކެތްތެރިވުމުން ދެއްވަވަން އޮތް މަތިވެރި ޘަވާބު ދެއްވެވުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން